މި ސަރުކާރުން ކުރިއަށްގެންދާ ބޯހިޔާވަހިކަމުގެ ސިޔާސަތުގެ ދަށުން، "ބިންވެރިޔާ" ސްކީމުން ލިބިފައިވާ ގޯތި ދޫކޮށްލާ ފަރާތްތަކަށް ރަސްމާލެއިން ގޯއްޗަށް އެދި ހުށަހެޅުމުގެ ފުރުސަތު ހުޅުވާލައިފިއެވެ.

ހައުސިން މިނިސްޓްރީން ބުނި ގޮތުގައި، މިދިޔަ މާޗް މަހުގެ 1 ވަނަ ދުވަހު ސަރުކާރުގެ ގެޒެޓުގައި ޝާއިއުކޮށްފައިވާ "ބިންވެރިޔާ" ހާއްސަ ސްކީމާ ގުޅޭ އުސޫލުގެ ދަށުން ރަސްމާލެއިން ދޫކުރުމަށް ހަމަޖެހިފައި ވަނީ 1250 އަކަފޫޓުގެ ގޯއްޗެވެ. މި ސްކީމްގެ ދަށުން ގޯއްޗަށް އެދި ހުށަހެޅުމުގެ ފުރުސަތު މިއަދު ހެނދުނު 11:00 އިން ފެށިގެން ހުޅުވާލާފައިވާ އިރު، އެޕްލިކޭޝަން ހުށަހެޅުމުގެ ސުންގަޑިއަކީ އަންނަ މަހުގެ ނިޔަލެވެ. މި ސްކީމަށް އެދި އެޕްލިކޭޝަން ހުށަހަޅަންޖެހޭނީ ސަރުކާރުގެ ބޯހިޔާވަހިކަން ޕޯޓަލް މެދުވެރިކޮށެވެ.

މި ސްކީމުގައި ފުރުސަތު ދީފައިވާ ދެ ކެޓަގަރީ

  • ކެޓަގަރީ 1: ބިންވެރިޔާ ސްކީމުގެ ދަށުން ޖޮއިންޓް އެޕްލިކޭޝަން ހުށަހަޅައިގެން ގޯތި ލިބިފައިވާ ފަރާތްތައް.
  • ކެޓަގަރީ 2: ސަރުކާރުގެ އަސާސީ ބޯހިޔާވަހިކަމުގެ ސްކީމަކުން ފުލެޓެއް ލިބިފައިވުމުގެ ސަބަބުން، މީގެ ކުރިން ބިންވެރިޔާ ސްކީމަށް ކުރިމަތިލުމުގެ ފުރުސަތު ލިބިފައިނުވާ ފަރާތްތައް.

މި ސްކީމުގެ ދަށުން ފޯމް ހުށަހަޅާ އިރު ކައިވެނިކޮށްގެން އުޅޭ ފަރާތެއް ނަމަ ކައިވެނީގެ ސެޓްފިކެޓާއި އަމިއްލަ ނަމުގައި ފްލެޓެއް ނުވަތަ ބިމެއް އޮތްނަމަ ބިމުގެ ނުވަތަ ފްލެޓުގެ ރަޖިސްޓްރީ އާއި، ހައްގުތަކާ ގުޅޭ އިގްރާރާއި، އުފަންވީއްސުރެ މާލޭގައި އުޅޭކަން ނުވަތަ ފަހުން މާލޭގައި ރަށްވެހިވެފައިވާ ފަރާތެއް ނަމަ ފަހުން މާލޭގައި ރަށްވެހިވީއިރު ފުރަތަމަ ރަށްވެހިވި މާލޭގެ އެޑުރެހެއްގައި ރަށްވެހިވި ތާރީހާއި އެ ތާރީހް އަންގައިދޭ ރަށްވެހިންގެ ރަޖިސްޓަރީ ފަދަ ލިޔުންތައް ހުށަހަޅަން ޖެހެއެވެ.

މި ސަރުކާރުން ހިންގާ ބޯހިޔާވަހިކަން އެންމެންނަށް މަޝްރޫއު އެންމެ ފުރަތަމަ ހުޅުވާލާފައި ވަނީ މިދިޔަ ޖެނުއަރީ މަހުގެ 18 ވަނަ ދުވަހުއެވެ. މި މަޝްރޫއުގެ ދަށުން، ކުރީ ސަރުކާރުގެ ބިންވެރިޔާ ސްކީމުން ގޯތި ލިބުނު ފަރާތްތަކަށް އެ ގޯތި ދޫކޮށްލުމަށްފަހު ރަސްމާލެއިން ގޯއްޗަށް އެދުމުގެ މަގު މިހާރު ވަނީ ތަނަވަސްވެފައެވެ. އެގޮތުން 2022 ވަނަ އަހަރު ހުޅުވާލި ބިންވެރިޔާ ސްކީމުން ގޯތި ލިބުނު ފަރާތްތަކުން މިހާރު ލިބިފައިވާ ގޯތި، ޖޮއިންޓް ކޮށް އެ ގޯތި ލިބިފައިވާ ހުރިހާ ފަރާތްތައް އެ ގޯތި އެއްކޮށް ދޫކޮށްލަން އެއްބަސްވާނަމަ، ޖޮއިންޓްކޮށް ލިބުނު ކޮންމެ މީހަކަށް ވަކިން ގޯއްޗެއް ލިބޭ ގޮތަށް ހުށަހެޅޭނެއެވެ.