ޒުވާނުންގެ ހުނަރު ކުރިއެރުވުމަށް ސަރުކާރުން ކުރަމުންދާ މަސައްކަތްތަކުގެ ތެރެއިން، ނާށި ބޭނުންކޮށްގެން އަތްތެރި މަސައްކަތްތައް ދަސްކޮށްދޭ ހާއްސަ ވޯކްޝޮޕެއްގައި ބައިވެރިވުމުގެ ފުރުސަތު މިއަދު ހުޅުވާލައިފިއެވެ.

ޔޫތު ހަބްގެ ޓްރެއިނިން ރޫމްގައި ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވާ މި ވޯކްޝޮޕަކީ އުމުރުން 18 އަހަރާއި 35 އަހަރާ ދެމެދުގެ ޒުވާނުންނަށް އަމާޒުކޮށްގެން ހިންގާ ޕްރޮގްރާމެކެވެ.

ޔޫތު މިނިސްޓްރީން ބުނީ މި ވޯކްޝޮޕްގައި ކާށިނާށި ނުވަތަ ކާށިކުނބު ބޭނުންކޮށްގެން ތަފާތު ސަގާފީ އަދި ޒަމާނީ ތަކެތި ފަރުމާކޮށް ތައްޔާރުކުރާނެ ގޮތްތައް ބައިވެރިންނަށް ދަސްކޮށްދެވޭނެކަމަށެވެ.

މި ޕްރޮގްރާމް ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވަނީ މި ހިނގާ މަހުގެ 19 އިން 23 ވަނަ ދުވަހުގެ ނިޔަލަށެވެ. ކޮންމެ ދުވަހެއްގެވެސް ރޭގަނޑު 20:00 އިން 23:00 އަށް ކުރިއަށްދާ މި ވޯކްޝޮޕަކީ އެއްވެސް ފީއަކާ ނުލައި މުޅިން ހިލޭ ބައިވެރިވެވޭނެ ހަރަކާތެކެވެ.

މި ވޯކްޝޮޕްގައި ބައިވެރިވުމަށް ސްކޭން ކުރަންވީ ކިއުއާރު ކޯޑް

މި ވޯކްޝޮޕްގައި ބައިވެރިވުމަށް ޝައުގުވެރިވާ ޒުވާނުންނަށް ރަޖިސްޓްރީވުމުގެ ފުރުސަތު މިހާރު ވަނީ ހުޅުވާލާފައެވެ. ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒުގެ ސަރުކާރުން އަންނަނީ ޒުވާނުންގެ ކުރިއެރުމަށާއި، ދިވެހި އަތްތެރި މަސައްކަތްތައް ދިރުވައި އާލާކުރުމަށް ގިނަގުނަ މަސައްކަތްތަކެއް ކުރަމުންނެވެ.