މިމަހުގެ 4 ވަނަ ދުވަހު ރާއްޖޭގައި ބޭއްވުނު ލޯކަލް ކައުންސިލް އިންތިހާބާއި އެހެނިހެން ވޯޓުތަކުގެ ދާއިމީ ނަތީޖާ މާދަމާ އިއުލާން ކުރާނެ ކަމަށް އިލެކްޝަންސް ކޮމިޝަނުން ހާމަކޮށްފިއެވެ.
އިލެކްޝަންސް ކޮމިޝަނުން ވިދާޅުވި ގޮތުގައި މިހާރު ވަނީ އިންތިހާބުތަކުގެ ވަގުތީ ނަތީޖާ އެ ކޮމިޝަންގެ ވެބްސައިޓުގައި އާންމުކޮށްފައެވެ. އަދި މިހާތަނަށް ދާއިމީ ނަތީޖާ އާންމު ނުކުރެވި ވަނީ ބައެއް ފޮށިތަކާ ގުޅޭގޮތުން ހުށަހެޅިފައިވާ ޝަކުވާތަކެއް ހުރުމުންނެވެ. އެހެންނަމަވެސް، އެ ފޮށިތައް އަލުން ގުނައި ނިންމުމަށްފަހު، މާދަމާ ބާއްވާ ނޫސްވެރިންގެ ބައްދަލުވުމެއްގައި ހުރިހާ ދާއިމީ ނަތީޖާތަކެއް ރަސްމީކޮށް އިއުލާން ކުރާނެއެވެ.
މިމަހު 4 ވަނަ ދުވަހު ބޭއްވުނު އިންތިހާބުގައި ތިން ކަމަކަށް ރައްޔިތުން ވޯޓު ދީފައިވެއެވެ. އެއީ ލޯކަލް ކައުންސިލްތަކަށް މެންބަރުން އިންތިހާބު ކުރުމާއި، އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމެޓީތަކުގެ މެންބަރުން ހޮވުމުގެ އިތުރުން، ރިޔާސީ އިންތިހާބާއި މަޖިލިސް އިންތިހާބު އެއް ދުވަހެއްގައި ބޭއްވުމާ މެދު ރައްޔިތުންގެ މެދުގައި ނެގުނު ހިޔާލު ހޯދުމުގެ އާންމު ވޯޓެވެ.
މި ފަހަރުގެ އިންތިހާބަކީ ރާއްޖޭގެ ތާރީހުގައިވެސް ކައުންސިލް އިންތިހާބެއްގައި އެންމެ ގިނަ އަދަދަކަށް މީހުން ވޯޓުލީ ފަހަރެވެ. ޖުމްލަ 294,876 މީހުންނަށް ވޯޓުލުމުގެ ހައްގު ލިބިގެންވީއިރު، އޭގެ ތެރެއިން 73 އިންސައްތަ މީހުން ވަނީ ވޯޓުލާފައެވެ. މި އިންތިހާބުގައި ރަށު ކައުންސިލްތަކަށް 626 މެންބަރުން އަދި ސިޓީ ކައުންސިލްތަކަށް 52 މެންބަރުން އިންތިހާބު ކުރުމަށް ވަނީ ވޯޓު ދީފައެވެ.
އިންތިހާބުވި ކައުންސިލަރުން ހުވާކުރުމުގެ ރަސްމިއްޔާތު އަންނަ މަހުގެ 17 ވަނަ ދުވަހު ބޭއްވުމަށް ވަނީ ހަމަޖެހިފައެވެ. ލޯކަލް ގަވަމެންޓް އޮތޯރިޓީ (އެލް.ޖީ.އޭ) އިން މިހާރު ދަނީ އެކަމުގެ އިންތިޒާމުތައް ތައްޔާރުކުރަމުންނެވެ. ކައުންސިލަރުން ހުވާކުރުމާއި، އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމެޓީތަކުގެ މެންބަރުން އިޤްރާރުގައި ސޮއިކުރުން ކުރިއަށްދާނީ އެއް ރަސްމިއްޔާތެއްގެ ދަށުންނެވެ.
