ހާއްސަ އެހީއަށް ބޭނުންވާ 6 އަހަރުގެ ކުއްޖަކަށް ދޭންޖެހޭ ފަރުވާ އެކަށީގެންވާ އަވަސްމިނުގައި ނުދެވި ލަސްވުމުގެ ސަބަބުން، އިއްޔެގެ ވަގުތެއްގައި އެ ކުއްޖާ ނިޔާވުމާ ގުޅިގެން އިދިކޮޅު މައި ޕާޓީ، އެމްޑީޕީން ކަންބޮޑުވުން ފާޅުކޮށްފިއެވެ.

އެ ހާދިސާއާއި ގުޅިގެން އެމްޑީޕީން މިރޭ ނެރުނު ބަޔާނެއްގައި ވަނީ، މިނިވަން ތަހުގީގެއް ހިންގައި އެ ތަހުގީގު އާންމުކުރުމަށް ގޮވާލާފައެވެ. އަދި ތަހުގީގުތަކުގެ ހޯދުންތަކުގެ މައްޗަށް ބިނާކޮށް މިފަދަ ހިތާމަވެރި ހާދިސާއެއް ތަކުރާރު ނުވާނެ ގޮތަށް ފިޔަވަޅުތައް އެޅުމަށް ވެސް ހުރިހާ އިދާރާއަކަށް ވަނީ ގޮވާލާފައެވެ.

އެމްޑީޕީން ބުނި ގޮތުގައި މިހާރަކަށް އައިސް، ހޮސްޕިޓަލްތަކާއި ކްލިނިކްތަކުން ހިދުމަތް ހޯދުމަށް ދާ ދިވެހި ރައްޔިތުން ޑޮކްޓަރަށް ދެއްކުމަށާއި، ޓެސްޓްތައް ހެދުމަށް ލިބެމުން އައި އާސަންދަގެ ހިދުމަތް ދިނުން ދަނީ ހުއްޓާލަމުންނެވެ. އަދި ބޭސް ސިޓީއަށް ބޭސް ދޫކުރުމުގައި ލިބެމުން އައި އާސަންދައިގެ ހިދުމަތް ނުލިބި، މި ކަންކަމަށް އަމިއްލަ އަތުން ހަރަދުކުރަން ޖެހުމުގެ ކަންބޮޑުވުމާއި ޝަކުވާ ރައްޔިތުންގެ ފަރާތުން އިންތިހާއަށް ދަނީ ލިބެމުން ކަމަށް އެ ޕާޓީން ބުންޏެވެ.

"ބޭސް ނުލިބުމުގެ ދަތިތައް ތަހައްމަލުކުރަމުންދާ އެތަކެއް އާއިލާތަކެއް ތިބިކަމަށް މި ޕާޓީއަށް ގަބޫލުކުރެވޭއިރު، އިހުމާލުގެ ސަބަބުންނާއި ފަރުވާ ލަސްވުމުގެ ސަބަބުން އެތަކެއް ފުރާނަތަކެއް ގެއްލިގެން ދިއުމުގެ ބިރު އެބައޮތް" އެ ބަޔާނުގައި ވެއެވެ.

މީގެ އިތުރުން ވެސް ތަކެތީގެ އަގުބޮޑުވުމާއެކު ދިރިއުޅުމުގެ ހަރަދުތައް އުފުލެމުންދާ އަދި ރައްޔިތުންގެ އަތްމަތި ދަތިވެފައިވާ މި ފަދަ ދަނޑިވަޅެއްގައި، ރައްޔިތުންނަށް ބަރުދާސްތުނުކުރެވޭނެ ވަރުގެ އިތުރު ތަކުލީފެއް، ސަރުކާރުގެ ނާގާބިލުކަމާއި އިހުމާލުގެ ސަބަބުން ކުރިމަތިވުމަކީ ކަންބޮޑޫވާކަމެއް ކަމަށް އެ ޕާޓީން ބުނެއެވެ.

މި މައްސަލައަކީ މ. ޗީޒް އިބްރާހިމް އަޒާން ސުހައިލް ނަމަކަށް ކިޔާ ކުއްޖަކު ކެއިންބުއިމަށް ބޭނުންވާ ފީޑިން ޓިއުބެއް، ބޭނުންވި މުއްދަތަށް ނުލިބި ލަސްވި މައްސަލައަކަށްވާއިރު ދައުލަތުގެ އިދާރާތަކުގެ އިހުމާލުން ކުޑަކުއްޖަކު މަރުވިކަމަށް ބުނެ ސޯޝަލް މީޑިއާގައި ފެންމަތިވި މައްސަލަ ހިއުމަން ރައިޓްސް ކޮމިޝަން އޮފް ދަ މޯލްޑިވްސް (އެޗްއާރްސީއެމް) އިން ވެސް ވަނީ ތަހުގީގުކުރަން ފަށައިފައެވެ.