ރާއްޖޭގައި ހުރި ތެލުގެ ރަސްމީ ރިޒާވްގެ މިންވަރަށް ބަލާ، ކުރިމަތިވެދާނެ ދަތިތަކަކުން ސަލާމަތްވުމަށްޓަކައި އަޅަންޖެހޭ މުހިންމު ފިޔަވަޅުތަކެއް ކުރީގެ ރައީސް އަދި ރައްޔިތުންގެ މަޖިލީހުގެ ކުރީގެ ރައީސް މުހައްމަދު ނަޝީދު ހިއްސާ ކުރައްވައިފިއެވެ.
ނަޝީދު އެކްސްގައި ހިއްސާ ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ، އެސްޓީއޯ އާއި އަމިއްލަ ކުންފުނިތައް ހިމެނޭހެން ރާއްޖޭގައި މިވަގުތު ރައްކާކުރެވެނީ 70 މިލިއަން ލީޓަރުގެ ޑީސަލާއި 25 މިލިއަން ލީޓަރުގެ ޕެޓްރޯލެވެ. އަދި އެއީ ގާތްގަނޑަކަށް އެންމެ 20 ދުވަހުގެ ސްޓޮކެއްކަން ފާހަގަކުރައްވައި، ނަޝީދު ވަނީ ރާއްޖެ ތެލަށް ޖެހުމުގެ ފުރުސަތު ބޮޑުކަމަށް ވިދާޅުވެފައެވެ.
ނަޝީދުގެ މި ކަންބޮޑުވުންތަކާއެކު އެމަނިކުފާނު ވަނީ މިވަގުތަށް އަޅަންވީ ބައެއް ފިޔަވަޅުތަކުގެ އިރުޝާދުވެސް ދެއްވާފައެވެ. އެގޮތުން އެމަނިކުފާނު ފާހަގަ ކުރެއްވި ކަންކަމަކީ:
- އެންމެ ފުރަތަމަ ކަމަކަށް ރާއްޖޭގެ އަމިއްލަ ސެކްޓަރުގެ ތެޔޮ ރައްކާކުރުމުގެ ގާބިލްކަން ދެނެގަތުން
- ހަކަތަ އިގްތިސާދު ކުރުމުގެ ގޮތުން ކަރަންޓު ކަނޑާނެ ގަޑިތަކެއް ކަނޑައެޅުން
- އެއްގަމު އުޅަނދުފަހަރު ދުއްވުން ކޮންޓްރޯލް ކުރުން
- ދައުލަތުގެ ހަރަދުތަކާއި ހަކަތަ ބޭނުންކުރާ މިންވަރު މަދުކުރުމަށްޓަކައި ސަރުކާރު އޮފީސްތަކާއި ސްކޫލްތައް ހުޅުވާފައި ހުންނަ ވަގުތު މަދުކުރުން
- އިޖުތިމާއީ ހަރަކާތްތައް ބޭއްވުން މަދުކުރުން
- ރާއްޖޭގެ އިގްތިސާދުގެ މައިނާރުތަކަށް ބުރޫ ނޭރުވުމަށްޓަކައި، މަސްވެރިކަމާއި ރިސޯޓްތަކަށް ބޭނުންވާ ތެޔޮ ކަށަވަރުކުރުން
- މަތިންދާބޯޓަށް އަޅާ ތެޔޮ ލިބޭނެ ގޮތް ހަމަޖެއްސުން
- ބައިނަލްއަގުވާމީ މަސްރަހަށް އަންނަ ބަދަލުތަކާއެކު ސްޕަލައިއަށް ކުރިމަތިވެދާނެ ހުރަސްތަކުން ސަލާމަތްވުމަށްޓަކައި، ހުޅަނގު އޭޝިއާ ހުރަސްކުރަން ނުޖެހޭ ފަދަ މަތިންދާބޯޓާއި ކަނޑުބޯޓުފަހަރުގެ ރޫޓުތައް ހޯދައި، ތެޔޮ ލިބޭނެ އިތުރު މަގުތައް ކަށަވަރުކުރުން
ނަޝީދު މިފަދައިން ގޮވާލާފައިވަނީ މެދުއިރުމަތީ ހަނގުރާމައާ ގުޅިގެން ތެލުގެ އަގު ކުއްލިއަކަށް އުފުލި، ގަލްފުގެ ގައުމުތަކުގައި ދަތުރުފަތުރަށް ބުރޫ އަރާފައިވާ ދަނޑިވަޅެއްގައެވެ. އެ ހަނގުރާމައިގެ ސަބަބުން އީރާނާއި އޮމާނާ ދެމެދުގައި އޮންނަ ހޮރްމޫޒް ކަނޑުއޮޅި ބަންދުކުރުމަށް ފަހު ހޮރްމޫޒު ކަނޑުއޮޅި ހުޅުވި ނަމަވެސް އެ ސަރަހައްދުން ދަތުރު ކުރާ އިސްރާއީލް އަދި އެމެރިކާ ބޯޓުތަކަށް ހަމަލާ ދޭނެ ކަމަށް އީރާނުން ބުނެފައިވެއެވެ.
