ސައިކަލު ވިއްކާކަމަށް ބުނެ ގިނަ އަދަދެއްގެ މީހުންގެ އަތުން މަކަރާއި ހީލަތުން 7 މިލިއަނަށް ވުރެ ގިނަ ރުފިޔާ ހޯދި މައްސަލައެއްގައި ކިންގްސްޓަން ހޯލްޑިންސް މޯލްޑިވްސް ކުންފުންޏާއި އެ ކުންފުނީގެ ވެރިޔާއަށް ދައުވާ ކުރުމަށް ޕީޖީއަށް ފޮނުވައިފިއެވެ.

ފުލުހުން ބުނީ، ފުލުހުންގެ ފްރޯޑް އެންޑް ފައިނޭންޝަލް އިންވެސްޓިގޭޝަންސް އިން ތަހުގީގު ފުރިހަމަ ކުރުމަށްފަހު، މި މައްސަލާގައި ދައުވާކޮށް ދިނުމަށް އެދި ފޮނުވާފައި ވަނީ މި މަހުގެ 3 ވަނަ ދުވހު ކަމަށެވެ. މި މައްސަލާގައި ދައުވާކުރުމަށް ފޮނުވާފައި ވަނީ ކިންގްސްޓަން ހޯލްޑިންގްސް މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑްގެ މައްޗަށާއި، އެ ކުންފުނީގެ ވެރިޔާ ޕޯލާގްރޭސް / ދ.ބަނޑިދޫ، އަހްމަދު އާތިފް ހަސަން (38އ) ގެ މައްޗަށެވެ.

މި މައްސަލައަކީ 2023 ވަނަ އަހަރުގެ ނޮވެމްބަރު މަހުން ފެށިގެން ކިންގްސްޓަން ހޯލްޑިންގްސް މޯލްޑިވްސްގެ ފަރާތުން ސައިކަލް ވިއްކާ ކަމަށް ބުނެ ގިނަ ބައެއްގެ އަތުން ފައިސާ ނަގައި، މަކަރާއި ހީލަތް ހަދާފައިވާ ކަމަށް ތުހުމަތު ކުރެވިގެން އޯގަސްޓް 8، 2024 ގައި ފުލުހުންނަށް ހުށަހަޅާފައިވާ މައްސަލައެކެވެ.

މި މައްސަލައިގެ ތަހުގީގުުން ލިބުނު މައުލޫމާތު ހިއްސާ ކުރަމުން ފުލުހުން ބުނީ، މި މައްސަލާގައި ޖުމްލަ 158 ފަރާތެއްގެ އަތުން މަކަރާއި ހީލަތުން ފައިސާ ނަގާފައިވާ ކަމަށެވެ. އެގޮތުން ސައިކަލް ޕޭމަންޓުގެ ގޮތުގައި 7,193,764.00 ރުފިޔާ އާއި 8,398.18 ޑޮލަރު ނަގާފައިވާކަން ތަހުގީގަށް ވަނީ ކަށަވަރު ކުރެވެފައި ކަމަށް ވެސް ފުލުހުން ބުނެއެވެ. އެއީ ޖުމްލަކޮށް 7،323،263.94 ރުފިޠާއެވެ.

މި މައްސަލައަކީ ގިނަ ބަޔަކަށް މާލީ ބޮޑެތި ގެއްލުންތަކެއް ލިބިފައިވާ މައްސަލައަކަށްވާ އިރު، މިހާރު މި މައްސަލަ ވަނީ ޕީޖީ އޮފީހުގައި ދައުވާކުރުމުގެ މަރުހަލާގައި ކަމަށް ވެސް ފުލުހުން ބުނެއެވެ.