މިދިޔަ ހޮނިހިރު ދުވަހު ބޭއްވި ތިން އިންތިހާބުގައި އިދިކޮޅު އެމްޑީޕީއަށް ސިޓީތަކުންނާއި ބައެއް ރަށްރަށުން ލިބުނު ކާމިޔާބީ ފާހަގަ ކުރަން މިރޭ ކުރިއަށްދާ ޖަލްސާގައި ކުރީގެ ރައީސް މުހައްމަދު ނަޝީދަށް ވާހަކަ ދައްކަވަން ފުރުސަތު ނުދިނުމުން އެކަމާ އެމަނިކުފާނި ހިތްދަތިވެއްޖެއެވެ.
މިރޭ 9 ޖަހާއިރުން ފެށިގެން އާޓިފިޝަލް ބީޗުގައި ކުރިއަށްދާ އެމްޑީޕީ ޖަލްސާގައި ވާހަކަ ދެއްކެވުމުގެ ފުރުސަތު ކުރީގެ ޗެއާޕާސަން ފައްޔާޒް އިސްމާއީލްގެ އިތުރުން ނަޝީދަށް ވެސް ދެއްވާފައި ނުވެއެވެ. ލީޑަޝިޕުގެ މި ނިންމުމަށް ފާޑު ކިޔުންތައް އަމާޒުވެފައިވާއިރު ޕާޓީގެ ގިނަ މެންބަރުން ވަނީ މިރޭގެ ޖަލްސާ ބޮއިކޮޓު ވެސް ކޮށްފައެވެ.
އެގޮތުން ނަޝީދާއި ފައްޔާޒަށް ތާއީދު ކުރާ އެމްޑީޕީގެ ގިނަ އަދަދެއްގެ އާންމު މެންބަރުން ވެސް ސޯޝަލް މީޑިއާގައި ވަނީ ނަޝީދު އަށް ފުރުސަތު ނުދޭތީ މިރޭގެ ޖަލްސާއަށް ދެވެން ނެތް ކަމަށް ބުނެ އެކަމާ ނުރުހުން ފާޅުކޮށްފައެވެ. "ރައްޔިތުން އެމްޑީޕީއަށް ދިން ވޯޓެއް ދިނީ އެމްޑީޕީން ވެރިކަން ކުރި ގޮތް ރަނގަޅުވެގެން ނޫން. މި ސަރުކާރު އެއަށް ވުރެ ގޯސް ވީމަ،" ނަޝީދު އަށް ތާއީދު ކުރައްވާ ލޫކަސް އެކްސްގައި ހިއްސާކޮށްފައި ވެއެވެ.
މިކަމާ ގުޅިގެން ނަޝީދުގެ ނުރަސްމީ އެކްސް އެކައުންޓުގައި ހިއްސާ ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ، މިއީ އުފާވެރި ރެއެއް ނަމަވެސް ވަރަށް ހިތްދަތިވެފައިވާ ކަމަށެވެ.
މިރޭގެ ޖަލްސާގައި ނަޝީދު ބައިވެރިވެވަޑައިގެންފައި ނުވެއެވެ. އޭގެ ބަދަލުގައި ރައީސް އިބްރާހީމް މުހައްމަދު ސޯލިހާއި، އެމްޑީޕީގެ ވަގުތީ ޗެއާޕާސަން، ހަނިމާދޫ ދާއިރާގެ މެންބަރު އަބްދުލްޣަފޫރު މޫސާގެ މެދުގައި އިނީ ހުސް ގޮނޑިއެކެވެ. ނަމަވެސް އެ ގޮނޑި ވަނީ ޖަލްސާ ފެށުނު ފަހުން ނަގާފައެވެ.
މިރޭގެ ޖަލްސާގައި ނަޝީދު ވާހަކަފުޅުދެއްކެވުމަށް ފުރުސަތު ނުދެއްވުމުގެ ސަބަބުން، އެ ޕާޓީގެ އެތެރެ ހޫނުވެފައިވާއިރު ގިނަ ބަޔަކު ދަނީ ޕާޓީގެ ލީޑާޝިޕުން އަމަލު ކުރަމުންދާ ގޮތާއި މެދު ނުރުހުން ފާޅުކުރަމުންނެވެ. އަދި މިއީ ލިބުނު ކާމިޔާބީއާ މެދު އުފާ ފާޅުކޮށް ޕާޓީ އެކަތި ގަނޑަކަށް ހަދަންވީ ރަނގަޅު ފުރުސަތެއް ކަމަށްވެސް ގިނަ އާންމު މެންބަރުން ގޮވާލަމުންދެއެވެ.
ނިމިދިޔަ ލޯކަލް ކައުންސިލް އިންތިހާބާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތް ކުރާ ކޮމިޓީގެ އިންތިހާބުގައި އިދިކޮޅު އެމްޑީޕީއަށް ސިޓީތަކުންނާއި ބައެއް ރަށްރަށުން އެމްޑީޕީއަށް ވަނީ ބޮޑު ކާމިޔާބީއެއް ލިބިފައެވެ. އެގޮތުން ފަސް ސިޓީގެ މޭޔަރު ކަމާއި ރިފަރަންޑަމް ވޯޓުން ވެސް އެމްޑީޕީން ބުނަމުންދިޔަ "ނޫނެކޭ" އަށް އާންމުން ވަނީ ތާއީދުކޮށް ވޯޓު ދީފައެވެ.
