ސަރުކާރުން ތައާރަފުކުރާ އިލެކްޓްރިކް ޓެކްސީ ލައިންގެ ހިދުމަތް ތައާރަފްކޮށްފިއެވެ.

މާލެ ސަރަހައްދުގައި ސަރުކާރުގެ ޓެކްސީ ލައިނެއް ތައާރަފު ކުރަން ނިންމާފައިވާކަން ސަރުކާރުން އިއުލާނު ކުރީ މާލެފަހި ޕްރޮގުރާމު އިފުތިތާހު ކުރުމަށް ޖުލައި 25، 2024 ގައި ބޭއްވި ޖަލްސާގެ ތެރެއިންނެވެ. ނަމަވެސް، ނަމަވެސް އެކަމާ ދެކޮޅަށް ޓެކްސީ ޑްރައިވަރުން ނުކުމެ އިހުތިޖާޖު ކުރުމުން އެ ހިދުމަތް ނުފަށާނެ ކަމަށް ސަރުކާރުން ބުންޏެވެ.

ސަރުކާރުން ޓެކްސީ ހިދުމަތް ނުފަށާނެ ކަމަށް ބުނެ ޓެކްސީ ޑްރައިވަރުންނަށް ޔަގީންކަން ދިންތާ ތިން މަސް ނުވަނީސް އެ ނިންމުން ބަދަލުކުރި އެވެ. އެ ގޮތުން އެ އަހަރުގެ އޮކްޓޫބަރު މަހުގެ ފަހުކޮޅު ޓްރާންސްޕޯޓު މިނިސްޓަރު މުހައްމަދު އަމީން ވަނީ ސަރުކާރުން ޓެކްސީ ލައިނެއް ފަށާނެ ކަމަށް ވިދާޅުވެފައެވެ.

އެމްޓީސީސީއާ ހަވާލުކޮށްގެން ކުރިއަށް ގެންދާ މި މަޝްރޫއަކީ މާލޭ ސަރަޙައްދަށް ކުރިމަތިވެފައިވާ ޓެކްސީގެ ދަތިކަމަށް ވަށާޖެހޭ ހައްލެއް ހޯއްދަވައިދެއްވުމުގެ މަގުސަދުގައި، ރައީސުލްޖުމްހޫރިއްޔާގެ އިސްނެންގެވުމުގެ މަތިން ކުރިއަށްގެންދާ މަޝްރޫއެކެވެ. މިރޭ 00:00 އިން ފެށިގެން 24 ގަޑިއިރު ހިދުމަތް ލިބޭގޮތަށް ފެށި މި ހިދުމަތުގައި ބޭނުންކުރާނީ، ތިމާވެއްޓާ ރަޙުމަތްތެރި، 150 އިލެކްޓްރޯނިކް ވެހިކަލް (އީވީ) އެވެ.

މީގެ ތެރޭގައި، މާލޭގެ ހަނި މަގުތަކަށް ހާއްސަ ކުދި ކާރާއި، ދާގީނާ އުފުލޭ ފަދަ ބޮޑެތި ކާރު ހިމެނޭހެން، ތިން ސައިޒެއްގެ ކާރު މި ހިދުމަތުގައި ބޭނުންކުރާނެއެވެ. ހިދުމަތަށް ހާއްސަ ހޮޓްލައިން، 1655 ވެސް މިރޭ ވަނީ ތައާރަފްކޮށްފައެވެ.

ޓެކްސީ ލައިނަށް ކާރު ގެނައުން / ފޮޓޯ: އެމްޓީސީސީ

މިރޭގެ ރަސްމިއްޔާތުގައި ވާހަކަފުޅުދައްކަވަމުން ހިދުމަތް ފޯރުކޮށްދޭ، މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ) ގެ މެނޭޖިން ޑިރެކްޓަރު އަހުމަދު ސައުދީ ވިދާޅުވީ، މާލޭ ޓެކްސީ ލައިންގެ ހިދުމަތަކީ، ރާއްޖޭގެ ދަތުރުފަތުރުގެ ނިޒާމަށް އިންގިލާބީ ބަދަލެއް ގެނެސްދޭނޭ ހިދުމަތެއްކަމުގައެވެ.

ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން، ޓްރާންސްޕޯޓް މިނިސްޓަރު މުހައްމަދު އަމީން ވަނީ، މި ފެށި ހިދުމަތުގެ ސަބަބުން، މިހާރުވެސް ޓެކްސީ ހިދުމަތް ފޯރުކޮށްދޭ ފަރާތްތަކުގެ ހިދުމަތް ކުރިއަށްގެންދިއުމަށް އެއްވެސް ހުރަހެއް ކުރިމަތިނުވާނޭކަމުގެ ޔަގީންކަން ދެއްވާފައެވެ. އަދި މި އަހަރުގެ ތެރޭގައި، އައްޑޫ ސިޓީގައިވެސް މިހިދުމަތް ތައާރަފުކުރައްވާނޭކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.

މާލޭ ޓެކްސީ ލައިންގެ ހިދުމަތް ރަސްމީކޮށް އިފުތިތާހުކޮށްދެއްވުމަށްފަހު، ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން ވަނީ، ޓެކްސީ ލައިންގައި ހިދުމަތްދިނުމަށް ބޭނުންކުރާ ކާރުތައް ބައްލަވާލައްވާފައެވެ.