ރިޔާސީ އިންތިހާބާއި ރައްޔިތުންގެ މަޖިލިސް އެއްކޮށްލުމާ ބެހޭ ހިޔާލު ހޯދުމުގެ ވޯޓު ނެގުން ހުއްޓުވަން ހައި ކޯޓަށް ހުށަހެޅި ދުސްތޫރީ މައްސަލަ ބަލައިނުގަނެވޭނެ ކަމަށް އެ ކޯޓުން މިއަދު ނިންމައިފި އެވެ.
ގާނޫނީ ވަކީލު މަރިޔަމް ޝުނާނާ ހުށަހެޅުއްވި ދުސްތޫރީ މައްސަލައިގައި އެ ވޯޓު ހުއްޓުމަށް އެދިފައި ވަނީ ރިފަރެންޑަމްގައި ކުރާ ސުވާލުގައި ފުށުއެރުންތަކެއް ހުރިކަން ހާމަކޮށް އެ އިންތިހާބުގެ ފުރިހަމަ މަގުސަދު އިލެކްޝަން ކޮމިޝަނަށް ބުނެދެވިފައި ނުވާ ކަން ފާހަގަކޮށެވެ.
ރިފަރެންޑަމް ބޭއްވުމުގައި ގާނޫނުގައި ކަނޑައަޅާފައިވާ އިޖުރާއަތުތަކާއި ހިލާފުވެފައިވާ ކަމަށާއި އިންސާފުވެރި އިންތިހާބެއް ބާއްވަން އިލެކްޝަންސް ކޮމިޝަނުން ބަލަންޖެހޭ ކަންކަން ބެލުމެއް ނެތި، ރައީސް ކަނޑައަޅުއްވި ތާރީހަށް އިންތިހާބު ބާއްވަން ނިންމީ މުސްތައްގިލު މިނިވަންކަމެއް ނެތި ކަމަށް ވެސް އެ މައްސަލައިގައި ބަޔާންކޮށްފައި ވެއެވެ.
އެ މައްސަލަ ހައި ކޯޓަށް ބަލައިގެނެވެން ނެތް ކަމަށް، ހައި ކޯޓުގެ ރަޖިސްޓްރާ މަރިޔަމް ހޫރުޝިދާ މިއަދު ވަނީ ނިންމަވާފައެވެ. އަދި ދުސްތޫރީ މައްސަލައެއްގެ ގޮތުގައި އެ ކޯޓަށް ބެލޭނީ ގާނޫނެއް ނުވަތަ ގަވާއިދެއް ނުވަތަ އޭގެ ބައެއް ގާނޫނުއަސާސީ ނުވަތަ ގާނޫނަކާ ހިލާފުވެގެން ހުށަހަޅާ މައްސަލަތައް އެކަނި ކަމަށް ރަޖިސްޓްރާ ބަޔާންކޮށްފައި ވެއެވެ.
ހަމަ އެހެންމެ ހިޔާލު ހޯދުމުގެ ވޯޓު ނަގަން ރައީސް މުއިއްޒު ނެރުއްވި ގަރާރަކީ އެއިން އެއްވެސް ކަމަކަށް ފެތޭ ލިއުމެއް ނޫން ކަމަށް ވެސް ހޫރުޝީދާގެ ނިންމުމުގައި ވެއެވެ.
