ދިވެހި ޒުވާނުން ބާރުވެރިކުރުވައި، މަސައްކަތުގެ މައިދާނަށް ބޭނުންވާ ފަންނީ ހުނަރު ތަރައްގީކުރުމުގެ މަގުސަދުގައި މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިންގ ކޮމްޕެނީ (އެމްޓީސީސީ) އިން ކުރިއަށްގެންދާ "ހުނަވަރު އެޕްރެންޓިސްޝިޕް ޕްރޮގްރާމް 2026" ގައި ބައިވެރިވުމުގެ ފުރުސަތު މިއަދު ހުޅުވާލައިފިއެވެ.

އެމްޓީސީސީން ބުނީ މިއީ ތައުލީމީ އަދި އަމަލީ ތަޖުރިބާގެ އިތުރުން ސުޕަވައިޒަރުންގެ ބެލުމުގެ ދަށުން މަސައްކަތުގެ މާހައުލުގައި ހުނަރު ދަސްކޮށްދިނުމަށް އެކުލަވައިލައިފައިވާ 3 މަސްދުވަހުގެ ޕްރޮގްރާމެއްކަމަށެވެ.

މި ޕްރޮގްރާމްގެ ބައިވެރިންނަށް މަހަކު 8,000 ރުފިޔާގެ އެލަވަންސެއް ދިނުމަށް ހަމަޖެހިފިވާކަމަށް އެމްޓީސީސީން ވަނީ ބުނެފައެވެ.

އެމްޓީސީސީން ބުނީ ފުރުސަތު ހުޅުވާލެވިފައިވާ ދާއިރާތަކަކީ:

  • ޓެކްސީ ޑްރައިވަރު ޓްރެއިނީ: 20 ފުރުސަތު
  • ބަސް ޑްރައިވަރު ޓްރެއިނީ: 15 ފުރުސަތު
  • ޕްރޮޖެކްޓް އޮފިސަރު ޓްރެއިނީ: 11 ފުރުސަތު
  • މެރިން މެކޭނިކް ޓްރެއިނީ: 8 ފުރުސަތު
  • މެކޭނިކް ޓްރެއިނީ: 5 ފުރުސަތު
  • ޓިންކާ ޓްރެއިނީ: 5 ފުރުސަތު
  • ވެލްޑާ ޓްރެއިނީ: 4 ފުރުސަތު
  • ފައިބަގްލާސް ޓެކްނީޝަން ޓްރެއިނީ: 4 ފުރުސަތު
  • އޮޓޯމޮބައިލް މެކޭނިކް ޓްރެއިނީ: 4 ފުރުސަތު
  • އޮޓޯމޮބައިލް އޭސީ މެކޭނިކް ޓްރެއިނީ: 2 ފުރުސަތު
  • އޮޓޯމޮބައިލް އިލެކްޓްރީޝަން ޓްރެއިނީ: 2 ފުރުސަތު
  • އިލެކްޓްރީޝަން ޓްރެއިނީ: 2 ފުރުސަތު
  • މެޝިނިސްޓް ޓްރެއިނީ: 2 ފުރުސަތު
  • އޭސީ ޓެކްނީޝަން ޓްރެއިނީ: 2 ފުރުސަތު

އެމްޓީސީސީން ބުނީ މި ޕްރޮގްރާމްގެ ތެރެއިން ބައިވެރިންނަށް މަސައްކަތުގެ އަމަލީ ތަޖުރިބާގެ އިތުރުން ފަންނީ އަދި ޕްރޮފެޝަނަލް ހުނަރުތައް ދަސްކޮށްދީ، މެންޓާޝިޕް ފޯރުކޮށްދެވޭނެކަމަށާއި، މީގެ އިތުރުން ކަސްޓަމާ ސާވިސް، ފަޔާ ސޭފްޓީ، ހޭލުންތެރިކުރުވުމުގެ ތަމްރީނުތަކާއި ކަމާ ގުޅޭ ފަންނީ އަދި އޮޕަރޭޝަނަލް ހާއްސަ ތަމްރީނުތައް ފުރިހަމަކުރުމުގެ ފުރުސަތު ލިބިގެންދާނެކަމަށެވެ.

ޕްރޮގްރާމް ކާމިޔާބުކަމާއެކު ފުރިހަމަކުރާ ފަރާތްތަކުގެ މަސައްކަތުގެ ފެންވަރަށް ބެލުމަށްފަހު، އެމްޓީސީސީން ދާއިމީ ވަޒީފާގެ ފުރުސަތު ލިބުމުގެ މަގުވެސް ތަނަވަސްވެގެންދާނެކަމަށް އެ ކުންފުނިން ވަނީ ބުނެފައެވެ.

އެމްޓީސީސީން ބުނީ މި ޕްރޮގްރާމަށް ކުރިމަތިލުމުގެ ފުރުސަތު 26 އޮގަސްޓު 2026 އިން ފެށިގެން، 2 ސެޕްޓެމްބަރު 2026 ވާ ބުދަ ދުވަހުގެ މެންދުރު 12:00 ގެ ނިޔަލަށް ލިބިގެންދާނެކަމަށެވެ.

ޝައުގުވެރިވާ ފަރާތްތަކުން އެމްޓީސީސީގެ ވެބްސައިޓުގެ ކެރިއާ ޕޭޖް މެދުވެރިކޮށް އެޕްލިކޭޝަން ހުށަހެޅޭނަކަމަށް އެމްޓީސީސީން ވަނީ ބުނެފައެވެ. އިތުރު މައުލޫމާތު ހޯދުމަށް އެ ކުންފުނީގެ ހޮޓްލައިން 1650 އަށް ގުޅުމަށް އެމްޓީސީސީން ވަނީ ބުނެފައެވެ.