މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިންގ ކޮމްޕެނީ (އެމްޓީސީސީ) އިން 2025 ވަނަ އަހަރުގެ އަހަރީ ރިޕޯޓު އާންމުކޮށްފިއެވެ.
މި ރިޕޯޓުގައިވާ ގޮތުން ޓެކްސް ކެނޑުމަށްފަހު ސާފު ފައިދާގެ ގޮތުގައި އެ ކުންފުންޏަށް 84.83 މިލިއަން ރުފިޔާ ލިބިފައިވާކަމަށް ކުންފުނީގެ އަހަރީ ރިޕޯޓުގައި ވަނީ ބުނެފައެވެ.
އެމްޓީސީސީގެ އަހަރީ ރިޕޯޓުގައި ބުނާގޮތުން މިއީ އޭގެ ކުރީ އަހަރާ (2024 ވަނަ އަހަރާ) އަޅައިބަލާއިރު 88 އިންސައްތައިގެ ކުރިއެރުމެކެވެ. އެގޮތުން 2024 ވަނަ އަހަރު އެ ކުންފުންޏަށް ސާފު ފައިދާގެ ގޮތުގައި 45 މިލިއަން ލިބިފައިވާއިރު، 2023 ވަނަ އަހަރު ވަނީ 97 މިލިއަން ލިބިފައެވެ.
މީގެއިތުރުން އެމްޓީސީސީގެ މި އަހަރުގެ ކެޕިޓަލް އެކްސްޕެންޑިޗާ އުޅެނީ 94.57 މިލިއަން ދިވެހި ރުފިޔާގައިކަމަށާއި، މިއީ 2024 ވަނަ އަހަރު ހޭދަކުރި 161.54 މިލިއަން ރުފިޔާއާ އަޅާބަލާއިރު 41 އިންސައްތައިގެ ދަށްވުމެއްކަމަށް އެ ކުންފުނީގެ އަހަރީ ރިޕޯޓުގައި ބުނެފައިވެއެވެ.
ނިމިދިޔަ އަހަރުގެ އިންވެސްޓްމަންޓް ޕްރޯގްރާމް މައިގަނޑު ގޮތެއްގައި އަމާޒުކޮށްފައިވަނީ އޮޕަރޭޝަނަލް ގާބިލުކަން ދެމެހެއްޓުމަށްކަން ފާހަގަކޮށް އެމްޓީސީސީން ބުނީ މީގެ ތެރޭގައި ފަސްކޮންނަ ފްލީޓުގެ ޕްލައިން އަޕްގްރޭޑްކުރުމާއި، އާރުޓީއެލް ދަތުރުފަތުރުގެ އޮޕަރޭޝަންތަކަށް ހައި ސްޕީޑް ފެރީއެއް ހޯދުމާއި، އަދި އިމާރާތްތަކާ ގުޅުންހުރި ބައެއް ތަރައްގީގެ މަޝްރޫއުތައް ހިމެނޭކަމަށެވެ.
ކުންފުނީގެ މާލީ ހިސާބުތައް އާންމުކޮށްފައިވާއިރު، ހިއްސާދާރުންނަށް މި މައުލޫމާތު ހިއްސާކުރުމަކީ ލިބޭ އުފަލެއް ކަމަށް އެމްޓީސީސީން ބުނެފައިވެއެވެ.
އެމްޓީސީސީއަކީ 1980 ވަނަ އަހަރު އުފެއްދި ކުންފުންޏެކެވެ. މިއީ ދިވެހި ސަރުކާރާއި އާންމު ރައްޔިތުން ހިއްސާވާ ގޮތަށް އުފެއްދި ފުރަތަމަ ޕަބްލިކް ކޮމްޕެނީއެވެ.