ޝުނާނާ ހުށަހެޅި މައްސަލައިގައި ފާހަގަކޮށްފައިވާ އިތުރު ކަންކަމަށް ބަލާއިރު، ހިނގަމުންދާ މަޖިލީހުގެ ދައުރު ޑިސެމްބަރު 1، 2028 ގައި ހަމަވާނެ ކަމަށް ބަޔާންކޮށްފައި ވަނީ ގާނޫނުއަސާސީ އަށް ގެންނަ އިސްލާހެއްގެ ގޮތުގައި ނޫން ކަމަށް ވެއެވެ. އަދި ގާނޫނުއަސާސީގެ ދުސްތޫރު ބޭރުން، ގާނޫނުއަސާސީ އަށް ގެންނަ އިސްލާހެއްގެ ގޮތުގައި ނޫން ގޮތަށް ހިނގަމުންދާ މަޖިލީހުގެ ދައުރު ހަމަވެގެން ކުރެވޭ ކަމެއްގެ ދޭހަވާގޮތަށް ބިލުގައި ހިމަނާފައިވާ ކަމަށް ވެސް އެ މައްސަލައިގައި ބަޔާންކޮށްފައި ވެއެވެ.
ހަމަ އެހެންމެ ދެ އިންތިހާބު ބާއްވޭނީ ފަސް އަހަރުގެ މުއްދަތަށް އިންތިހާބުކޮށް ހިނގަމުންދާ މަޖިލީހުގެ އުމުރު ހަމަވުމުގެ ގާތްގަނޑަކަށް 177 ދުވަސް ކުރިން މަޖިލީސް އުވާލެވިގެން ކަމަށް ވާއިރު، އެކަން ގާނޫނުއަސާސީ އަށް ގެންނަ އިސްލާހެއްގެ ގޮތުގައި ހިމަނާފައިނުވާ ކަން ވެސް ފާހަގަކޮށްފައި ވެއެވެ.
މީގެ އިތުރުން ވޯޓު ނަގަން އިއުލާންކުރި ތާރީހާއި ވޯޓު ބާއްވަން ނިންމާފައިވާ ތާރީހާ ދެމެދު ލިބެނީ އެންމެ 47 ދުވަހެވެ. އެއީ، އެފަދަ ވޯޓަކަށް ރައްޔިތުން ހޭލުންތެރިކުރުވުމާއި އިންތިހާބާ ގުޅޭ އެހެނިހެން ކަންކަމަށް ވެސް ވަރަށް ކުރު މުއްދަތެއް ކަމަށް މައްސަލާގައިވެ އެވެ.
އެ މައްސަލަ ބަލައިނުގަތުމަށް ނިންމިއިރު، ފެންނަ ނުފެންނަ ވޯޓު ހުއްޓުވަން އެހެން ވަކީލުންތަކެއް ސުޕްރީމް ކޯޓަށް ވެސް މައްސަލައެއް ހުށަހެޅި އެވެ. ނަމަވެސް އެ މައްސަލާގައި އެ ކޯޓުން މިދިޔަ އަންގާރަ ދުވަހު ހުކުމްކުރީ އެ ވޯޓު ހުއްޓުވޭނެ ގާނޫނީ ސަބަބެއް ނެތް ކަމަށެވެ. އެ މައްސަލަ ހުށަހަޅާަފއި ވަނީ ގާނޫނީ ވަކީލު އިބްރާހީމް ޝިޔާމާއި އައިކު އަހްމަދު އީސައެވެ.
އެ އަޑުއެހުމުގައި ސުޕްރީމް ކޯޓުން ނިންމީ، ދެ އިންތިހާބު އެއްކޮށްލުމާ މެދު ރައްޔިތުންގެ ހިޔާލު ހޯދުމަށް ނަގާ ރިފަރެންޑަމްގައި ހިމެނޭ ސުވާލަކީ ގާނޫނުއަސާސީއާ ހިލާފު ސުވާލެއް ނޫން ކަމަށެވެ. އަދި މި މައްސަލައިގައި އެ ވޯޓު ނެގުން ހުއްޓުވުމަށް އެދިފައިވާ އިރު ވޯޓު ނަގައިގެން ނުވާނެ ކަން ކަނޑައަޅާނެ ގާނޫނީއަސާސެއް ނެތް ކަމަށް ބެންޗުގައި ތިބި ފަނޑިޔާރުންގެ އިއްތިފާގުން ވަނީ ނިންމާފައެވެ.
