މި މަހު 19 ވަނަ ދުވަހު ވ. ފެލިދޫ ކައިރިން ލޯންޗެއް ބަންޑުން ޖަހާލި ހާދިސާގައި ކަނޑުވި އެކަކު ފެނުނުކަމަށް ފަތުރާ ހަބަރަކީ ދޮގު ހަބަރެއްކަމަށް އެމްއެންޑީއެފް އިން ބުނެފިއެވެ.
އެމްއެންޑީއެފް އިން މިހެން ބުނެފައިވަނީ ބަންޑުން ޖަހާލި ލޯންޗުން ކަނޑުވެގެން ހޯދަމުންދާ އިންޑިއާގެ ރޭސް ކާރު ޑްރައިވަރު ހަރީ ސިންގް މަރުވެފައިވާކަމަށް އިންޑިއާގެ ނޫސްތަކުން ރިޕޯޓުކުރުމާ ގުޅިގެންނެވެ.
އެގޮތުން ކަނޑުވި ހަރީ ސިންގުގެ ފުރާނަ ނެތް ހަށިގަނޑު ވަނީ މުރަކަތުތެރޭ ތާށިވެފައިވާކަމަށް ޓައިމްސް އޮފް އިންޑިއާއިން ރިޕޯޓު ކުރި ނަމަވެސް މިހާރު އެނޫހުން ވަނީ އެހަބަރު ނަގާފައެވެ.
މީގެއިތުރުން ޓައިމްސް އޮފް އިންޑިއާގެ ހަބަރާ ހަވާލާދީ އިންޑިއާގެ އަކޯޑްރައިވްގެ ވެބްސައިޓުގައި ރިޕޯޓުކޮށްފައިވާގޮތުން ރާއްޖޭގެ ކަމާ ބެހޭ އިދާރާތަކުން ވަނީ ހަރީ ސިންގުގެ އާއިލާއަށް، އޭނާގެ ހަށިގަނޑު، ކަނޑު އަޑީގެ މުރަކަތަކުގެ ތެރޭގައި ތާށިވެފައިވާކަމަށް އަންގާފައެވެ. އަދި އޭނާގެ ހަށިގަނޑު މުރަކަތަކުގެ ތެރެއިން ނެގުމަށް ހާއްސަ ރެސްކިއު ޓީމުތަކެއް ހަރަކާތްތެރިވަމުންދާކަމަށްވެސް ރިޕޯޓުގައި ބުނެފައިވެއެވެ.
އިންޑިއާގެ ނޫހެއްކަމަށްވާ ޕްރެސް ޓްރަސްޓް އިންޑިއާ އަށް އިތުބާރު ހިފޭ މަސްދަރަކުން ދިން މައުލޫމާތަކަށް ބިނާކޮށް އިންޑިއާގެ މަލަޔާލަމް ނޫހެއް ކަމަށްވާ މަތުރުބޫމީ ގައި ރިޕޯޓުކޮށްފައިވާގޮތުން ކަނޑުވި ދެމީހުންނަކީ ރޭސް ކާރު ޑްރައިވަރު ހަރީ ސިންގް އަދި ބޯޓުގެ ކެޕްޓަނެވެ. އަދި އެމްއެންޑީއެފް އިން މައުލޫމާތު ދިން ގޮތުގައި ކަނޑުވި ދެމީހުންގެ ހަށިގަނޑުވެސް މުރަކަތަކުގެ ތެރޭގައި ތާށިވެފައި ތިބިކަމަށް ބެލެވޭކަމަށާއި، މަރުވިކަމަށް ޔަގީން ނުކުރާކަމަށާއި، އެމީހުންގެ ހަށިގަނޑު ސަލާމަތް ކުރުމަށް އަދިވެސް މަސައްކަތް ކުރަމުންދާކަމަށް ބުނެ މަތުރުބޫމީ ގައި ރިޕޯޓުކޮށްފައިވެއެވެ.
ނަމަވެސް މިކަމާ ގުޅޭގޮތުން ދަ ޕްރެސް އަށް މައުލޫމާތު ދެއްވަމުން އެމްއެންޑީއެފްގެ މީޑިއާ އޮފިޝަލު ވިދާޅުވީ ކަނޑުވި މީހުންގެ ހަށިގަނޑު މުރަކަތަކުގެ ތެރޭގައި ތާށިވެފައި އޮތް ކަމަށް ދެކެވޭ ވާހަކައަކީ ދޮގު ހަބަރެއްކަމާއި، އަދި ކަނޑުވި އެއްވެސް މީހެއްގެ ހަށިގަނޑު ނުފެންނަކަމަށެވެ.
އިންޑިއާގެ ނޫސްތަކުން ރިޕޯޓުކޮށްފައިވާ ގޮތުން ބަންޑުން ޖަހާލި ލޯންޗުން ކަނޑުވެގެން ހޯދަމުންދާ އެކަކަކީ 5 ފަހަރު އިންޑިއަން ނެޝަނަލް ރެލީ ޗެމްޕިއަންޝިޕް ހޯދާފައިވާ އިންޑިއާގެ މަޝްހޫރު މޮޓޯ ސްޕޯޓްސް ރެލީ ޑްރައިވަރު ހަރީ ސިންގްއެވެ. 59 އަހަރުގެ ހަރީ ސިންގް ކަނޑަށް ގެއްލުނު ހާދިސާގައި އޭނާ އިން ލޯންޗު ދުއްވަން އިނީ އިންޑިއާގެ ރޭމަންޑް ގްރޫޕުގެ ވެރިޔާ ގޯތަމް ސިންހާނިޔާ ކަމަށް މައުލޫމާތު ލިބިފައިވެއެވެ.
މި ލޯންޗު ބަންޑުން ޖަހާލި އިރު ލޯންޗުގައި 7 މީހުން ތިބިކަމަށް ދިވެހި ފުލުހުން ހާމަކޮށްފައިވާއިރު، ލޯންޗުގައި ތިބި މީހުން ދިން މައުލޫމާތުތަކުން އެނގޭ ގޮތުގައި އެ ލޯންޗު ދުއްވަން އިން ސިންހާނިޔާ ހިމެނޭހެން އެ ލޯންޗުގައި ތިބި އެންމެންވެސް ތިބީ މަސްތުގެ ހާލަތުގައެވެ.
މިހާދިސާގައި އަނިޔާވި އެއްބަޔަކަަށް އިންޑިއާގައި ފަރުވާ ދެމުންދާއިރު، މި ހާދިސާގައި ކަނޑަށް ގެއްލުނު އިންޑިއާގެ ދެ މީހަކު ހޯދުމުގެ މަސައްކަތް ދިވެހި ކޯސްޓްގާޑުން އަދިވެސް ދަނީ ކުރަމުންނެވެ. މިހާދިސާގައި ގެއްލިފައިވާ ހަރީ ސިންގުގެ އާއިލާގެ ބައެއް މީހުން ރާއްޖެ އައިސް، އޭނާ ހޯދުމަށް ކުރަމުންދާ މަސައްކަތްތައް ދިވެހި އިދާރާތަކާ ގުޅިގެން ބަލަމުންދާކަމަށްވެސް އިންޑިއާގެ ނޫސްތަކުން ވަނީ ރިޕޯޓުކޮށްފައެވެ.
