ދިވެހިރައްޔިތުންގެ ޑިމޮކްރެޓިކް ޕާޓީ (އެމްޑީޕީ) ގެ ގައުމީ މަޖިލީހުގައި ހުރިހާ އުމުރުފުރައެއްގެ މީހުން ތަމްސީލުވުމުގެ މުހިންމުކަން ކުރީގެ ރައީސް މުހައްމަދު ނަޝީދު ފާހަގަކުރައްވައިފިއެވެ.
އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ނަޝީދު ވިދާޅުވީ އެމްޑީޕީ ގައުމީ މަޖިލީހަށް ބޭނުންވަނީ ހުރިހާ އުމުރެއްގެ މީހުންކަމަށާއި އެގޮތުން ޒުވާނުންނާއި ތަޖުރިބާ ހުރި ހަރު މީހުންވެސް ބޭނުންވާކަމަށެވެ. އަދި ޕާޓީގައި ތިއްބެވި ތަޖުރިބާ ހުރި ބޭފުޅުން މަގާމުތަކަށް ޝައުގުވެރިވުމަކީ ޕާޓީއަށް ފައިދާވާނެ ކަމެއްކަމުގައިވެސް ނަޝީދު ވަނީ ވިދާޅުވެފައެވެ.
ރައީސް ނަޝީދު މިފަދައިން ވިދާޅުވެފައި މިވަނީ 4 އޭޕްރީލް 2026 ގައި ބޭއްވި ލޯކަލް ކައުންސިލް އިންތިހާބާއި ރައްޔިތުންގެ ފެންނަ ނުފެންނަ ވޯޓަށްފަހު އެމްޑީޕީގެ އެތެރޭގެ ހިންގުމަށް ބޮޑެތި ބަދަލުތަކެއް ގެންނަމުންދާ ދަނޑިވަޅެއްގައެވެ.
ރިޔާސީ އަދި މަޖިލިސް އިންތިހާބު އެއްކޮށްލުމާ ދެކޮޅަށް އެމްޑީޕީން ކުރި ކެމްޕޭނު ކާމިޔާބުވެފައިވާއިރު މި އިންތިހާބުގައި އެމްޑީޕީން ވަނީ ބޮޑު ކާމިޔާބީއެއްވެސް ހޯދާފައެވެ.
މީގެއިތުރުން މި މަހުގެ 11 ވަނަ ދުވަހު އެމްޑީޕީގެ ގައުމީ މަޖިލީހުން ވަނީ ޕާޓީ ހިންގުމަށް 6 މެމްބަރުންގެ މައްޗަށް އެކުލެވޭ ހާއްސަ ކޮމިޓީއެއް ވަނީ އެކުލަވާލާފައެވެ. މި ކޮމިޓީގައި ރައީސް ނަޝީދުގެ އިތުރުން، ކުރީގެ ރައީސް އިބްރާހީމް މުހައްމަދު ސޯލިހާއި، ޕާޓީގެ ރައީސް އަބްދުﷲ ޝާހިދާއި، ކުރީގެ ޗެއާޕާސަން ފައްޔާޒު އިސްމާއީލުގެ އިތުރުން ވަގުތީ ޗެއާޕާސަން އަބްދުލްގަފޫރު މޫސާ އަދި ޕާލިމެންޓަރީ ގްރޫޕްގެ ލީޑަރު އިބްރާހީމް ނާޒިލް ހިމެނިވަޑައިގަންނަވައެވެ.
މީގެ އިތުރުން ޕާޓީގެ އަސާސީ ގަވާއިދަށް ގެނައި އިސްލާހަކާއެކު ރައީސް ނަޝީދާއި ރައީސް ސޯލިހަށް ވަނީ ގައުމީ މަޖިލީހުގެ ދާއިމީ ޖާގައެއް ދީފައެވެ.
ޕާޓީގެ އިސް މަގާމުތަކަށް ތަޖުރިބާކާރު ބޭފުޅުން ކުރިމަތިލެއްވުމުގެ މުހިންމުކަން ރައީސް ނަޝީދު ފާހަގަކުރެއްވިއިރު ދާދި ފަހުން އެމްޑީޕީގެ އެތެރޭގައި ވަނީ ބޮޑެތި ހިޔާލުތަފާތުވުންތަކެއް އުފެދިފައެވެ. އޭޕްރީލް 6 ވަނަ ދުވަހު އާޓިފިޝަލް ބީޗުގައި ބޭއްވި ޖަލްސާއެއްގައި ރައީސް ނަޝީދާއި ފައްޔާޒަށް ވާހަކަދެއްކެވުމުގެ ފުރުސަތު ނުދިނުމާ ގުޅިގެން އުފެދުނު މައްސަލަތަކުގައި ވަގުތީ ޗެއާޕާސަންގެ އިތުބާރު ނެތްކަމުގެ މައްސަލައެއް 55 މެމްބަރުންގެ ސޮޔާއެކު ހުށަހެޅުނެވެ. ނަމަވެސް ލީޑަރުންގެ މެދުގައި ކުރެވުނު މަޝްވަރާތަކަށްފަހު މި މައްސަލަ މިހާރު ވަނީ ހައްލުކޮށްފައެވެ.
