ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒާއި އެމަނިކުފާނުގެ އަނބިކަނބަލުން ސާޖިދާ މުހައްމަދު، އުމްރާގެ އަޅުކަން އަދާކުރެއްވުމަށް ކުރައްވާ ދަތުރުފުޅުގައި ސައުދީ އަރަބިއްޔާގެ މަދީނާއަށް ވަޑައިގެންފިއެވެ.

ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން މަދީނާގެ ބައިނަލްއަގްވާމީ ވައިގެ ބަނދަރަށް ވަޑައިގަތުމުން، އެ ދެކަނބަލުންނަށް ރަސްމީގޮތުން މަރުހަބާ ދެންނެވީ މަދީނާގެ ގަވަރުނަރު، ހިޒް ރޯޔަލް ހައިނަސް ޕްރިންސް ސަލްމާން ބިން ސުލްތާން ބިން އަބްދުލްއަޒީޒް އާލް ސުއޫދެވެ.

މި އިސްތިގުބާލުގައި މަދީނާގެ ގަވަރުނަރުގެ އަރިހުގައި ރޯޔަލް ޕްރޮޓޮކޯލްގެ ޑިރެކްޓަރު އިބްރާހީމް ބަރީ ވެސް ބައިވެރިވެވަޑައިގެންނެވިއެވެ.

އުމަރާގެ އަޅުކަން ކުރެއްވުމަށް ރައީސުލްޖުމްހޫރިއްޔާގެ ދެ ކަނަބަލުން ސައުދީ އަރަބިއްޔާއަށް ފުރާވަޑައިގެންފައި ވަނީ އިއްޔެ ވަގުތެއްގައެވެ. މި ދަތުރުފުޅުގެ މެހުމާންދާރީ އާއި ހުރިހާ ހަރަދެއް ހަމަޖައްސަވައިދެއްވަނީ ސައޫދީއަރަބިއްޔާގެ ސަރުކާރުންނެވެ. ރައީސް އޮފީހުން ބުނެފައި ވަނީ މި ދަތުރުފުޅާ ގުޅޭ ހުރިހާ ކަމެއް މިދިޔަ ފެބުރުވަރީމަހުގެ ކުރީކޮޅު ސައުދީ ސަރުކާރުން ހަމަޖައްސާފައިވާ ކަމަށެވެ.

މީގެ ކުރިން 2024 ވަނަ އަހަރުވެސް ރައީސްގެ ދެކަނބަލުން ވަނީ، ސައުދީ އަރަބިއްޔާގެ ރަސްގެފާނު ސަލްމާން ބިން އަބްދުލްއަޒީޒުގެ ހާއްސަ މެހެމާން ދާރީގައި ކުރައްވާ އުމްރާ ދަތުރުފުޅެއްގައި އެ ގައުމަށް ވަޑައިގެންފައެވެ. އަދި ރައީސްގެ ދެކަނބަލުން ވަނީ، މިދިޔަ އަހަރު ހައްޖުގެ އަޅުކަން އަދާކުރެއްވުމަށްވެސް ސައުދީ އަރަބިއްޔާއަށް ވަޑައިގެންފައެވެ.