ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒާއި އެމަނިކުފާނުގެ އަނބިކަނބަލުން ސާޖިދާ މުހައްމަދު، އުމްރާގެ އަޅުކަން ފުރިހަމަކުރެއްވުމަށްފަހު މިއަދު ރާއްޖެ ވަޑައިގެންފިއެވެ.

ރައީސްގެ ދެކަނބަލުން ސައުދީ އަރަބިއްޔާއަށް ފުރާވަޑައިގަތީ އޭޕްރީލް މަހުގެ 6 ވަނަ ދުވަހުގައެވެ. މި ދަތުރުފުޅަކީ ސައުދީ އަރަބިއްޔާގެ ރަސްގެފާނު ސަލްމާން ބިން އަބްދުލްއަޒީޒް އާލް ސުއޫދުގެ ހާއްސަ ދައުވަތަކަށް ކުރެއްވި ދަތުރުފުޅެކެވެ.

މި ދަތުރުފުޅުގައި ރައީސްގެ ދެކަނބަލުން ވަނީ މައްކާގައި އުމްރާގެ އަޅުކަން ފުރިހަމަކުރައްވައި، މަދީނާއަށް ޒިޔާރަތްކުރައްވައިފައެވެ. މިއީ ރައީސް މުއިއްޒު ވެރިކަމާ ހަވާލުވެވަޑައިގަތުމަށްފަހު، ސައުދީ ސަރުކާރުގެ ހާއްސަ މެހެމާންދާރީގައި އުމްރާގެ އަޅުކަން އަދާކުރެއްވި ދެވަނަ ފަހަރެވެ.

މީގެ ކުރިން 2024 ވަނަ އަހަރުވެސް އެމަނިކުފާނު ވަނީ ރަސްގެފާނު ސަލްމާންގެ ދައުވަތަކަށް ސައުދީއަށް ވަޑައިގެން އުމްރާގެ އަޅުކަން ފުރިހަމަކުރައްވާފައެވެ. މީގެ އިތުރުން ފާއިތުވި 2025 ވަނަ އަހަރުގެ ހައްޖުގެ އަޅުކަން ފުރިހަމަކުރެއްވުމަށްވެސް ރައީސްގެ ދެކަނބަލުން ސައުދީއަށް ވަޑައިގަތީ ސައުދީ ސަރުކާރުގެ ހާއްސަ މެހެމާންދާރީގައެވެ.

ރައީސް ކުރެއްވި މި ދަތުރުފުޅުގެ މެހުމާންދާރީއާއި ހުރިހާ ހަރަދެއް ހަމަޖައްސަވައިދެއްވާފައިވަނީ ސައުދި އަރަބިއްޔާގެ ސަރުކާރުންނެވެ.