ބޮޑުތަކުރުފާނު މަގު ޒަމާނީ ފެންވަރަށް ތަރައްގީކުރުމަށް ސަރުކާރުން ކުރިއަށްގެންދާ ބޮޑު މަޝްރޫއުގެ މަސައްކަތްތައް ހިނގަމުންދާގޮތް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ބައްލަވާލައްވައިފިއެވެ.

ރައީސުލްޖުމްހޫރިއްޔާ މި މަޝްރޫއުގެ ސައިޓަށް ވަޑައިގަތުމުން އެމަނިކުފާނަށް މަރުހަބާ ދެންނެވީ މިނިސްޓާ އޮފް ކޮންސްޓްރަކްޝަން، ހައުސިން އެންޑް އިންފްރާސްޓްރަކްޗާ، ޑރ. އަބްދުﷲ މުއްތޮލިބް އަދި މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ) ގެ މެނޭޖިން ޑިރެކްޓާ ޑީސީޕީ (ރިޓަޔާޑް) އަހްމަދު ސައުދީއެވެ.

މި ޒިޔާރަތުގައި ރައީސުލްޖުމްހޫރިއްޔާ ވަނީ އިއްޒުއްދީނު ފާލަމުން ފެށިގެން ހެންވޭރު ފެރީ ޓާމިނަލާ ހަމައަށް، މަގު ތަރައްގީ ކުރުމުގެ މަސައްކަތް ކުރިއަށްދާ ސަރަހައްދަށް ވަޑައިގެންފައެވެ. އެމަނިކުފާނު ވަނީ މި މަޝްރޫއުގެ ފޭސް 1 ގެ ސެގްމަންޓް 2 އިން ފެށިގެން 5 އާ ހަމައަށް މަސައްކަތްތައް ކުރިއަށްގޮސްފައިވާ މިންވަރު ވަޒަންކުރައްވައި، މަސައްކަތުގެ ތަފްސީލު އޮޅުންފިލުއްވާފައެވެ.

ބޮޑުތަކުރުފާނު މަގު ތާރު އަޅައިގެން އަލުން ހެދުމުގެ މި މަޝްރޫއުގެ ދަށުން އެންމެ ފުރަތަމަ ކުރިއަށްގެންދިޔައީ ޖުމްހޫރީމައިދާން ކައިރިން މާރުކޭޓާއި ރަސްމީ ފާލަމާ ދެމެދު، ފަޅުތެރެއިން ބައެއް ހިއްކައިގެން ހަތަރު ލޭނަށް މަގު ފުޅާކުރުމުގެ މަސައްކަތެވެ. މި ސަރަހައްދުގެ މަސައްކަތް ނިންމައި އާންމުންނަށް ހުޅުވާލާފައިވަނީ މިދިޔަ އަހަރުގެ ޑިސެންބަރު މަހުއެވެ. މީގެ އިތުރުން، މަޝްރޫއުގެ ދެވަނަ ސެގްމެންޓުގެ ދަށުން ރަސްމީ ފާލަމުން ފެށިގެން މަސްމާރުކޭޓާ ހަމައަށް މަގު ފުޅާކޮށް ތާރުއެޅުމުގެ މަސައްކަތް ނިންމައި، 2026 ވަނަ އަހަރުގެ ފެބުރުވަރީ މަހު ވަނީ ހުޅުވާފައެވެ.

މިދިޔަ އަހަރުގެ އޭޕްރިލް 9 ވަނަ ދުވަހު އެމްޓީސީސީ އާ ހަވާލުކޮށްގެން ކުރިއަށްގެންދާ މި މަޝްރޫއަކީ މާލޭގެ ޓްރަފިކް މައްސަލައަށް ދާއިމީ ހައްލެއް ހޯދައިދިނުމަށް ސަރުކާރުން ފަށާފައިވާ މުހިންމު މަސައްކަތެކެވެ. މަޝްރޫއު އެއްކޮށް ނިމުމުން، ބޮޑުތަކުރުފާނު މަގު ވެގެންދާނީ ޒަމާނީ ފެންވަރުގެ ފެން ހިންދާ ނިޒާމު ގާއިމުކުރެވިފައިވާ، ދުއްވާ ތަކެއްޗަށާއި ހިނގާބިނގާވާ މީހުންނަށް އަމާން އަދި ހިތްފަސޭހަ މަގަކަށެވެ.