އީރާނު ހަނގުރާމައިގެ މި ދަނޑިވަޅުގައި ވައިޓްހައުސް ވަޑައިގެން ޖަޕާނުގެ އާ ބޮޑުވަޒީރު ތަކައިޗީ ވިދާޅުވީ, ދުނިޔެއަށް ސުލްހަ ގެނެވޭނީ ހަމައެކަނި ޓްރަމްޕަށް ކަމަށެވެ.
އީރާނު ހަނގުރާމައާ ގުޅިގެން ވާހަކަ ދައްކަވަމުން އޭނާ ވަނީ އީރާނަށް ނިއުކްލިއާ ހަތިޔާރު ލިބިގެން ނުވާނެ ކަމަށާއި އެކަން ކުރިއަ ދީގެންވެސް ނުވާނެ ކަމަށެވެ.
އޭނާ އެހެން ވިދާޅުވި އިރު އީރާނު ހަނގުރާމައާ ދެކޮޅު ހައްދަވާ އެމެރިކާގެ އިސް ބައެއް އޮފިޝަލުން ވިދާޅުވެފައި ވަނީ ނިއުކްލިއާ ހަތިޔާރު އުފެއްދުން މަނާކަމަށް ކަނޑައަޅާ އީރާނުން 2004 ގައި ފާސްކޮށްފައި އޮތް ގަރާރެއް އޮންނަ ކަމަށާއި, އީރާނުން އަދިވެސް ދެމި ތިބީ އޭގެ މަތީގައި ކަމަށް ވާއިރު އެއާ ހިލާފުވިކަން އެނގޭނެ އިންޓެލިޖެންސް އެއްވެސް ހެއްކެތް ނެތް ކަމަށެވެ.
ތަކައިޗީ އިތުރަށް ވިދާޅުވީ, ދުނިޔޭގެ އިގްތިސޯދަށް ލޮޅުން އަރައިގެން ދާނެ ކަމަށާއި ހަކައިތައިގެ ވިއުގައަށް ހަމަލާ ނުދިނުމަށް އިރާނުގެ ކިބައިން އެދިވަޑައިގެންފައިވެސް ވާނެ ކަމަށެވެ.
ޖަޕާނަކީ އެމެރިކާގެ ބައިވެރިއެކެވެ. އެމެރިކާއިން ހޮރުމޫޒު ކަނޑުއޮޅި ބަލަހައްޓަން އެހީއަށް އެދުނު ގައުމުތަކުގެ ތެރޭގައި ޖަޕާނުވެސް ހިމެނެއެވެ. އެ މައްސަލައިގައި އަސްކަރީ މަނަވަރު ފޮނުވަން ޖަޕާނުން އަދި އެއްބަސްވި ކަމެއް ސާފެއް ނުވެއެވެ.
މި ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން އެމެރިކާގެ ރައީސް ޓްރަމްޕް ވިދާޅުވީ, އެމެރިކާ އާއި އިޒްރޭލު ގުޅިގެން އީރާނުގެ, ނޭވީ އާއި, ވައިގެ ބާރުތަކާއި ލީޑާޝިޕް ނައްތާލައި އެހެނިހެން ގެއްލުންތައް ދީފައިވާ ކަމަށެވެ.
"ހުރިހާ އެއްޗެއް ނައްތާލައިފިން, ހޮޅިތައް [ތެލާއި ގޭސް] ފިޔަވައި" ޓްރަމްޕް ވިދާޅުވިއެވެ.
އިތުރަށް އޭނާ ވިދާޅުވީ, ހަނގުރާމަ ކުރިއަށް ދަނީ ޝެޑިއުލަށްވުރެ ވެސް ބާރަށް ކަމަށެވެ.
އެ ބައްދަލުވުމުގައި އީރާނަށް ސިފައިން ފޮނުވާނަންތޯ ނޫސްވެރިއަކު ސުވާލު ކުރުމުން ޓްރަމްޕް ވިދާޅުވީ, ސިފައިން ފޮނުވަން ނިންމި ނަމަވެސް 'ކަލޭ ގާތުގައި ނުބުނާނެ' ކަމަށެވެ. ނުވަތަ އެކަން އާންމުކޮށް ހާމަ ނުކުރައްވާނެ ކަމަށެވެ.
އިތުރަށް ވިދާޅުވީ, ޖަޕާނުން އިސްނަގާ އެމެރިކާއާއެކު ހޮރުމޫޒު ކަނޑުއޮޅި ހިމާޔަތް ކުރަން ނިކުތުމަށް އުއްމީދު ކުރައްވާ ކަމަށާއި, އެމެރިކާއިން އިސް ނަގާ ޖަޕާނުގައި މިހާރުވެސް އެމެރިކާގެ 45,000 ސިފައިން ބައިތިއްބާފައި ތިބޭނެ ކަމަށެވެ.
އަދި އެކަމުގައި ޖަޕާނުން އިސްނަގަން ޖެހޭ އެއްސަބަބަކީ ތެޔޮ ކަމަށާއި ޖަޕާނަށް އެތެރެ ކުރާ ތެލުގެ 90 ޕަސެންޓަކީ ހޮރުމޫޒު ކަނޑުއޮޅިން ބޭރުކުރާ ތެޔޮ ކަމަށެވެ.
