މޯލްޑިވްސް ޒަކާތު ހައުސްއިން މި އަހަރުގެ ރަމަޟާން މަހު ކުރިއަށްގެންދިޔަ "ޒަކާތު ކުއިޒް 1447" ގެ ނަސީބުވެރިޔާ، އދ. މަހިބަދޫ، އަތަމާގެ، ފާތިމަތު މައާލް އަހްމަދަށް މިއަދު އިނާމު ހަވާލުކޮށްފިއެވެ. މި ކުއިޒުގެ އެއްވަނަ އިނާމެއްގެ ގޮތުގައި ކަނޑައަޅައިފައި ވަނީ ދެ މީހެއްގެ އުމްރާ ދަތުރެކެވެ.
މިއަދު ހެނދުނު 11:00 ގައި އިސްލާމީ މަރުކަޒުގެ ހޯލުގައި ބޭއްވި ހާއްސަ ރަސްމިއްޔާތެއްގައި މައާލަށް މި އިނާމު ހަވާލުކޮށްދެއްވީ މިނިސްޓާ އޮފް ސްޓޭޓް ފޯ އިސްލާމިކް އެފެއާޒް ޑރ. މުހައްމަދު ޝުޖާއު އަބްދުލްހަކީމެވެ. މި ރަސްމިއްޔާތުގައި ޒަކާތު ހައުސްގެ އިސްވެރިންނާއި އިސްލާމީ ކަންތައްތަކާ ބެހޭ ވުޒާރާގެ ބައެއް ބޭފުޅުން ބައިވެރިވެވަޑައިގަތެވެ.
ޒަކާތާ ގުޅޭގޮތުން އާންމުން ހޭލުންތެރިކުރުމުގެ މަގުސަދުގައި ޒަކާތު ހައުސްގެ ރަސްމީ ފޭސްބުކް ޕޭޖު މެދުވެރިކޮށް 30 ދުވަހުގެ މުއްދަތަށް ކުރިއަށްގެންދިޔަ މި ކުއިޒަށް އާންމުންގެ ފަރާތުން ބޮޑު ތަރުހީބެއް ލިބިފައިވެއެވެ. އެގޮތުން 5،000 އަށްވުރެ ގިނަ މީހުން މި ކުއިޒުގައި ބައިވެރިވެފައިވާއިރު، އޭގެ ތެރެއިން 126 މީހަކު ވަނީ ހުރިހާ ސުވާލެއްގެ ޖަވާބު ރަނގަޅުކޮށްފައެވެ.
މި ކުއިޒުގެ ނަސީބުވެރިޔާ ހޮވައިފައި ވަނީ ހުރިހާ ސުވާލަކަށް ރަނގަޅަށް ޖަވާބުދިން 126 މީހުންގެ މެދުގައި ނެގުނު ގުރުއަތުންނެވެ. މި ގުރުއަތުލުން ކުރިއަށްގެންގޮސްފައި ވަނީ މި މަހުގެ 8 ވަނަ ދުވަހު ޒަކާތު ހައުސްއިން ލައިވްކޮށް ކުރިއަށްގެންދިޔަ ހާއްސަ އިވެންޓެއްގައެވެ.
މޯލްޑިވްސް ޒަކާތު ހައުސްއަކީ ރާއްޖޭގެ ޒަކާތުގެ ނިޒާމު ހަރުދަނާކޮށް، ޒަކާތުގެ ނަފާ އޭގެ ބެހެނިވެރިންނަށް ފުޅާ ދާއިރާއެއްގައި ލިބޭނެގޮތަށް ޒަކާތު ފަންޑު ތަރައްގީކުރުމުގެ މަގުސަދުގައި 2023 ވަނަ އަހަރުގެ ޑިސެމްބަރު މަހު އުފައްދައިފައިވާ އިދާރާއެކެވެ. މި އިދާރާއިން އަންނަނީ ޒަކާތާ ގުޅޭގޮތުން އާންމުން ހޭލުންތެރިކުރުމަށާއި، ޒަކާތް ދެއްކުމުގެ ކަންކަން ފަސޭހަކުރުމަށް ގިނަ މަސައްކަތްތަކެއް ކުރަމުންނެވެ. އެގޮތުން މި އަހަރުގެ ފިތުރު ޒަކާތް ބަލައިގަތުމަށް ވެސް ޒަކާތު ހައުސްއިން ވަނީ އޮންލައިން ޕްލެޓްފޯމްތަކާއި ހާއްސަ ޕޯޓަލްއެއް ތައާރަފުކޮށްފައެވެ.
