ކުރިއަށް އޮތް އިންތިހާބުތަކަށް ނުފޫޒު ފޯރުވުމަށް ސަރުކާރުން ހިންގަމުންދާ ކަންކަމާ ގުޅިގެން، އެންޓިކޮރަޕްޝަން ކޮމިޝަން (އޭސީސީ) އަށް ދިއުމަށް މައި އިދިކޮޅު ޕާޓީ، މޯލްޑިވިއަން ޑިމޮކްރެޓިކް ޕާޓީ (އެމްޑީޕީ) އިން ނިންމައިފިއެވެ.
އެމްޑީޕީ ސެކްރެޓޭރިއަޓުން ރޭގެ ވަގުތެއްގައި އެކްސް މެދުވެރިކޮށް ކުރި ޕޯސްޓެއްގައި ބުނެފައިވަނީ، އޭޕްރީލް 4 ވާ ހޮނިހިރު ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ އިންތިހާބުތަކަށް ނުފޫޒު ފޯރުވުމުގެ ގޮތުން ސަރުކާރުން ވަޒީފާ ބަހަމުންދާ ކަމަށެވެ. އަދި ދައުލަތުގެ މުދަލާއި ފައިސާ ނަހަމަ ގޮތުގައި ބޭނުންކުރަމުންދާއިރުވެސް، އެކަންކަން ހުއްޓުވުމަށް އޭސީސީން އެއްވެސް ފިޔަވަޅެއް ނާޅައި ހަނު އޮތުމަކީ ބަލައިގަނެވޭނެ ކަމެއް ނޫން ކަމަށް އެ ޕާޓީން ބުނެއެވެ.
މި މައްސަލައިގައި ކަންބޮޑުވުން ފާޅުކުރުމަށާއި އޭސީސީގެ ސަމާލުކަމަށް މިކަންކަން ގެނައުމަށްޓަކައި، މިއަދު ހެނދުނު 11:00 ގައި އޭސީސީގެ އިދާރާއަށް ދިއުމަށް އެމްޑީޕީން ވަނީ ހަމަޖައްސާފައެވެ. އެ ޕާޓީން ވަނީ މި ހަރަކާތުގައި ވީހާވެސް ގިނަ ބޭފުޅުން ބައިވެރިވެވަޑައިގެން ދެއްވުމަށް އެދިފައެވެ.
އެމްޑީޕީން ތުހުމަތު ކުރާ ގޮތުގައި، ރައީސް ޑރ. މުޙައްމަދު މުއިއްޒުގެ ސަރުކާރުން ދަނީ އިންތިހާބަށް ނުފޫޒު ފޯރުވުމަށް ދައުލަތުގެ ވަސީލަތްތައް ބޭނުންކުރަމުންނެވެ. މިކަންކަމާ ގުޅިގެން އޭސީސީން އެކަށީގެންވާ ފިޔަވަޅެއް ނާޅާތީ، އެ މުއައްސަސާގެ މިނިވަންކަމާ މެދު ވެސް އިދިކޮޅު ފަރާތްތަކުން ދަނީ ސުވާލު އުފައްދަމުންނެވެ.
