އެއްމެދު އިމާރާތްތައް ހިންގައި ބެލެހެއްޓުމަށްޓަކައި މެނޭޖްމަންޓް ކޯޕަރޭޝަންތައް އެކުލަވާލުމުގެ މަސައްކަތް އެޗްޑީސީން ފަށައިފިއެވެ.
ހުޅުމާލޭގައި އިމާރާތްކޮށްފައިވާ އެކިއެކި އެއްމެދު އިމާރާތްތައް (ސްޓްރާތައް) ބެހިފައިވާ ގޮތުގެ މަތިން، ވިނަރެސް ފްލެޓުތައް ހިމެނޭ ސްޓްރާޓާ އެކެއް، ދޭއް އަދި ތިނެއްގެ ފުރަތަމަ އަހަރީ އާންމު ޖަލްސާތައް މި މަހުގެ 26، 27 އަދި 28 ގައި ބޭއްވުމަށް ވަނީ ނިންމާފައެވެ.
އެޗްޑިސީން ބުނި ގޮތުގައި މި އަހަރީ އާންމު ޖަލްސާތަކުގެ ބޭނުމަކީ، ވިނަރެސްގެ އެއްމެދު އިމާރާތްތަކުގެ ކަންކަން ބެލެހެއްޓުން ފަސޭހަ ކުރުމަށްޓަކައި، މެނޭޖްމަންޓް ކޯޕަރޭޝަންތައް އެކުލަވާލައި އެ ކޯޕަރޭޝަންތައް ހިންގާނެ ކައުންސިލެއް އިންތިހާބުކުރުމެވެ. އަދި އަހަރީ އާންމު ޖަލްސާގައި އިންތިހާބުކުރެވޭ މެނޭޖްމަންޓް ކޯޕަރޭޝަންގެ ކައުންސިލާ، އެ ސްޓްރާޓާއެއްގައި ހިމެނޭ އިމާރާތްތައް ބެލެހެއްޓުމުގެ ޒިންމާތައް ހަވާލުކުރުމަށް ނިންމާފައި ވެއެވެ.
ކޮންމެ ސްޓްރާޓާއެއް ވަކިން އިންތިހާބުކުރާ މި ކައުންސިލްގައި ހިމެނޭނީ ކައުންސިލްގެ ރައީސް، ހަޒާންދާރު، ސެކްރެޓަރީ އަދި 1 އާންމު މެންބަރެވެ.
އެގޮތުން ބާއްވާ ފުރަތަމަ އަހަރީ އާންމު ޖަލްސާގައި އެ އިމާރާތުގައި ހިމެނޭ ޔުނިޓުތަކުގެ ވެރިންގެ އިތުރުން، އެޗްޑީސީ އަދި ހައުސިން މިނިސްޓްރީގެ ފަރާތްތަކުން ވެސް ބައިވެރިވާނެއެވެ. އަދި ފުރަތަމަ އަހަރީ ޖަލްސާއަށްފަހު، ކޮންމެ އަހަރަކު އެއްފަހަރު ޖަލްސާ ބޭއްވުމަށް ގާނޫނުން ލާޒިމްކުރެއެވެ. އެ ސްޓްރާޓާއެއްގެ މެނޭޖްމަންޓް ކޯޕަރޭޝަން ކައުންސިލް އިންތިހާބުވުމަށްފަހު ޖެހިގެން އަންނަ އަހަރުތަކުގައި އަހަރީ އާންމު ޖަލްސާ ބޭއްވުމަކީ އިންތިހާބުވާ ކައުންސިލްގެ ޒިންމާއެއް ކަމަށް ވެސް އެ ކޯޕަރޭޝަނުން ބުނެއެވެ.
ވިނަރެސްގައި ހިމެނޭ ޓަވަރުތައް ބެހިފައިވަނީ ތިން ސްޓްރާޓާކަށެވެ. އެއީ:
- ސްޓްރާޓާ 1 (ވިނަރެސް ޓަވަރު 1 އިން 4): 564 ރެސިޑެންޝަލް ޔުނިޓް
- ސްޓްރާޓާ 2 (ވިނަރެސް ޓަވަރު 5 އިން 8): 492 ރެސިޑެންޝަލް ޔުނިޓް
- ސްޓްރާޓާ 3 (ވިނަރެސް ޓަވަރު 9 އަދި 10): 288 ރެސިޑެންޝަލް ޔުނިޓް
ވިނަރެސް ފްލެޓުތަކުގެ މެނޭޖްމަންޓް ކޯޕަރޭޝަންތައް އެކުލަވާލައި ނިމުމާއެކު، ހުޅުމާލޭގެ އިތުރު ސްޓްރާޓާ (އެއްމެދު އިމާރާތްތަ)ކުގެ މެނޭޖްމަންޓު ކޯޕަރޭޝަންތައް އެކުލަވާލުމުގެ މަސައްކަތްވެސް އެޗްޑިސީން ކުރިއަށްގެންދާނެއެވެ. މިއީ، އެއްމެދު އިމާރާތްތަކުގެ އާންމު ހިދުމަތްތައް މެދުނުކެނޑި ފޯރުކޮށްދިނުމަށާއި، ދިގުމުއްދަތަކަށް އިމާރާތްތައް ބެލެހެއްޓުން ފަސޭހަކުރުމަށްޓަކައި އެކުލަވާލެވޭ މުހިންމު ކައުންސިލްތަކެއް ކަމަށް ވެއެވެ.
