އެމްޑީޕީގެ ޗެއާޕާސަންގެ ނައިބުގެ މަގާމުގައި ހުންނެވި އިބްރާހިމް ވަހީދު (އިބުރޭ) މަގާމުން ވަކިކޮށްފިއެވެ.

އެމްޑީޕީގެ ޗެއާޕާސަން އަބްދުލްޣަފޫރު މޫސާ ސޮއި ކުރައްވާ އިބުރޭއަށް ފޮނުއްވި ސިޓީގައި ބުނެފައި ވަނީ، އެމްޑީޕީގެ އަސާސީ ގަވާއިދުގެ 70 ވަނަ މާއްދާގައި ޕާޓީގެ ޗެއާޕާސަން ކަމަށް އިންތިޚާބުވާ ފަރާތަކުން ޗެއާޕާސަންގެ މަގާމުގެ މަސްއޫލިއްޔަތު އަދާކުރުމުގައި އެހީތެރިވެދިނުމަށް ޗެއާޕާސަންގެ ނާއިބު، ގައުމީ މަޖިލީހުގެ ރުހުމާއެކު، ޗެއާޕާސަން އައްޔަނުކުރަންވާނެ ކަމަށް ބަޔާންކޮށްފައިވާ ކަމަށެވެ.

ހަމަ އެ މާއްދާގައި ޗެއާޕާސަންގެ ދައުރުގެ ތެރޭގައި ޗެއާޕާސަންގެ ނާއިބަކު ވަކިކޮށް، ގައުމީ މަޖިލީހުގެ ރުހުމާއެކު އެހެން ފަރާތެއް ޗެއާޕާސަންގެ ނާއިބު ކަމަށް އައްޔަނުކުރެވިދާނެ ކަމަށް ވެސް ބަޔާންކޮށްފައިވާ ކަމަށް އެ ސިޓީގައި ބުނެފައިވެއެވެ.

އެއާއެކު އެ މާއްދާގައި ޗެއާޕާސަންގެ ނާއިބުކަމުން ވަކިކުރާ ހާލަތުގައި ގައުމީ މަޖިލީހުގެ ރުހުން އޮންނަންޖެހޭ ކަމަށް ބުނެފައި ނުވާތީ، އެމްޑީޕީގެ އަސާސީ ގަވާއިދުގެ 70 ވަނަ މާއްދާއާއި ހަވާލާދީ، ޗެއާޕާސަންގެ ނާއިބުގެ މަގާމުން އިބުރޭ ވަކިކޮށްފައިވާ ކަމަށް ސިޓީގައި ބަޔާންކޮށްފައި ވެއެވެ.

އެމްޑީޕީގެ ޗެއާޕަސްގެ ނައިބުކަމަށް ވަހީދު އައްޔަނުކޮށްފައިވަނީ 2022 ވަނަ އަހަރުގެ އޮކްޓޯބަރެވެ.

އެމްޑީޕީގެ ޗެއާޕާސަން އަބްދުލްޣަފޫރު މޫސާ ސޮއި ކުރައްވާ އިބުރޭއަށް ފޮނުއްވި ސިޓީ

އިބުރޭގެ އިތުރުން އެމްޑީޕީގެ ލީގަލް ޑިރެކްޓަރު އަހުމަދު މައުރޫފް ވެސް މިއަދު ވަނީ މަގާމުން ވަކިކޮށްފައެވެ. އޭނާ ވަކިކުރަން ޣަފޫރު ސިޓީ ފޮނުއްވިއިރު، ވަކިކުރި ސަބަބެއް ހާމައެއް ނުކުރެއެވެ.

ސަރުކާރާ ވާދަކޮށް ލޯކަލް ކައުންސިލް އިންތިހާބުގައި އިދިކޮޅު އެމްޑީޕީން ރަނގަޅު ކާމިޔާބީއެއް ހޯދާފައިވީ ނަމަވެސް ޕާޓީގެ އެތެރޭގެ ކޯޅުން މިވަނީ ބޮޑުވެފައެވެ. އެގޮތުން ތިން އިންތިހާބުގެ ކާމިޔާބީ ފާހަގަ ކުރުމަށް ރޭ އާޓިފިޝަލް ބީޗުގައި ބޭއްވި ޖަލްސާގައި ވާހަކަ ދެއްކުމުގެ ފުރުސަތު އެމްޑީޕީގެ ކުރީގެ ރައީސް، މުހައްމަދު ނަޝީދާއި ކުރީގެ ޗެއާޕާސަން ފައްޔާޒަށް ވެސް ދެއްވާފައި ނުވެއެވެ.

އެއާއެކު އެ ދެ ބޭފުޅުންނަށް ތާއީދު ކުރާ ގިނަ ބަޔަކު ވަނީ ޖަލްސާ ބޮއިކޮޓް ކޮށްފައެވެ. އަދި ހުދު ނަޝީދާއި ފައްޔާޒް ވެސް ޖަލްސާއަށް ހާޒިރުވެވަޑައިގެންފައި ނުވެއެވެ.