މޯލްޑިވިއަން ޑިމޮކްރެޓިކް ޕާޓީ (އެމްޑީޕީ) ހިންގުމާ ގުޅޭ ކަންތައްތަކުގައި އެ ޕާޓީގެ މިހާރުގެ ވަގުތީ ޗެއާޕާސަން އަބްދުލްޣަފޫރު މޫސާ (ގަޕޯ) އަށް ލަފާދޭނެ ޚާއްސަ ވަގުތީ ކޮމިޓީއެއް އެ ޕާޓީގެ ގައުމީ މަޖިލީހުން ފާސްކޮށްފިއެވެ.
ސިއްރު ބައްދަލުވުމެއްގެ ގޮތުގައި ބޭއްވި ގައުމީ މަޖިލީހުގެ ޖަލްސާއަށް މި ގަރާރު ހުށަހެޅުއްވީ ސީދާ ގަޕޯއެވެ. ގަޑިއެއްހާއިރަށް ދިގުދެމިގެންދިޔަ މި ބައްދަލުވުމުގައި އެއްވެސް ހިޔާލުތަފާތުވުމެއް ނެތި މި ގަރާރު ވަނީ ފާސްކޮށްފައެވެ. މި ކޮމިޓީގައި ރާއްޖޭގެ ކުރީގެ ދެ ރައީސުން ކަމަށްވާ މުޙައްމަދު ނަޝީދާއި އިބްރާހީމް މުޙައްމަދު ސޯލިހު ހިމެނިވަޑައިގަންނަވައެވެ.
ގައުމީ މަޖިލީހުން ފާސްކުރި 6 މެމްބަރުންގެ މި ކޮމިޓީގައި ހިމެނިވަޑައިގަންނަވަނީ ކުރީގެ ރައީސް މުހައްމަދު ނަޝީދާއި، ކުރީގެ ރައީސް އިބްރާހީމް މުހައްމަދު ސޯލިހާއި، ވަގުތީ ޗެއާޕާސަން އަބްދުލްގަފޫރު މޫސާގެ އިތުރުން އެމްޑީޕީގެ ރައީސް އަބްދުﷲ ޝާހިދާއި، ޕާލަމެންޓަރީ ގްރޫޕްގެ ލީޑަރު އިބްރާހީމް ނާޒިލް އަދި ކުރީގެ ޗެއާޕާސަން ފައްޔާޒު އިސްމާއީލެވެ.
މި ކޮމިޓީގެ މައިގަނޑު މަސްއޫލިޔަތަކީ ޕާޓީގެ ދުވަހުން ދުވަހަށް ކުރަންޖެހޭ ކަންކަމުގައާއި ސިޔާސީ ނިންމުންތައް ނިންމުމުގައި ވަގުތީ ޗެއާޕާސަނަށް ލަފާދީ މަގުދައްކައިދިނުމެވެ. މި ކޮމިޓީ ދެމިއޮންނާނީ އެމްޑީޕީގެ ދާއިމީ ޗެއާޕާސަންގެ މަގާމަށް ބޭފުޅަކު އިންތިހާބު ކުރެވެންދެން ކަމަށް ގަރާރުގައި ބަޔާންކޮށްފައިވެއެވެ.
ދާދިފަހުން ބޭއްވި ލޯކަލް ކައުންސިލް އިންތިހާބުން އެ ޕާޓީއަށް ލިބުނު ކާމިޔާބީ ފާހަގަކުރުމަށް އޭޕްރީލް 6 ވަނަ ދުވަހުގެ ރޭ ބޭއްވި ޖަލްސާގައި ޕާޓީގެ ކުރީގެ ރައީސް މުހައްމަދު ނަޝީދަށް ވާހަކަފުޅުދެއްކެވުމުގެ ފުރުސަތު ނުދެއްވުމަށް ވަގުތީ ޗެއާޕާސަން ޣަފޫރު ނިންމެވުމާ ގުޅިގެން، ޕާޓީގެ އެތެރޭގައި ބޮޑެތި ނުތަނަވަސްކަން އުފެދިގެން ދިޔައެވެ.
ޕާޓީ ބައިބައިވެ ބޮޑު ކޯޅުމަކަށް ގޮސްފައިވަނިކޮށް، މި މައްސަލަތަކަށް ހައްލެއް ހޯދުމަށް ޕާޓީގެ އިސް ލީޑަޝިޕްގެ މެދުގައި ވަނީ ފުޅާ ދާއިރާއެއްގައި މަޝްވަރާތަކެއް ކުރެވިފައެވެ. އެގޮތުން ނިންމާފައިވާ އެންމެ މުހިންމު އެއް ނިންމުމަކީ، ޕާޓީގެ އެކި ފެކްޝަންތަކުގެ ލީޑަރުން ހިމެނޭ ގޮތަށް ހާއްސަ އިންތިގާލީ ކޮމިޓީއެއް އެކުލަވާލުމެވެ.
