މި ސަރުކާރުގެ ބޯހިޔާވަހިކަމުގެ ސްކީމަށް އެދި ހުށަހަޅާފައިވާ ފޯމުތައް ޗެކްކުރުމުގެ އެންމެ ފަހުގެ މަސައްކަތްތައް ނިންމައި، ހައްގުވެރިންގެ ލިސްޓު މިއަހަރުގެ ޑިސެމްބަރު މަހުގެ ތެރޭގައި އާންމުކުރުމުގެ އަމާޒަށް ސަރުކާރުން މަސައްކަތް ފަށައިފިއެވެ.

ދައުލަތުގެ މީޑިއާގައި ވާހަކަދައްކަވަމުން އިމާރާތްކުރުމާއި ގެދޮރުވެރިކަމާއި ބިނާރާ ބެހޭ މިނިސްޓްރީގެ ސްޓޭޓް މިނިސްޓާ އަހްމަދު ނާޒިމް މުހައްމަދު ހާމަކުރެއްވި ގޮތުގައި، މި މަޝްރޫއަށް ލިބިފައިވާ 58 ހާހަށްވުރެ ގިނަ ފޯމު ދިރާސާކުރުމުގެ ގޮތުން ކައުންސިލްތަކާއި އެހެނިހެން އިދާރާތަކުގައި ހުރި ރަޖިސްޓްރީގެ މައުލޫމާތުތައް މިހާރު ވަނީ އެއްކުރެވިފައެވެ. އަދި އޮޓޮމޭޓެޑް ނިޒާމެއްގެ ތެރެއިން އެ މައުލޫމާތުތައް އަޅައިކިޔައި، އެއްވެސް ފުށުއެރުމެއް އުޅޭނަމަ އެކަން ހައްލުކުރުމުގެ ފުރުސަތު މާދަމާއިން ފެށިގެން އެޕްލިކަންޓުންނަށް ހުޅުވާލެވޭނެއެވެ.

މައުލޫމާތުތަކުގައި ފުށުއެރުމެއް ހުރިކަން ސިސްޓަމުން ފާހަގަވެއްޖެނަމަ، އެކަމަށް އިސްލާޙު ހުށަހެޅުމަށް 7 ދުވަހުގެ މުއްދަތެއް ކޮންމެ ފަރާތަކަށްވެސް ލިބިގެންދާނެ ކަމަށް ސްޓޭޓް މިނިސްޓާ ވިދާޅުވިއެވެ. މިގޮތަށް ފުރުސަތު ދިނުމުގެ މައިގަނޑު ބޭނުމަކީ ރާއްޖޭގެ އިދާރާތަކުގައި ބަލަހައްޓަމުންދާ މައުލޫމާތުތައް އަދާހަމަނުވެ ހުރުމުގެ ސަބަބުން އެއްވެސް ރައްޔިތަކަށް ހައްގެއް ގެއްލުނަނުދިނުމެވެ.

ބިންވެރިކަމުގެ އިތުރުން ވަޒީފާއާއި ތައުލީމާއި އަދި މާލޭގެ ދަފްތަރާ ގުޅޭ މައުލޫމާތުތައް ކަށަވަރުކުރުންވެސް ކުރިއަށްދާކަން ފާހަގަކުރައްވައި، ނާޒިމް ވަނީ ހުރިހާ އެޕްލިކަންޓުންވެސް "ބޯހިޔާވަހިކަން ޕޯޓަލް" މެދުވެރިކޮށް އަންނަ ނޯޓިފިކޭޝަންތަކަށް ސަމާލުވެ، ގަވާއިދުން ޕޯޓަލް ބެލުމަށް އެދިވަޑައިގެންފައެވެ. އަދި ދެވިފައިވާ މުއްދަތުގެ ތެރޭގައި ލިޔެކިޔުންތައް ހޯދަން ދަތިވި ކަމުގައިވިޔަސް، އެ މުއްދަތު ހަމަވުމުގެ ކުރިން ޕޯޓަލް މެދުވެރިކޮށް އެކަން އަންގައި ޖަވާބުދާރީވުމަށް ސަރުކާރުން އިލްތިމާސްކުރެއެވެ.