މެދުއިރުމަތީގައި ހިނގަމުންދާ ހަނގުރާމައާ ގުޅިގެން، ރާއްޖެއަށް ސިމެންތި ލިބުމުގައި ދަތިތަކެއް ނާންނާނެ ކަމުގެ ޔަގީންކަން އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދު ދެއްވައިފިއެވެ.
ހަނގުރާމައާ ގުޅިގެން އެކުލަވާލާފައިވާ ވަޒީރުންގެ ކޮމިޓީން މިއަދު ރައީސް އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި "ދަ ޕްރެސް" ގެ ނޫސްވެރިޔާ ކުރެއްވި ސުވާލަށް ޖަވާބު ދެއްވަމުން މިނިސްޓަރު ވިދާޅުވީ، ރާއްޖެއަށް ސިމެންތި ލިބުމުގައި ދަތިތަކެއް ހުރިކަމުގެ ކަންބޮޑުވުން ލިބުމާ ގުޅިގެން އެކަން ހައްލުކުރުމަށް ކުރި މަސައްކަތަށް ކުރިއެރުން ލިބިފައިވާ ކަމަށެވެ.
އެގޮތުން މިނިސްޓަރު ފާހަގަ ކުރެއްވި ކަންކަމަކީ:
- ކުރިންވެސް އެސްޓީއޯއަށް ސިމެންތި ގެންނަ މާކެޓުން ސިމެންތި ލިބެމުންދޭ
- އެކަމަކު، އެ މާކެޓުން ސިމެންތި ލިބުމުގައި ދަތިކަމެއް އަޔަސް ސިމެންތި ފޯރުކޮށްދޭނެ އިތުރު ހަތަރު ސަޕްލަޔަރުން އެބަތިބި
"އެހެންވީމަ މީގެ ކުރިން ސިމެންތި ގެނައި މާކެޓުތަކުން ސިމެންތި ލިބުމުގައި ދައްޗެއް އަޔަސް އަޅުގަނޑުމެންނަށް އިތުރު ހަތަރު އަލްޓަނޭޓިވްއެއް މިވަގުތުވެސް އެބައިން ގާއިމްކުރެވިފަ. އެ ސަޕްލައި ރެޑީކޮށް ހުރީ." މިނިސްޓަރު ސައީދު ފާހަގަ ކުރެއްވިއެވެ.
މީގެ އިތުރުން ވެސް ކޮންސްޓްރަކްޝަން އިންޑަސްޓްރީއަށް ބޭނުންވާ އެހެން މެޓީރިއަލް ލިބުމުގައިވެސް ދައްޗެއް ނާންނާނެކަން ކަށަވަރު ކުރުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށްވެސް ސައީދު ވަނީ ވިދާޅުވެފައެވެ.
އާންމުކޮށް 140 ރުފިޔާއާއި 160 ރުފިޔާއާ ދެމެދުގެ އަގެއްގައި ވިއްކަމުންދިޔަ ނަމަވެސް މި ހިނގާ އޭޕްރީލް މަހުގެ އެއްވަނަ ދުވަހު މާލޭގެ ބާޒާރުގައި ސިމެންތި ބަސްތާއެއްގެ އަގު ހުރީ 300 ރުފިޔާއަށްވުރެ މަތީގައެވެ. ސިމެންތީގެ އަގު ކުއްލިއަކަށް އުފުލެން ދިމާވީ ދުނިޔޭގައި ހިނގަމުންދާ ހަނގުރާމަތަކުގެ ސަބަބުން މުދާ އުފުލާ އުޅަނދުފަހަރުގެ ފްރައިޓް ކޯސްޓް ބޮޑުވުމާ ގުޅިގެންނެވެ. ނަމަވެސް މިހާރު ސިމެންތީގެ އަގު މިވަނީ ދަށަށް ދާން ފަށާފައެވެ.
