މިހާރު ކުރިއަށްދާ ލޯކަލް ކައުންސިލްތަކުގެ އިންތިހާބާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީ އިންތިހާބުގައި ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވޯޓު ލައްވައިފިއެވެ.

ސޯލިހު ވޯޓުލައްވާފައިވަނީ ޖަމާލުއްދީން ސްކޫލުގައި ބަހައްޓާފައިވާ ޅ. އަތޮޅަށް ހާއްސަ ކުރެވިފައިވާ ވޯޓު ފޮއްޓަށެވެ.

ވޯޓުލުމަށްފަހު މީޑިއާ އާއި ވާހަކަ ދައްކަވަމުން ސޯލިހު ވިދާޅުވީ،ވޯޓާ ހަމައަށް އާދެވުނީ ވަރަށް ދަތިތަކާއެކުވެސް ދެމަސް ދުވަހުގެ ރަނގަޅު ކެމްޕެއިނެއް ނިންމުމަށްފަހު ކަމަށެވެ. އަދި ކެމްޕެއިނުގައި އެންމެ ފާހަގަ ކުރެވުނީ މިސަރުކާރާ މެދު ރާއްޖޭގެ އެކި ކަންކޮޅުތަކުން ކަންބޮޑުވުން ހުރިކަމަށާއި، މިހެން ކަމުން އުއްމީދަކީ މިއަދުގެ ވޯޓުން އެކަން ފެނިގެންދާނެކަމަށެވެ. އަދި ރިފަރެންޑަމްފަދަ މުހިންމު ވޯޓެއް ކައުންސިލް އިންތިހާބާ އެއްކޮށްލުމުން އުނދަނގޫ ދަތިތަކެއް ހުރިކަމަށްވެސް ސޯލިހު ވަނީ ފާހަގަ ކުރައްވާފައެވެ.

ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ވޯޓު ލައްވާފައި ނޫސްވެރިންނަށް އިންޓަވިއު ދެއްވަނީ / ފޮޓޯ: ދަ ޕްރެސް

އިންތިހާބުގެ ވޯޓުލުން ހެނދުނު 8 ޖެހިއިރުން ފެށިގެން ކުރިއަށްދާއިރު ރައީސް ޑރ. މުހައްމަދު މުއިއްޒު އާއި މެޑަމް ސާޖިދާވެސް ވަނީ ވޯޓު ލައްވާފައެވެ. ތާޖުއްދީން ސްކޫލަށް ރައީސް ވޯޓު ލައްވާފައިވާއިރު މެޑަމް ވޯޓު ލައްވާފައިވަނީ އަމީނިއްޔާ ސުކޫލަށެވެ

މި އިންތިހާބުގެ ވޯޓުލުން ކުރިއަށް ދާނީ ހަވީރު 4:00 އަށެވެ. ގުދުރަތީ ގޮތުން ދިމާވާ ކާރިސާއެއްގައި ނޫނީ ވޯޓުގެ ވަގުތު އިތުރު ނުކުރާނެ ކަމަށް އިލެކްޝަންސް ކޮމިޝަނުން ވަނީ ބުނެފައެވެ.

ލޯކަލް ކައުންސިލް އިންތިހާބަށް ކައުންސިލްތަކުން ޖުމްލަ 626 ކެންޑިޑޭޓުން ކުރިމަތިލާފައި ވާއިރު، ސިޓީ ކައުންސިލްތަކަށް ވަނީ 52 ކެންޑިޑޭޓުން ކުރިމަތިލާފައެވެ. ހަމައެއާއެކު އަންހެނުންގެ ތަރައްގީއަށް މަސައްކަތް ކުރާ ކޮމިޓީއަށް 2961 ކެންޑިޑޭޓުން ކުރިމަތިލާފައި ވެއެވެ.

ޖުމްލަ 588 ވޯޓު ފޮށި މި އިންތިހާބުގައި ބަހައްޓާފައިވާ އިރު، އެންމެ ގިނަ ވޯޓު ފޮށި ބަހައްޓާފައި ވަނީ މާލެ ސަރަހައްދުގައި ހެންވޭރު ދަނޑުގައެވެ. އެއީ 30 ވޯޓު ފޮއްޓެވެ. މާލެ ސަރަހައްދުގައި 241 ވޯޓު ފޮއްޓެއް ބަހައްޓާފައިވާ އިރު، މާލޭގައި 180 ފޮށި، ވިލިމާލޭގައި 9 ފޮށި، ހުޅުމާލޭގައި 51 ފޮށި ވަނީ ބަހައްޓާފައެވެ. އަދި އަތޮޅުތެރޭގައި 347 ވޯޓު ފޮއްޓެއް ވަނީ ބަހައްޓާފައެވެ.

މި އިންތިހާބަށް ވޯޓު ލުމުގެ ހައްގު ލިބިފައިވާ 294،876 މީހުން ތިބި އިރު އޭގެތެރޭގައި ހިމެނެނީ 144،506 އަންހެނުންނާއި 150،0370 ފިރިހެނުންނެވެ.