ޕަބްލިކް ފެރީ އަދި އާންމު ދަތުރުފަތުރުގެ ނިޒާމު ފޯރުކޮށްދޭ ފަރާތްތަކަށް ކުރިއެކޭ އެއް ރޭޓެއްގައި ތެޔޮ ލިބޭނޭ އިންތިޒާމު ހަމަޖައްސާފައިވާ ކަމަށް ސްޓޭޓް ޓްރޭޑިން އޯގަނިޒޭޝަން (އެސްޓީއޯ)އިން ބުނެފި އެވެ.

އެސްޓީއޯ އިން ނެރުނު ބަޔާނެއްގައި ބުނީ ޕަބްލިކް ފެރީ އަދި އާންމު ދަތުރުފަތުރުގެ ނިޒާމު ފޯރުކޮށްދޭ ފަރާތްތަކަށް ކުރިއެކޭ އެއް ރޭޓެއްގައި ތެޔޮ ލިބޭނޭ އިންތިޒާމު އެސްޓީއޯއިން ހަަަމަޖައްސައި ދޭން ނިންމާފައިވާ ކަމަށެވެ.

އަދި މަސްވެރިންނަށް ފަހި ހަކަތަަަ ޕްރޮގްރާމްގެ ތެރެއިން ކުރިއެކޭއެއްގޮތަށް ސަބްސިޑައިޒްޑް ރޭޓެއްގައި ތެޔޮ ލިބޭނެ ކަމަށް ވެއެވެ. މީގެ އިތުރުން ވެސް މާލެ ސަރަހައްދުގެ ޝެޑްތަކުން ތެޔޮ ވިއްކާ އަގުތަކަކަށް ބަދަލެއް ނާންނަ ކަމަށާއި ރަށްރަށުގައި އެސްޓީއޯއިން ގަނެގެން ޝެޑްހިންގާ ފަރާތްތަކަށް ކުރިީގެ ރޭޓްގައި ތެޔޮ ލިބޭނޭ އިންތިޒާމުތައް ހަމަޖަައްސައި ދޭނެ ކަމަށް ވެސް އެ ބަޔާނުގައިވެ އެވެ.

"މި ބަދަލުތައް މި ގެނެވުނީ އާންމުންނަށް މާލީ ގޮތުން ބުރައަކަށް ނުވާ ގޮތަށް ޕެޓްރޯލް އަދި ޑީސަލް ލިބޭނެ އިންތިޒާމުތައް ހަމަޖައްސައި ދިނުމަށެވެ،" އެސްޓީއޯއިން ބުނެފައި ވެއެވެ.

އެ ކުންފުނިން މިފަދަ ނިންމުމެއް ނިންމާފައިވަނީ މެދުއިރުމަތީގައި މިހާރު ހިނގަމުން އަންނަ ހަނގުރާމައާ ގުޅިގެން ދުނިޔޭގެ ބާޒާރުގައި ވެސް ތެލުގެ އަގު ވަރަށް ބޮޑަށް މައްޗަށް އަރައިގެން ގޮސްފައިވާ ދަނޑިވަޅުގައި ރާއްޖޭގައި ދެމުން އަންނަ ބައެއް ހިދުމަތްތަކުގެ އަގު ބޮޑު ކުރަމުން އަންނަ ދަނޑިވަޅެއްގައެވެ.

އެސްޓީއޯއިން އަތޮޅުތަކުގެ ވިޔަފާރިތަކަށް ވިއްކާ ތެލުގެ އަގު ބޮޑުވެފައިވާ އިރު، މާލެއިން ރަށްރަށަށް ދަތުރުކުރާ ލޯންޗު ފެރީތަކުގެ އަގު ދެގުނަ ބޮޑުވެފައިވާކަން ފާހަގަކޮށްލެވެއެވެ.

މާލެ ސަރަހައްދުގައި ޕެޓްރޯލް ލީޓަރެއް މިހާރު ހުރީ 16.01ރ. އަށެވެ. ޑީސަލް ލީޓަރެއް ލިބެން ހުރީ 17.54ރ. އަށެވެ.