ހއ. އުލިގަމުގައި ޔޮޓް މެރީނާއެއް ތަރައްގީ ކުރަން ސަސް އީ ކޮންސްޓްރަކްޝަން ޕްރައިވެޓް ލިމިޓަޑްއާ ހަވާލުކޮށްފިއެވެ.

އެ މަސައްކަތުގެ އެއްބަސްވުމުގައި ސޮއި ކުރުމަށް މޯލްޑިވްސް ޕޯޓް ލިމިޓެޑް (އެމްޕީއެލް)ގެ ހެޑް އޮފީހުގައި ހާއްސަ ރަސްމިއްޔާތެއް ބާއްވާފައިވާއިރު އެމްޕީއެލްގެ ފަރާތުން އެ އެއްބަސްވުމުގައި ސޮއިކުރެއްވީ ޑެޕިއުޓީ ޗީފް އެގްޒެކުޓިވް އޮފިސާ އަލީ ހާޝިމެވެ. އަދި ސަސް އީ ކޮންސްޓްރަކްޝަންގެ ފަރާތުން ސޮއިކުރެއްވީ މެނޭޖިން ޑިރެކްޓަރ އަބްދުﷲ ސަވާދެވެ.

ސަސް އީ ކޮންސްޓްރަކްޝަންއާ ހަވާލުކޮށްގެން ކުރިއަށް ގެންދާ މި މަޝްރޫއުގެ ފުރަތަމަ ފިޔަވަހީގެ ދަށުން 18 ޔޮޓަށް އެއް ފަހަރާ ބަނދަރުކުރެވޭ މެރީނާއެއް ތަރައްގީކުރުމަށް ވަނީ ހަމަޖެހިފައެވެ. މި މެރީނާއިން ޔޮޓް ފަހަރަށް ބޭނުންވާ މައިގަނޑު ހިދުމަތްތައް ލިބުމުގެ އިތުރުން އިމިގްރޭޝަނާއި ކަސްޓަމްސްގެ ހިދުމަތްވެސް މެރީނާއިން އިން ފޯރުކޮށްދޭނެއެވެ.

މީގެ އިތުރުން ވެސް އެމްޕީއެލް އިން ދަނީ ޔޮޓް މެރީނާ އޮޕަރޭޓްކޮށް، އިތުރަށް ތަރައްޤީކުރާނެ ފަރާތެއް ހޯދުމުގެ މަސައްކަތްތައްވެސް ކުރަމުންނެވެ.

އުލިގަމުގައި ޔޮޓް މެރީނާއެއް ތަރައްގީކުރަން ނިންމައި އެމްޕީއެލްއާ އެކު އެމްއޯޔޫއެއްގައި ސޮއިކުރިކަން ރައީސް ޑރ. މުހައްމަދު މުއިއްޒު އިއުލާންކުރެއްވީ މިދިޔަ އަހަރުގެ ޖެނުއަރީ މަހު ހއ. އަތޮޅަށް ކުރެއްވި ދަތުރުފުޅުގައި އުލިގަމުގެ ރައްޔިތުންނާ ބައްދަލުކުރައްވަން ބޭއްވި ބައްދަލުވުމުގަ އެވެ.

ހއ. އުލިގަމުގައި ހަދާ ޔޮޓް މެރީނާގެ މަސައްކަތުގެ ސްކޯޕް ފޮޓޯއެއް

ރާއްޖޭގެ އެންމެ އުތުރުގެ ސަރަހައްދުން ސްރީ ލަންކާ އާއި އިންޑިއާގެ އިތުރުން މެލޭޝިއާ އަދި ތައިލެންޑް ފަދަ ގައުމުތަކުން ރެޑްސީ ހުރަސްކޮށް ޔޫރަޕަށް ގިނަ އަދަދެއް ޔޮޓުތައް ދަތުރު ކުރާއިރު މަޑުކޮށްލާ މަންޒިލެއްގެ ގޮތުގައި އުލިގަން މަޝްހޫރުވެފައިވާއިރު އަހަރަކު 100-150 ޔޮޓު އުލިގަމުގައި ބަނދަރު ކުރެއެވެ.