ކުރީގެ ބަންޑާރަނައިބު ފާތިމަތު ދިޔާނާ ސައީދު ސަފީރު ކަމަށް އައްޔަންކުރެއްވުމަށް ރުހުން ހޯދުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ރައްޔިތުންގެ މަޖިލީހަށް މިއަދު ފޮނުއްވައިފިއެވެ.
މިކަމާ ގުޅޭގޮތުން ރައީސުލްޖުމްހޫރިއްޔާ ފޮނުއްވާފައިވާ ސިޓީފުޅު، ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި ވަނީ އިއްވަވާފައެވެ. ދިޔާނާ އައްޔަނު ކުރެއްވުމަށް މަޖިލީހަށް ނަން ފޮނުވާފައި ވަނީ ދިވެހިރާއްޖޭން ޔޫރަޕިއަން ޔޫނިއަން (އީޔޫ) އާއި ބެލްޖިއަމަށް ކަނޑައަޅާ ސަފީރުގެ މަގާމަށެވެ.
ފާތިމަތު ދިޔާނާ ސައީދަކީ ދައުލަތުގެ މަތީ މަގާމުތަކެއް ފުރުއްވާފައިވާ، ތަޖުރިބާކާރު ބޭފުޅެކެވެ. އެގޮތުން ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ ސަރުކާރުގައި ބަންޑާރަނައިބުކަން ކުރެއްވިއިރު، ކުރީގެ ރައީސް ޑރ. މުހައްމަދު ވަހީދުގެ ވެރިކަމުގައި ދިޔާނާ ވަނީ ޖެންޑާ މިނިސްޓަރުކަމުގެ މަގާމުވެސް ފުރުއްވާފައެވެ. މީގެ އިތުރުން ސާކްގެ ސެކްރެޓަރީ ޖެނެރަލްކަން ކުރެއްވި ފުރަތަމަ އަންހެން ބޭފުޅަކީވެސް ދިޔާނާއެވެ.
ސަފީރުކަމުގެ މަގާމަށް ދިޔާނާގެ ނަން ހުށަހެޅުއްވިއިރު، މިދިޔަ އޭޕްރިލް މަހުން ފެށިގެން އެކަމަނާ ހުންނެވީ ފޮރިން މިނިސްޓްރީގެ އެމްބެސެޑާ އެޓް ލާޖްގެ މަގާމުގައެވެ.
ގާނޫނު އަސާސީގައި ބަޔާންކޮށްފައިވާ ގޮތުގެ މަތިން، ބޭރު ގައުމުތަކަށް ކަނޑައަޅާ ސަފީރުން އައްޔަންކުރެވޭނީ ރައްޔިތުންގެ މަޖިލީހުގެ ރުހުން ލިބިގެންނެވެ. ރައީސުލްޖުމްހޫރިއްޔާ ފޮނުއްވި ސިޓީފުޅު މަޖިލީހުގެ ތަޅުމަށް އިއްވުމަށްފަހު، އެ މައްސަލަ ދިރާސާކުރުމަށް ފޮނުވާނީ މަޖިލީހުގެ ހާރިޖީ ގުޅުންތަކުގެ ކޮމިޓީއަށެވެ. ކޮމިޓީ މަރުހަލާގައި، ނަން ހުށަހެޅިފައިވާ ބޭފުޅުންނާ އިންޓަވިއުކޮށް، އެ ބޭފުޅުންގެ ގާބިލުކަމާއި، ތަޖުރިބާއާއި، އަދި ސަފީރުކަމުގެ މަސްއޫލިއްޔަތު އަދާކުރެއްވުމަށް ހުރި ޝަރުތުތައް ފުރިހަމަވޭތޯ ވަޒަންކުރެވޭނެއެވެ.
އެއަށްފަހު، ކޮމިޓީން އެކުލަވާލާ ރިޕޯޓު މަޖިލީހުގެ ތަޅުމަށް ހުށަހަޅައި، މެންބަރުންގެ މެދުގައި ބަހުސްކުރުމަށްފަހު، ރުހުން ދިނުމާމެދު ގޮތެއް ނިންމުމަށް ވޯޓަށް އަހާނެއެވެ. މި މަރުހަލާތައް ފުރިހަމަވުމުން، މަޖިލީހުން ރުހުން ލިބިއްޖެ ނަމަ ސަފީރުކަމުގެ ފަތްކޮޅު އެ ބޭފުޅުންނާ ރައީސުލްޖުމްހޫރިއްޔާ ރަސްމީކޮށް ހަވާލުކުރައްވާނެއެވެ.
