އިދިކޮޅު މޯލްޑިވިއަން ޑިމޮކްރެޓިކް ޕާޓީ (އެމްޑީޕީ) ގެ އެތެރޭގެ މަސްލަހަތު ގޯސްވެ، އެ ޕާޓީގެ ވަގުތީ ޗެއާޕާސަން އަބްދުލްގަފޫރު މޫސާ (ގަޕޯ)، މަގާމުން ވަކިކުރަން ޕެޓިޝަނެއް ހުށަހަޅައިފިއެވެ.
މިކަމާ ގުޅޭގޮތުން އިތުބާރު ހުރި ފަރާތަކުން ދަ ޕްރެސް އަށް މައުލޫމާތު ދީފައިވާ ގޮތުގައި، ގަޕޯގެ އިތުބާރު ނެތްކަމުގެ މައްސަލައިގެ މި ޕެޓިޝަން އެމްޑީޕީގެ ގައުމީ މަޖިލިހަށް ހުށަހަޅާފައިވަނީ ދާދި ދެންމެއަކުއެވެ. ގަޕޯ މަގާމުން ވަކިކުރުމުގެ ވޯޓެއް ނެގުމަށް އެދި ހުށަހަޅާފައިވާ މި ޕެޓިޝަނުގައި އެ ޕާޓީގެ ގައުމީ މަޖިލީހުގެ 55 މެމްބަރުން ވަނީ ސޮއިކުރައްވާފައެވެ.
އެމްޑީޕީގެ އުސޫލުތައް ހަމަޖެހިފައިވާ ގޮތުން، ގައުމީ މަޖިލިހުގެ 10 މެމްބަރަކު ސޮއިކޮށް ހުށަހަޅައިފި ނަމަ ޖަލްސާއެއް ބޭއްވުން ލާޒިމްވާނެއެވެ. އަދި ގައުމީ މަޖިލިހުގެ ސިމްޕަލް މެޖޯރިޓީން ޗެއާޕާސަން މަގާމުން ވަކިކުރެވޭނެއެވެ.
ގަޕޯ މަގާމުން ވަކިކުރުމުގެ މަސައްކަތް ހޫނުވެފައި މިވަނީ، އެމްޑީޕީގެ ޑެޕިއުޓީ ޗެއާޕާސަން އިބްރާހިމް ވަހީދު (އިބުރޭ) އަދި ލީގަލް ޑިރެކްޓަރު އަހުމަދު މައުރޫފް މަގާމުން ވަކިކުރިކަން އަންގައި ގަޕޯ ސޮއިކުރައްވައި ސިޓީ ފޮނުއްވި މައްސަލައާ ގުޅިގެންނެވެ. އެ ބޭފުޅުން ވަކިކުރި ސަބަބެއް އެ ސިޓީގައި ބަޔާންކޮށްފައި ނުވާއިރު، އިބުރޭ ވަނީ އެއީ ޕާޓީގެ އަސާސީ ގަވާއިދާ ހިލާފު ނިންމުމެއް ކަމަށް ބުނެ ގަޕޯ އަށް ވަރަށް ބޮޑަށް ފާޑުވިދާޅުވެފައެވެ.
މީގެ އިތުރުން، މިދިޔަ ހޮނިހިރު ދުވަހު ބޭއްވި ލޯކަލް ކައުންސިލު އިންތިހާބުގެ ކާމިޔާބީ ފާހަގަކުރުމަށް ބޭއްވި ޖަލްސާގައި، އެޕާޓީގެ ކުރީގެ ރައީސް މުހައްމަދު ނަޝީދަށް ވާހަކަފުޅު ދެއްކެވުމުގެ ފުރުސަތު އެޖެންޑާއިން އުނިކުރި މައްސަލައިގައި ވެސް ޕާޓީ ތެރޭގައި ވަނީ ބޮޑެތި ހިޔާލުތަފާތުވުންތަކެއް އުފެދިފައެވެ. މިކަމާ ގުޅިގެން ރައީސް ނަޝީދަށް ތާއީދުކުރާ މެމްބަރުން އެ ޖަލްސާ ބޮއިކޮޓްކުރި ނަމަވެސް، ގަޕޯ ވިދާޅުވީ އެއީ މަސްލަހަތު ގެއްލޭ ގޮތަށް ބަޔަކު ފެތުރި ވާހަކަތަކެއް ކަމަށެވެ.
ހަނިމާދޫ ދާއިރާގެ މެމްބަރުކަން ވެސް ކުރައްވާ ގަޕޯ އެމްޑީޕީގެ ވަގުތީ ޗެއާޕާސަންގެ މަގާމާ ހަވާލުވެވަޑައިގަތީ، ކުރިން އެ މަގާމުގައި ހުންނެވި ފައްޔާޒު އިސްމާއިލް އިސްތިއުފާ ދެއްވުމާ ގުޅިގެންނެވެ.