އަދި އެހެން އެއްވެސް ގައުމަކުން އެ ކަނޑުއޮޅިން ހުރަސް ކުރުމުގެ ކުރިން އީރާނުގެ ހުއްދަ ހޯދަން ޖެހޭނެ ކަމަށް ވެސް އެ ގައުމުން ވަނީ ބުނެފައެވެ. ތެލުގެ އަގަށް ބަލާއިރު ފީފާއެއްގެ އަގު މިހާރު ވަނީ 110 ޑޮލަރަށް އަރާފައިވާއިރު ހަނގުރާމަ ދިގު ދެމިގެންދާނަމަ މިއަށްވުރެ ވެސް އަގު އުފުލޭނެ ކަމަށް ވެއެވެ.
އެއާއެކު އިތުރު ގޮތްތަކުން ރާއްޖެއަށް ތެޔޮ ހޯދުމަށް ކުރަމުންދާ މަސައްކަތުގެ ތެރެއިން އިންޑިއާގެ އެހީއަށް ވެސް ވަނީ އެދިފައެވެ. އިންޑިއާއިން އެކަމާ މެދު ގޮތެއް ނިންމާނީ އެތެރޭގެ އުފެއްދުންތެރިކަން ހުރި މިންވަރަށް ބެލުމަށް ފަހު ކަމަށް އެ ގައުމުގެ އެކްސްޓާނަލް އެފެއާޒް މިނިސްޓްރީގެ ތަރުޖަމާން ރަންދީރު ޖައިސްވާލް ވަނީ ވިދާޅުވެފައެވެ.

ތިމާ އެހެންމީހުންނަށް ގޮތް ކިޔާދޭނީ، ތިމާގެ ވެރިކަމުގައި ރަނގަޅަށް ކަންކަން ކުރެވިފައި ވާނަމަ.
