އިދިކޮޅު މޯލްޑިވިއަން ޑިމޮކްރެޓިކް ޕާޓީ (އެމްޑީޕީ) ގެ އެތެރޭގެ މަސްލަހަތު ގޯސްވެ، އެ ޕާޓީގެ ވަގުތީ ޗެއާޕާސަން އަބްދުލްގަފޫރު މޫސާ (ގަޕޯ)، މަގާމުން ވަކިކުރަން މަސައްކަތް ފަށައިފިއެވެ.

މިކަމާ ގުޅޭގޮތުން އިތުބާރު ހުރި ފަރާތަކުން ދަ ޕްރެސް އަށް މައުލޫމާތު ދެމުން ބުނީ އެމްޑީޕީގެ ވަގުތީ ޗެއާޕާސަން އަބްދުލްގަފޫރު މޫސާ ގެ އިތުބާރު ނެތްކަމުގެ މައްސަލައެއް ގައުމީ މަޖިލިހަށް ހުށަހެޅުމަށްޓަކައި ޕެޓިޝަނެއްގައި ސޮއިކުރުމުގެ މަސައްކަތް ކުރިއަށްދާކަމަށެވެ. އަދި ގަޕޯ ވަކިކުރުމުގެ ވޯޓެއް ނެގުމަށް އެދި ހުށަހަޅާ މި ޕެޓިޝަނުގައި ރޭގެ ނިޔަލަށް 50 އަށް ވުރެ ގިނަ މެމްބަރުން ވަނީ ސޮއިކުރައްވާފައެވެ.

އެމްޑީޕީގެ އުސޫލުތައް ހަމަޖެހިފައިވާ ގޮތުން، ގައުމީ މަޖިލިހުގެ 10 މެމްބަރަކު ސޮއިކޮށް ހުށަހަޅައިފި ނަމަ ޖަލްސާއެއް ބޭއްވުން ލާޒިމްވާނެއެވެ. އަދި ގައުމީ މަޖިލިހުގެ ސިމްޕަލް މެޖޯރިޓީން ޗެއާޕާސަން މަގާމުން ވަކިކުރެވޭނެއެވެ.

ގަޕޯ މަގާމުން ވަކިކުރުމުގެ މަސައްކަތް މި ހޫނުވީ، އެމްޑީޕީގެ ޑެޕިއުޓީ ޗެއާޕާސަން އިބްރާހިމް ވަހީދު (އިބުރޭ) އަދި ލީގަލް ޑިރެކްޓަރު އަހުމަދު މައުރޫފް މަގާމުން ވަކިކުރިކަން އަންގައި ގަޕޯ ސޮއިކުރައްވައި ސިޓީ ފޮނުއްވި މައްސަލައާ ގުޅިގެންނެވެ. އެ ބޭފުޅުން ވަކިކުރި ސަބަބެއް އެ ސިޓީގައި ބަޔާންކޮށްފައި ނުވާއިރު، އިބުރޭ ވަނީ އެއީ ޕާޓީގެ އަސާސީ ގަވާއިދާ ހިލާފު ނިންމުމެއް ކަމަށް ބުނެ ގަޕޯ އަށް ވަރަށް ބޮޑަށް ފާޑުވިދާޅުވެފައެވެ.

މީގެ އިތުރުން، މިދިޔަ ހޮނިހިރު ދުވަހު ބޭއްވި ލޯކަލް ކައުންސިލު އިންތިހާބުގެ ކާމިޔާބީ ފާހަގަކުރުމަށް ބޭއްވި ޖަލްސާގައި، އެޕާޓީގެ ކުރީގެ ރައީސް މުހައްމަދު ނަޝީދަށް ވާހަކަފުޅު ދެއްކެވުމުގެ ފުރުސަތު އެޖެންޑާއިން އުނިކުރި މައްސަލައިގައި ވެސް ޕާޓީ ތެރޭގައި ވަނީ ބޮޑެތި ހިޔާލުތަފާތުވުންތަކެއް އުފެދިފައެވެ. މިކަމާ ގުޅިގެން ރައީސް ނަޝީދަށް ތާއީދުކުރާ މެމްބަރުން އެ ޖަލްސާ ބޮއިކޮޓްކުރި ނަމަވެސް، ގަޕޯ ވިދާޅުވީ އެއީ މަސްލަހަތު ގެއްލޭ ގޮތަށް ބަޔަކު ފެތުރި ވާހަކަތަކެއް ކަމަށެވެ.

ހަނިމާދޫ ދާއިރާގެ މެމްބަރުކަން ވެސް ކުރައްވާ ގަޕޯ އެމްޑީޕީގެ ވަގުތީ ޗެއާޕާސަންގެ މަގާމާ ހަވާލުވެވަޑައިގަތީ، ކުރިން އެ މަގާމުގައި ހުންނެވި ފައްޔާޒު އިސްމާއިލް އިސްތިއުފާ ދެއްވުމާ ގުޅިގެންނެވެ.

އެމްޑީޕީގެ އެތެރޭގެ ކޯޅުން ބޮޑުވެފައިވާ މި ދަނޑިވަޅުގައި، ގަޕޯގެ އިތުބާރު ނެތްކަމުގެ މައްސަލަ ފެންމަތިވެފައިވާއިރު، އެ ޕާޓީގެ ދާއިމީ ޗެއާޕާސަންގެ މަގާމަށް މީކާއީލް ނަސީމް ކުރިމަތިލައްވާފަވާކަންވެސް މިއަދު ވަނީ އިއުލާންކޮށްފައެވެ.