ސުންނީ އަދި ޝީއީ މަޒުހަބީ ތައައްސުބްގެ ތެރެއަށް ރާއްޖޭގެ މުޖުތަމައު ވެއްޓިގެން ދިޔުމުގެ ފުރުސަތު ދެވިގެން ނުވާނެ ކަމަށް އިސްލާމިކް މިނިސްޓަރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު ވިދާޅުވެއްޖެއެވެ. މިނިސްޓަރު މިކަމަށް އިލްތިމާސްކުރެއްވީ، މިފަހަކަށް އައިސް ސޯޝަލް މީޑިއާގައާއި އިލްމުވެރިންގެ މެދުގައި މަޒުހަބީ ބަހުސްތައް އިތުރުވެފައިވާ ދަނޑިވަޅެއްގައެވެ.

މިނިސްޓަރު ވިދާޅުވީ ރާއްޖޭގެ ރައްޔިތުންނަކީ ސުންނަތްޖަމާއަތުގެ ސައްހަ މަތިވެރި އަގީދާގެ މަތީގައި، ގުރުއާނާއި ސުންނަތާއި ސަލަފުއްސާލިހުންގެ މަންހަޖުގައި އެތައް ގަރުނެއް ވަންދެން ސާބިތުކަމާއެކު ދެމިތިބި ބައެއް ކަމަށެވެ. އަދި ދިވެހިންނަކީ އިސްލާމްދީނުގެ ވަސަޠީ އުސޫލުތަކުގައި ހިފަހައްޓައިގެން ތިބި ބައެއްކަން ފާހަގަކުރައްވައި، ސުންނަތް ޖަމާއަތުގެ މަތިވެރި އަގީދާގައި ރާއްޖެ ދެމިއޮންނާނެ ކަމުގެ ޔަގީންކަން ދެއްވިއެވެ.

މި އަސާސް ދެމެހެއްޓުމަށް ރައްޔިތުންނާއި އިލްމުވެރިންގެ އަރިހުން މިނިސްޓަރު ވަނީ އެދިވަޑައިގެންފައެވެ. ހާއްސަކޮށް ރާއްޖޭގެ ދީނީ އެއްބައިވަންތަކަމަށް އެއްވެސް ލޮޅުމެއް އަރާނެ ފަދަ ކަމަކަށް ޖާގަ ނުދެއްވުމަށާއި، ފިރުގާތަކުގެ އަގީދާތައް އޭގެ އިލްމީ ހަގީގަތްތަކާ ހިލާފަށް ރައްޔިތުންނަށް އޮޅޭނެ ފަދަ ގޮތަކަށް ނުފަތުރަން އިލްތިމާސްކުރެއްވިއެވެ. އަދި ދީނީ ފިކުރީ ގޮތުން އިސްލާމީ މުޖުތަމައު ބައިބައިކޮށްލައި ދުޝްމަނުން ކުރަމުންދާ މަސައްކަތްތަކާ މެދު ސަމާލުވެ ތިބެންޖެހޭނެ ކަމަށްވެސް ވިދާޅުވިއެވެ.

މިނިސްޓަރު އިތުރަށް ނަސޭހަތްތެރިވެވަޑައިގަތީ ފިރުގާތަކުގެ އަގީދާތަކާ ގުޅޭ ކަންކަމުގައި، އެކަމުގެ އިލްމު ލިބިގެންވާ އިލްމުވެރިން ނޫނީ ވާހަކަ ނުދެއްކުމަށެވެ. މި ބަހުސް ބޮޑުވެފައިވަނީ އެމެރިކާ އާއި އިޒްރޭލުން އީރާނަށް ދޭން ފެށި ހަމަލާތަކުގައި އީރާނުގެ އެންމެ އިސް ލީޑަރު އަލީ ހާމަނާއީ އަވަހާރަވުމާ ގުޅިގެން ސޯޝަލް މީޑިއާގައި ސުންނީ އަދި ޝީއާ މުސްލިމުންގެ މެދުގައި ބަހުސްތަކެއް ފެށުމުންނެވެ.

މި މައުލޫގައި ދީނީ އިލްމުވެރިޔާ އަހުމަދު ސަމީރު ފޭސްބުކްގައި ކުރެއްވި ޕޯސްޓެއްގައި އީރާނުގެ ލީޑަރުންނަކީ ސަހާބީންނަށް ބަދުބަސް ބުނާ ބައެއް ކަމަށް ވިދާޅުވެފައިވާއިރު، ކުރީގެ ރައީސް މައުމޫން އަބްދުލް ގައްޔޫމް ވިދާޅުވީ ސުންނީ ނުވަތަ ޝީއީ މުސްލިމެކޭ ކިޔައިގެން އަދުއްވުން މަސައްކަތް ކުރަނީ މުސްލިމުން ބައިބައި ކުރަން ކަމަށާއި އެ އެންމެންނަކީ ވެސް މުސްލިމުން ކަމަށެވެ.