ތިމާ ވެރިކަން ކުރި އިރު ތިޔަފަދަ ފިޔަވަޅެއް އެޅުމުގެ ބަދަލުގައި ދިޔައީ ދެއިރު ދެދަޅަ އަށް ތެލުގެ އަގުބޮޑު ކުރަމުން. ދުނިޔޭގެ މާރުކޭޓު ގައި ތެލުގެ އަގު ހަމަ މައްޗަށް ޖެހިލާއިރަށް ތެޔޮ އަގުބޮޑު ކުރަމުން ދިޔައީ. އަދި ދުނިޔޭގެ މާރުކޭޓުގައި ތެލުގެ އަގު ދަށަށްގޮސް ހިލޭ ތެޔޮ ބަހާ ހިސާބަށް ދިޔައިރުވެސް މީނާގެ ވެރިކަމުން އަގުބޮޑުކުރި ތެޔޮ އަގު ހެވެއް ނުކުރޭ. ދައުރު ނިމުނު އިރު ވެސް 50 ރުފިޔާއިން، ކުޑަ ސައިކަލެއްގެ ފުލްޓޭންކު ނުކުރެވޭ. މިހާރު އެބަ މޮޅު ބައިސާ ކަނޑައެއްނު……؟
މިހާތަނަށް އަައިއިރު ކެނެރީގޭ މުޙައްމަދު ނަޝީދުގެ ފަރަތުން ފާޅުކުރި އެންމެ ބުއްދިވެރި އަދި ދިވެހިގައުމަށް އެޚިޔާލެއްގާ އެންމެބޮޑު ފައިދާއެއް ހިމެނޭ ޚިޔާލު މިއީ! އެޚިޔާލުގާ ފާހަގަކޮށފައިވާ ކަނަތައްތަކާމެދުގް ދިވެހިސަރުކާރު ވިސްނަންޖެހޭ ކަމުގަ ވަރަށް ބޮޑަށް ބެލެވޭ. ސަބަބަކީ، މިހާރުގެ މިހަނގުރާމައިގެ މިސްރާބު ދަނީ ކޮންދިމާލަކަށް ކަމެއްވެސް ނޭނގޭތީއާއި މި ކަމަށް ނިމުމެއް އަންނާނީ ކޮންދުވަހަކުން ކަމެއް ބުނަން ނޭނގޭތީ. ޖެނޮސައިޑް ސްޓޭޓް އާއި ޖެނޮސައިޑް ޕާޓްނަރ އެމެރިކާއިން މި ހަނގުރާމަ ނިންމުމަށް ބޭނުންވެގެން އެކިއެކި ގޮތްގޮތުން އެކަމަށް އީރާންއަށް އެދުނުކަމުގައި ވިޔިސް އީރާނުން ބުނަނުން ގެންދަނީ، މި ހަނގުރާމަ ފެށީ އެމީހުންނޭ އެކަމަކު ނިންމާނީ އިރާނުންނޭ. އެއީ އެދެގައުމަށް ހަދާނުން ފިލައިގެން ނުދާނޭފަދަ ގެއްލުމާ ހަލާކު ކުރިމަތިކުރުވާ އެމެރިކަން ޑޮމިނަންސް މެދުއިރުމަތިން ކުޑަކޮށް ނުވަތަ އެކީ އެކައްޗަކަށް ނައްތާލުމަށް ފަހުގައި ކަމަށް. އަދި ކުރިމަގުގައި މި ދެގައުމުން ވިޔަސް އަދި އެހެން ގައުމަކުން ވިޔަސް އިރާނާ އިދިކޮޅަށް ބައިނަލްއަގްވާމީ ގާނޫނާ ޚިލާފަށް މިފަދަ އެހެން އެއްވްސް ހަމަލާއެއް ނުދޭނޭ ކަމުގެ ފުރިހަމަ ގެރެންޓީ ލިބުނީމަ ނޫނީ މިހަނގުރާމަ އިރާނުން ނުހުއްޓާނެ ކަމުގެ ތަކުރާރުކޮށް ބުނަމުން އެގެންދަނީ. އިރާން ސަރުކާރުގަ ރާއްޖެ ސަރުކާރުން އެދެފިނަމަ، ރާއްޖޭގެ ތެޔޮ ޓޭންކަރުތައްވެސް ހޮރުމުޒް ކަނޑުއޮޅިން ފަސޭހަކަމާއެކު ސަލާމަތްތެރި ކަމާއެކު ހުރަސްކުރުމުގެ މަގު އިރާނުން ފަހިކޮށްދިނުމަކީ ވަރަށްބޮޑަށް އެކަށީގެންވާ ކަމެއްގެ ގޮތުގައި ބެލެވޭ. ސަބަބަކީ، ދާދި ފަހުން ބަނގްލަދޭޝްއަށް ވެސް އިރާނުން ވަނީ އެފަދަ ހުއްދައެއް ދީފައި.