މިއަހަރުގެ ތެރޭގައި އައްޑޫ ސިޓީގައިވެސް، މާލޭގައި ފެށި ފަދަ ޓެކްސީ ލައިނެއް ތައާރަފުކުރާނެ ކަމަށް ޓްރާންސްޕޯޓް މިނިސްޓަރު މުހައްމަދު އަމީން ވިދާޅުވެއްޖެއެވެ.
މާލޭ ޓެކްސީ ލައިންގެ ހިދުމަތް ފެށުމަށް ހުޅުމާލޭ ސެންޓްރަލް ޕާކުގައި ރޭ ބޭއްވި ރަސްމިއްޔާތުގައި އަމީން ވިދާޅުވީ، ރައީސް ޑރ. މއްމަދު މުއިއްޒުގެ އިރުޝާދުގެ ދަށުން އައްޑޫގައި މި އަހަރުތެރޭ ޓެކްސީ ލައިންގެ ހިދުމަތް ތައާރަފުކުރުމަށް ނިންމާފައިވާ ކަމަށެވެ.
އައްޑޫ ރައްޔިތުން ވެސް ތިބީ ޓެކްސީ ލައިންގެ ހިދުމަތަށް ބޭނުންވެފައިކަން ފާހަގަކުރައްވަމުން މިނިސްޓަރު ވިދާޅުވީ މިހާރު ސަރުކާރުން އެ މަސައްކަތްކުރަމުން އަންނަ ކަމަށެވެ.
ރޭ ފެށި ޓެކްސީ ލައިންގެ ހިދުމަތާއި ގުޅޭ ގޮތުން އަމީން ވިދާޅުވީ، މާލޭ ޓެކްސީ ލައިންގައި ޓެކްސީގެ ދަތުރުތައް މޮނިޓާކުރެވޭނެ ގޮތުގެ ނިޒާމެއް ގާއިމްކުރެވިފައިވާނެ ކަމަށެވެ. އަދި މިހިދުމަތް ރައްޔިތުންނަށް ދޭނީ ޓްރާންސްޕޯޓް މިނިސްޓްރީން ކަނޑައަޅައިފައިވާ އަގުތަކުގައި، މެދުކެނޑުމެއްނެތި މޮބައިލް އެޕެއް މެދުވެރިކޮށް ކަމަށް އަމީން ވިދާޅުވިއެވެ. ވިލިމާލެއާއި ގުޅީފަޅު ގުޅާލެވުމުން، މި ހިދުމަތް އިތުރަށް ފުޅާވެގެން ދާނެ ކަމަށްވެސް އަމީން ވިދާޅުވިއެވެ.
މީގެ އިތުރުން އަމީން ވިދާޅުވީ ޓެކްސީ ޑްރައިވަރުންނާއި، އަދި ޓެކްސީގެ ހިދުމަތް ފޯރުކޮށްދޭ ފަރާތްތަކާއި، ޓެކްސީ ސެންޓަރުތަކަކީ ވަރަށް މުހިއްމު ހިދުމަތްތަކެއް ފޯރުކޮށްދެމުންދާ ފަރާތްތަތައް ކަމަށެވެ. އެހެންކަމުން އަމިއްލަ ފަރާތްތަކުން މިހާރުވެސް އޮޕަރޭޓްކުރާ ޓެކްސީ ސެންޓަރުތަކުން މިހާރެކޭ އެއްފަދައިން ހިދުމަތްތައް ކުރިއަށް ގެންދިއުމަށް އެއްވެސް ހުރަހެއް ނޯންނާކަމުގެ ޔަގީންކަން މިނިސްޓަރު ވަނީ ދެއްވާފައެވެ.
ސައުވީސް ގަޑިއިރު ހިދުމަތް ލިބޭގޮތަށް ފެށި މި ހިދުމަތުގައި ބޭނުންކުރާނީ، ތިމާވެއްޓާ ރަހުމަތްތެރި، 150 އިލެކްޓްރޯނިކް ވެހިކަލް (އީވީ) އެވެ. މީގެ ތެރޭގައި، މާލޭގެ ހަނި މަގުތަކަށް ހާއްސަ ކުދި ކާރާއި، ދާގީނާ އުފުލޭ ފަދަ ބޮޑެތި ކާރު ހިމެނޭހެން، ތިން ސައިޒެއްގެ ކާރު މި ހިދުމަތުގައި ބޭނުންކުރާނެއެވެ.
