ޔުމްނުގެ މައްސަލަ ބަލަން އެކުލަވާލި ކޮމިޝަނަށް ފާޑުވިދާޅުވެ މިފަދަ ކޮމިޝަންތަކުގައި އެންމެ އަންހެން މެންބަރަކު ނެތުމަކީ މައްސަލައެއްގެ ގޮތުގައި ކުރީގެ ބަންޑާރަ ނައިބު ދިޔާނާ ސައީދު ވިދާޅުވެއްޖެއެވެ.
މި މަހުގެ 18 ވަނަ ދުވަހުގެ ފަތިހުގެ ވަގުތެއްގައި ހ. ފެންޓެނޯއީ ގެއިން ޖެހިގެން ހުރި ގޭގެ ފުރާޅު މައްޗަށް ވެއްޓުނު އުމުރުން 21 އަހަރުގެ ހައްވާ ޔުމްނު ރަޝީދުގެ ކޭސް އާ ގުޅިގެން ޒުވާނުންތައް މާލޭގެ ހެންވޭރު ޕޮލިސް ސްޓޭޝަން ކުރި މައްޗަށް ނިކުމެ މުޒާހަރާކޮށް އަޑުއުފުލަމުން އަންނަތާ 5 ދުވަސް ވެއްޖެއެވެ. ކޮންމެ ރެއަކު ޒުވާނުން ނިކުމެ ކުރާ މުޒާހަރާގައި ބައިވެރިން އަންނަނީ ވަރަށް ގިނަ ކަންބޮޑުވުންތައް ހިއްސާ ކުރަމުންނެވެ. އެގޮތުން ޒުވާނުން ވަނީ މިފަދަ މައްސަލަތައް ބަލަން ހާއްސަ ކޮމިޝަނެއް އެކުލަވާލުމަށް ގޮވާލާފައެވެ.
ސަރުކާރުން ވަނީ ޔުމްނު ވެއްޓުނު ހާދިސާ ބަލައި ތަހުގީގު ކުރުމަށް ހާއްސަ ކޮމިޝަނެއް އެކުލަވާފައެވެ. ގާނޫނުއަސާސީން ރައީސަށް ލިބޭ ބާރުގެ ދަށުން އުފެއްދެވި މި ކޮމިޝަންގައި ތިއްބަވަނީ ކުރީގެ ބަންޑާރަ ނައިބު ޑރ. މުހައްމަދު މުނައްވަރާއި، ކަށީގެ ހާއްސަ ޑޮކްޓަރު މުހައްމަދު ހަބީބުގެ އިތުރުން، ކުރީގެ ވައިސް ޗީފް އޮފް ޑިފެންސް ފޯސް ބްރިގޭޑިއާ ޖެނެރަލް ރިޓަޔާޑް އަހްމަދު މުހައްމަދެވެ. މި ކޮމިޝަންގެ ރައީސަކީ މުނައްވަރު ކަމުގައި ވެސް ރައީސް ވަނީ ކަނޑައަޅުއްވާފައެވެ.
މި ކޮމިޝަން އެކުލަވާލުމާ ގުޅިގެން ދިޔާނާ ވަނީ، ފުރަތަމަ ކަމަކަށް ޒުވާނުންގެ އަޑުއަހަން ޝައުގުވެރިކަން ފާޅުކުރި ކަމަށްޓަކައި ސަރުކާރަށް ޝުކުރު އަދާ ކުރާ ކަމަށް ވިދާޅުވެފައެވެ. ޔުމްނު މައްސަަލައިގައި ނިކުތް ޒުވާނުން ބޭނުންވީ މިފަދަ ހުރިހާ މައްސަލަތަކެއް ބެލުމަށް ވަރަށް ހިތްވަރު ގަދަ އަދި އެންމެ އެކަށޭނެ ކޮމިޝަނެއް އެކުލަވާލުމަށް ކަމަށް ދިޔާނާ ވިދާޅުވިއެވެ.
އެގޮތުން ގެއްލިފައިވާ ޝިމާގެ މައްސަލައިން ފެށިގެން ޝިއާއުގެ މަރާއި ޒަކިއްޔާގެ މަރުގެ މައްސަލަ ވެސް ބެލުމަށް ކޮމިޝަން ބޭނުންވާ ކަމަށް ދިޔާނާ ފާހަގަ ކުރެއްވިއެވެ. އެ ކޭސްތަކުގެ އިތުރުން ޔުމްނުގެ މައްސަލައާއި އަދި އެ ނޫން ވެސް އެތައް މައްސަލަ ބަލަން ޖެހިފައިވާ ކަން ދިޔާނާ ފާހަގަ ކުރެއްވިއެވެ. މި މައްސަލަތަކަށް ބާލާި ކަމުގައި ވިޔަސް ވަކި ޖިންސަކަށް ވީތީ ކުރާ އަނިޔާތަކާ ގުޅޭ އެތައް މައްސަލަތަކެއް އެބަ ހުރި ކަން ފާހަގވާ ކަމަަށް ދިޔާނާ ވިދާޅުވިއެވެ. އަދި މިފަދަ މައްސަލަތަކުގެ އެންމެ އަޑިއަށް ގޮސްފިނަމަ ބޮޑެތި ކަންކަން ފުރޮޅިގެންދާނެ ކަމަށް ދިޔާނާ ވިދާޅުވިއެވެ.
އެހެންކަމުން މިގޮތަށް މައްސަލަތައް ބެލުމަށް ގާއިމްކުރާ މިފަދަ ކޮމިޝަނެއްގައި އަންހެނަކު ނެތުމާ މެދު ދިޔާނާ ކަންބޮޑުވުން ފާޅު ކުރެއްވިއެވެ. އެ ކޮމިޝަނުގައި އަންހެން މެންބަރަކު ނެތުމުން އެއީ ރަނގަޅަށް އެކުލަވާލާފައިވާ ކޮމިޝަނެއް ކަމުގައި ދެކެވެން ނެތް ކަމަށް ދިޔާނާ ވިދާޅުވިއެވެ. އަދި ހިތާމައަކީ، އެ ކޮމިޝަނަކީ، ހަމައެކަނި ޔުމްނުގެ މައްސަލަ ބެލުމަށް އެކުލަވާލި ކޮމިޝަނަކަށް ވެގެން ދިއުން ކަމަށް ވެސް ދިޔާނާ ފާހަގަ ކުރެއްވިއެވެ.
ރާއްޖޭގައި މިފަދަ ކުށުގެ މައްސަލަތައް ބެލުމުގައި ކަންބޮޑުވުންތަކެއް އެބަހުރި ކަމަށް ގިނަ ބަޔަކު ބުނެ އަންނަނީ ދިވެހި ފުލުހުންގެ ހިދުމަތަށް ފާޑުކިޔަމުންނެވެ. މިގޮތަށް ފާޑުކިޔާފައި މި ވަނީ ހަމައެކަނި ޔުމްނުގެ ކޭސްގައި އެކަންޏެއް ވެސް ނޫނެވެ. ޒަކިއްޔާގެ މަރުގެ މައްސަލައިގައި ވެސް ވަރަށް ބޮޑު ފާޑުކިޔުންތަކެއް ސަރުކާރަށާއި ފުލުހުންގެ ހިދުމަތަށް ވަނީ އަމާޒުވެފައެވެ.