2026 - 2027 ވަނަ އަހަރަށް، އެސްޓީއޯ ޑިރެކްޓަރުންގެ ބޯޑަށް ޕަބްލިކް ހިއްސާދާރުންގެ ފަރާތުން އިންތިހާބު ކުރާ ޑިރެކްޓަރަށް ކުރިމަތިލި ކެންޑިޑޭޓުންގެ ވަނަވަރު އާންމުކޮށްފިއެވެ.
އެސްޓީއޯއިން ބުނީ ޕަބްލިކް ހިއްސާދާރުންގެ ފަރާތުން އިންތިހާބު ކުރާ ޑިރެކްޓަރަށް ދެ ފަރާތަކުން ކުރިމަތިލާފައިވާކަމަށެވެ. އެސްޓީއޯއިން ބުނީ މި މަގާމަށް ނަން ހުށައެޅި ފަރާތްތަކުން ހުށައެޅި ލިޔެކިޔުންތައް ކުންފުނީގެ ނޮމިނޭޝަން އެންޑް ރެމިއުނަރޭޝަން ކޮމިޓީއިން ރިވިއުކޮށްފައިވާކަމަށެވެ. އަދި އެ ކޮމިޓީ އިން ހުށަހެޅި ލަފާގެ މަތިން އަހަރީ އާންމު ޖަލްސާގައި އިންތިހާބު ކުރަން ނިންމާފައިވާކަމަށެވެ.
އެސްޓީއޯ ޑިރެކްޓަރުންގެ ބޯޑަށް ޕަބްލިކް ހިއްސާދާރުންގެ ފަރާތުން އިންތިހާބު ކުރާ ޑިރެކްޓަރަށް ކުރިމަތިލާފައިވަނީ މއ. ޓިޔުލިޕްވިލާ، މުހައްމަދު އަހްސަން ސަލީމް ގެ އިތުރުން ސ. ފޭދޫ، ފިނިމަންޒިލް އަބްދުﷲ ޔާސިރުއެވެ.
މުހައްމަދު އަހްސަން ސަލީމަކީ އާންމު ހިއްސާދާރުން ތަމްސީލު ކުރުމަށް މިވަގުތުވެސް އެސްޓީއޯގެ ބޯޑަށް އިންތިހާބުކުރެވިފައިވާ ބޭފުޅެކެވެ. މީގެ އިތުރުން އޭނާ ހުންނެވީ ޓްރީޓޮޕް ހޮސްޕިޓަލްގެ ޑިރެކްޓާ އޮފް އޮޕަރޭޝަންސްގެ މަގާމްގައެވެ. މީގެކުރިން އަހްސަން ވަނީ ޓްރީޓޮޕް ހޮސްޕިޓަލްގެ ހެޑް އޮފް އިންފޮމޭޝަން ޓެކްނޮލޮޖީގެ މަގާމްވެސް ފުރުއްވާފައެވެ. އަދި އޭނާ ވަނީ ފަތުރުވެރިކަމުގެ ދާއިރާގައި އެކިއެކި މަގާމްތައް ވެސް ފުރުއްވާފައެވެ.
އެސްޓީއޯ ޑިރެކްޓަރުންގެ ބޯޑަށް ދެން ކުރިމަތިލާފައިވާ ކެންޑިޑޭޓް އަބްދުﷲ ޔާސިރަކީ ވިޔަފާރި، އިންވެސްޓްމަންޓް، ކެޕިޓަލް މާކެޓް އަދި ކޯޕަރޭޓް ގަވަނަންސްގެ ދާއިރާއިން 30 އަހަރަށްވުރެއް ގިނަ ދުވަހުގެ ތަޖުރިބާ ލިބިވަޑައިގެންފައިވާ، ރާއްޖޭގެ ވިޔަފާރީގެ ދާއިރާގައި ފުންނާބު އުސް ބޭފުޅެކެވެ. އަދި މިހާރު އޭނާއަކީ ސުޕާސަޕްލައި ޕްރައިވެޓް ލިމިޓެޑް އަދި ވޯޓާމާކް ޕްރައިވެޓް ލިމިޓެޑްގެ މެނޭޖިންގް ޑިރެކްޓަރެވެ. މީގެއިތުރުން އޭނާއަކީ ދިދެހިރާއްޖޭގައި އެންމެ ފުރަތަމަ ލައިސަންސް ލިބިގެން އުފެދުނު ބްރޯކަރޭޖް ފާމް، ސްޓޮކް ބްރޯކާސް މޯލްޑިވްސް އުފެއްދުމުގައި އިސްދައުރެއް އަދާކުރައްވާ އެތަން ހިންގެވުމުގައި އިސްކޮށް މަސައްކަތް ކުރެއްވި ބޭފުޅެކެވެ. ޔާސިރު ވަނީ ސިމްޑީ ކުންފުނީގެ މެނޭޖިންގް ޑިރެކްޓަރުގެ މަގާމްވެސް ފުރުއްވާފައެވެ.
