ޕޮލިސް ކޮމިޝަނަރުގެ މަގާމަށް ކުރިމަތިލާން ހުޅުވާލި ދެވަނަ ފުރުސަތުގައި ތިން ބޭފުޅަކު އެ މަގާމަށް ކުރިމަތިލައްވާފައިވާ ކަމަށް ހޯމް މިނިސްޓްރީން ހާމަކޮށްފިއެވެ.
ހޯމްލޭންޑް ސެކިއުރިޓީ މިނިސްޓްރީން ބުނީ، ފުލުހުންގެ އިސްވެރިޔާގެ މަގާމަށް ކުރިމަތިލުމަށް ދީފައިވާ މުއްދަތު މިއަދު މެންދުރު ހަމަވިއިރު، ތިން ބޭފުޅަކު ވަނީ އެ މަގާމަށް ޝައުގުވެރިކަން ފާޅުކުރައްވައި ފޯމު ހުށަހަޅުއްވާފަ ކަމަށެވެ.
ޕޮލިސް ކޮމިޝަނަރުގެ މަގާމަށް ކުރިމަތިލެއްވި ބޭފުޅުން:
- ޑެޕިއުޓީ ޕޮލިސް ކޮމިޝަނަރު ފަރުހާދު ފިކުރީ
- އެސިސްޓެންޓް ކޮމިޝަނަރު އަހުމަދު މުހައްމަދު (ޓޫފޯ)
- އެސިސްޓެންޓް ކޮމިޝަނަރު އަބްދުﷲ ޝަރީފް
ޕޮލިސް ކޮމިޝަނަރުގެ މަގާމު ހުސްވީ އެންމެފަހުން އެ މަގާމުގައި ހުންނެވި އިސްމާއިލް ނަވީން މިދިޔަ މަހު ކުއްލި ގޮތަކަށް ރިޓަޔަކުރެއްވުމާ ގުޅިގެންނެވެ. ނަވީން ރިޓަޔަކުރެއްވުމުން، މިހާރު ފުލުހުންގެ އިދާރާ ހިންގުމުގެ މަސްއޫލިއްޔަތު ވަގުތީ ގޮތުން ހަވާލުކޮށްފައިވަނީ ޑެޕިއުޓީ ކޮމިޝަނަރު ފަރުހާދު ފިކުރީއާއެވެ.
މި މަގާމަށް ކުރިމަތިލާން މި މަހުގެ ފަސް ވަނަ ދުވަހު ފުރަތަމަ ފަހަރަށް އިއުލާން ކުރި ނަމަވެސް، އެ މުއްދަތު މިދިޔަ ހޯމަ ދުވަހު ހަމަވިއިރު އެއްވެސް ބޭފުޅަކު ކުރިމަތިލައްވާފައެއް ނުވެއެވެ. އެއާއެކު ހޯމް މިނިސްޓްރީން ވަނީ މިއަދުގެ ނިޔަލަށް އެ މުއްދަތު އިތުރުކޮށްފައެވެ.
ރައީސް ޑރ. މުހައްމަދު މުއިއްޒުގެ މި ސަރުކާރުގައި ޕޮލިސް ކޮމިޝަނަރަކު ރިޓަޔާ ކުރެއްވި މިއީ ދެވަނަ ފަހަރެވެ. މީގެ ކުރިން އެ މަގާމުގައި ހުންނެވި އަލީ ޝުޖާއު ވެސް ވަނީ މިދިޔަ އަހަރުގެ ތެރޭގައި އެ މަގާމުން ރިޓަޔާ ކުރައްވާފައެވެ. ޕޮލިސް ކޮމިޝަނަރުގެ މަގާމަށް ބޭފުޅަކު އައްޔަން ކުރާނީ، ކުރިމަތިލައްވާ ބޭފުޅުންގެ ތެރެއިން ޕޮލިސް ބޯޑުން ބަލަންޖެހޭ ކަންކަން ބެލުމަށްފަހު، ރައީސުލްޖުމްހޫރިއްޔާއަށް އަރުވާ ލަފާގެ މަތިންނެވެ.
