އިތުރު ދަރަންޏެއް ނުނަގައި ސަރުކާރުން ސުކޫކް ބޮންޑު އެއްކޮށް ދައްކައި ހަލާސްކުރުމަކީ ވަރަށް ބޮޑު ހިތްވަރެއް ލިބޭ ކަމެއް ކަމަށް ކުރީގެ ރައީސް އަދި ރައްޔިތުންގެ މަޖިލީހުގެ ކުރީގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.

ރޭ، ނަޝީދު ސޯޝަލް މީޑިއާގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ، އައު ދަރަންޏެއް ނުނަގައި ދައުލަތުން ދައްކަންޖެހޭ ބޮޑު ދަރަންޏެއް މިގޮތަށް ދެއްކުމަކީ އިގްތިސާދީ ގޮތުން ލިބުނު ކުރިއެރުމެއް ކަމަށެވެ.

އިއްޔެ ދިވެހި ސަރުކާރުން ވަނީ، ނިމި ދިޔަ ސަރުކާރުގައި 2021 ވަނަ އަހަރު ދޫކުރި ސުކޫކަށް ދައްކަންޖެހޭ 525 މިލިއަން ޑޮލަރުގެ ބޮޑު ދަރަނި އެއްކޮށް ދައްކައި ހަލާސްކޮށްފައިވާކަން އިއުލާންކޮށްފައެވެ.

ފިނޭންސް މިނިސްޓްރީން ނެރުނު ބަޔާނެއްގައި ބުނީ 2021 ވަނަ އަހަރު އޭރުގެ ސަރުކާރުން މި ސުކޫކު ވިއްކާފައިވަނީ އޭގެ ކުރީގެ ސަރުކާރުން ނަގާފައި 250 މިލިއަން އެމެރިކާ ޑޮލަރުގެ "ސަނީ ސައިޑް" ބޮންޑު އަދާކުރުމަށް ކަމަށެވެ.

ފިނޭންސް މިނިސްޓްރީން ބުނި ގޮތުގައި ސުކޫކު އަނބުރާ ދެއްކުމަށްފަހު، ދިވެހި ސަރުކާރުން އެންމެ ބޮޑު އިސްކަމެއް މިވަގުތު ދެނީ ރާއްޖެއަށް ބޭނުންވާ ތެލާއި އެހެނިހެން އަސާސީ ހިދުމަތްތަކާއި ތަކެތި މެދުކެނޑުމެއްނެތި ރައްޔިތުންނަށް ފޯރުކޮށްދިނުމަށާއި، އިގުތިސާދީ ހަރަކާތްތައް ހުއްޓުމެއްނެތި ކުރިއަށްގެންދިއުމަށް މަގުފަހި ކޮށްދިނުމަށެވެ.