ސަރުކާރުތަކަށް ސުޕަމެޖޯރިޓީ ލިބުމުން މަޖިލީހަށް ޖަވާބުދާރީ ނުކުރެވޭނެ ކަމަށް ދައުލަތުގެ ކުރީގެ ބަންޑާރަނައިބު ދިޔާނާ ސައީދު ވިދާޅުވެއްޖެއެވެ.

ދިޔާނާ މިފަދައިން ވިދާޅުވީ، ޕޮލިސީ އެމްވީން ރޭ ކުރިއަށް ގެންދިޔަ "ސިޔާސާތު ހާއްސަ" ފޯރަމުގައި ވާހަކަދައްކަވަމުންނެވެ.

ރައްޔިތުންގެ މަޖިލީހުގެ އިންތިހާބާއި ރިޔާސީ އިންތިހާބު އެކުގައި ބޭއްވުމާ މެދު އާންމުންގެ ހިޔާލު ހޯދުމުގެ ވޯޓަކަށް ތައްޔާރުވަމުންދާ މިދަނޑިވަޅުގައި، ގާނޫނީ ދާއިރާގެ އިސް ބޭފުޅުންގެ މެދުގައި ބޭއްވުނު ފޯރިގަދަ އެ ބަހުސްގައި ދިޔާނާ ވިދާޅުވީ، މީގެ ކުރިން އެކި ހިޔާލުތަކުގެ ބޭފުޅުންނާއި ސިޔާސީ މަޝްރަހު ދިރާސާކުރާ ފަރާތްތަކަށްވެސް އިންތިހާބުތައް އެއްް ދުވަހެއްގައި ބާއްވަން ތާއީދުކުރައްވާފައިވަނީ އެކަމުގެ ސަބަބުން ދުސްތޫރީ މަންފާތައް ލިބެންއޮތުމުން ކަމަށެވެ.

ނަމަވެސް ސަރުކާރުތަކަށް ސުޕަމެޖޯރިޓީ ލިބުމުން މަޖިލީހަށް ޖަވާބުދާރީ ނުކުރެވޭކަން ފާހަގަކުރައްވައި ދިޔާނާ ވިދާޅުވީ، ރިޔާސީ އިންތީހާބާއި މަޖިލިސް އިންތިހާބު އެއް ދުވަހެއްގައި ބޭއްވުމުން ސަރުކާރު ޖަވާބުދާރީ ކުރުވާނެ މަޖިލީހެއް ލިބިގެންދާނެ ކަމަށެވެ.

"މިހާރު 5 ފަަހަރަށް ސުޕްރީމް ކޯޓު ބަދަލުކުރެވިއްޖެ. ދެން ހަމަ ގާނޫނުއަސާސީވެސް އިސާހިތަކު ބަދަލުކުރެވުމުން މިއީ މިހާރު 8 ވަނަ އިސްލާހު. އަދި މި ގާނޫނުއަސާސީއަށް ތަސައްރަފު ނުފުދޭ. އެހެންވީމަ ސުޕަމެޖޯރިޓީ މަޖިލީހަކީ ރަނގަޅު އެއްޗެއް ނޫންކަމަށް ބެލެވެނީ. ސުޕަމެޖޯރިޓީ މަޖިލީހެއް ނޫން އަޅުގަނޑުމެންނަށް ލިބެންވީ އެއްބާރު އަނެއްބާރުގެ މައްޗަށް ފާރަވެރިވާ ބެލެންސް މަޖިލީހެއް،"
ދިޔާނާ

މި ބަހުސްގައި، އަލީ ހުސައިން ވަނީ ދެ އިންތިހާބު އެއްކޮށްލުމުން ނުކުމެދާނެ ނޭދެވޭ ނަތީޖާތަކަށް އަލި އަޅުއްވާލައްވާފައެވެ.

އެގޮތުން ރާއްޖޭގެ މުއައްސަސާތަކުގެ މިހާރުގެ ހާލަތާ މެދު ވެސް ކަންބޮޑުވުން ފާޅުކުރައްވާ އަލީ ހުސެއިން ވިދާޅުވީ، އެންޓި ކޮރަޕްޝަން ކޮމިޝަނުން ކުރިއަށްގެންދާ ތަހުގީގުތައް އެކަށީގެންވާ ގޮތެއްގައި ނުހިނގާކަމަށާއި، ފުލުހުންގެ މުއައްސަސާއަށް ވެސް އިންސާފު ގާއިމުކޮށްދިނުމުގައި ބޮޑެތި ގޮންޖެހުންތަކެއް ހުރި ކަމަށެވެ. އަދި ރާއްޖޭގެ ސިޔާސީ ނިޒާމު މިހާރު އޮތް ގޮތުން، ބާރުތައް ވަކިވެފައި އޮތުމުގެ މުހިންމުކަން އޭނާ ވަނީ ތަފްސީލުކޮށްދެއްވާފައެވެ.

ސިޔާސަތު ހާއްސަ" ފޯރަމް

މީގެ އިތުރުން، މާލީ ނިޒާމާއި ދައުލަތް ހިންގުމުގެ ދާއިރާއިން ކުރީގެ ބަންޑާރަނައިބު އާއިޝަތު އާޒިމާ ޝަކޫރު ވެސް ވަނީ މި ބަހުސްގައި ބައިވެރިވެވަޑައިގެންފައެވެ. އާޒިމާ ފާހަގަ ކުރެއްވި ގޮތުގައި މިހާރުގެ އޮނިގަނޑުގައި ރައްޔިތުން އަބަދުވެސް އުޅެންޖެހިފައިވަނީ އިންތިހާބެއްގެ ތެރޭގައި ކަމަށެވެ. އަދި އިންތިހާބުތައް މަދުވުމަކީ އޭގެ އަސަރު ޑިމޮކްރަސީއަށް ކުރާނެ ކަމެއް ނޫން ކަމަށް އާޒިމާ ވަނީ ވިދާޅުވެފައެވެ.

އަދި ޕެނަލްގައި ބައިވެރިވި އެހެން މެންބަރުން ވެސް ވަނީ ދެ އިންތިހާބު އެއް ދުވަހެއްގައި ބޭއްވުމާ ގުޅޭގޮތުން އެ ފަރާތްތަކުގެ ހިޔާލު ފާޅުކުރައްވާފައެވެ.

ޕޮލިސީ އެމްވީން އިސްނަގައިގެން ބާއްވާ މި ފޯރަމުގައި ރައްޔިތުންގެ ފެންނަ ނުފެންނަ ވޯޓާ ގުޅޭގޮތުން ދެ ޖީލެއްގެ ޚިޔާލު ވެސް ގެނެސްދިނުމަށް ވަނީ ނިންމާފައެވެ. މިއީ މިފަދަ މުހިންމު ދުސްތޫރީ ބަދަލަކާ މެދު ރައްޔިތުން ހޭލުންތެރިކުރުވައި، އިލްމީ މައުލޫމާތުގެ އަލީގައި ގޮތް ނިންމުމަށް މަގުފަހިކޮށްދިނުމަށް ބާއްވާ ފޯރަމެކެވެ.