އިރާނު ނެތިކޮށްލާނެ ކަމަށް އެމެރިކާގެ ރައީސް ޓަރަމްޕް ދިން އިންޒާރާއެކު އެ ގައުމު ދިފާއު ކުރަން އީރާނުގެ ރައްޔިތުން ނުކުމެ އަތުގުޅާލައިފިއެވެ.

ހޮރްމޫޒް ކަނޑުއޮޅި ހުޅުވާލުމަށް ޓްރަމްޕް ދީފައިވާ ސުންގަޑި ކައިރިވަމުން އަންނަނިކޮށް ޓަރްމްޕް ވަނީ އީރާންގެ އާބާދީ މިރޭ ނެތިކޮށްލާނެ ކަމަށް ބުނެ ވަރުގަދަ އިންޒާރެއް ދީފައެވެ.

އެގޮތުން ޓްރަމްޕް ބުނީ، އީޓީ ގަޑިން ރޭގަނޑު އަށެއް ޖެހުމުގެ ކުރިން ހަނގުރާމަ ހުއްޓާލަން އެއްބަސްނުވެ، ހޮރްމޫޒު ކަނޑުއޮޅި ހުޅުވާނުލައިފިނަމަ، އީރާންގެ އެތައް ހާސް އަހަރުވީ "ތަހުޒީބެއް މިރޭ ނެތިކޮށްލާނެ" ކަމަށެވެ. "ދުނިޔޭގެ ދިގު އަދި އޮޅުންބޮޅުން ބޮޑު ތާރީޚުގައި އަންނާނެ އެންމެ މުހިންމު އެއް ވަގުތު މިރޭ އަހަރެމެންނަށް އެނގޭނެ. 47 އަހަރުގެ ފޭރުމާއި، ކޮރަޕްޝަނާއި، މަރުގެ ސިލްސިލާ އަށް ނިމުން އަންނާނެ." ޓްރަމްޕުގެ އިންޒާރުގައި ވެއެވެ.

އެ އިންޒާރާއި ގުޅިގެން އީރާނުގެ ކުޑަކުދިންނާއި އަންހެނުން ހިމެނޭހެން އެންމެން ނުކުމެ ވަނީ، އެ މީހުންގެ އަމިއްލަ ފަސްގަނޑު ދިފާއު ކުރުމުގެ މަސައްކަތް ފަށާފައެވެ. އީރާނުގެ ދިދަތަކާއި ޕޯސްޓަރުތައް ހިފައިގެން ނުކުމުގެ ގިނަ އަދަދެއްގެ ރައްޔިތުން ވަނީ ގައުމުގެ ދިފާއުގައި ކުރަންޖެހުނު ކޮންމެ ކަމެއް ކުރަން ތައްޔާރަށް ތިބިކަން ދައްކުވާދީފައެވެ.

މީގެ ކުރިން ވެސް ޓްރަމްޕް މިފަދަ އިންޒާރުތައް ދީފައިވީ ނަމަވެސް އީރާނުން އަންނަނީ ޓްރަމްޕުގެ ހުށަހެޅުންތަކަށް އިންކާރު ކުރަމުންނެވެ. އަދި ހޮރުމޫް ކަނޑު އޮޅި ހުޅުވުމަށް ކިތަންމެ ފިއްތުންތައް ކުރިމަތިވިޔަސް ފަހަތަށް ނުޖެހޭނެ ކަމަށް ބުނެ އީރާނުން ދަނީ ދިފާއު ކުރަމުންނެވެ. ޓްރަމްޕުގެ އެންމެ ފަހުގެ އިންޒާރުތަކަށް ރައްދު ދެމުން އިރާންގެ ރިވޮލިއުޝަނަރީ ގާޑްސް (އައިއާރުޖީސީ) އިން ބުނީ އެމެރިކާއިން ހަމަލާދީފިނަމަ، އޭގެ ރައްދުގައި ދޭ ހަމަލާތައް އެހެން ސަރަހައްދުތަކަށް ފުޅާކުރާނެ ކަމަށެވެ.

އަދި އިރާންގެ މަދަނީ ތަންތަނަށް ހަމަލާދީފިނަމަ، އެމެރިކާއަށް ދޭ ރައްދު ހަމަލާ އެއްވެސް ޖެހިލުމެއް ނެތި ދޭނެ ކަމަށްވެސް އައިއާރްޖީސީން ވަނީ ބުނެފައެވެ. މިފަދަ ހާލަތެއްގައި ހުރުމުޒު ކަނޑުއޮޅީގެ އިތުރުން ރަތްކަނޑަށް ވަންނަ ދޮރުކަމަށްވާ ބާބުލްމަންދަބު ވެސް ބަންދުކުރާނެކަމަށް ބުނެ އީރާނުން ވަނީ ވަރުގަދަ އިންޒާރެއްވެސް ދީފައެވެ.