އަޒީޒީ މިސްކިތަކީ އިންޑޮނޭޝިއާގެ އުތުރު ސުމަޓްރާގެ ލަންގްކަޓް ރީޖެންސީގެ ޓަންޖަންގް ޕޫރާގައި ހުންނަ މިސްކިތެކެވެ. މި މިސްކިތް ހުންނަނީ މެދާން އާއި ބަންޑާރަ އަޗޭ ގުޅުވައިދޭ ސުމަޓްރާ ކޯޒްވޭގެ އަރިމަތީގައެވެ. މިއީ ސަލްޓަނޭޓުގެ ޝާހީ މިސްކިތެވެ. މި މިސްކަތަށް ނަންދީފައިވަނީ މިސްކިތުގެ އެއްބާނީ ސުލްތަން އަބްދުލް އަޒީޒަށް ނިސްބަތްވާ ގޮތަށް އަޒީޒީގެ ނަމުންނެވެ.
މި މިސްކިތް ބިނާކުރުމުގެ މަސައްކަތް ފެށީ 1899 ވަނަ އަހަރުއެވެ. މި މިސްކިތް ބިނާކުރުމުގެ މަސައްކަތް ފެށިގެން ދިޔައީ 19 ވަނަ ގަރުނުގެ ފަހުކޮޅު ލަންގްކަތު ސަލްޓަނޭޓުގެ ވެރިޔާ އަދި ޓެންގްކު ސުލްތާން ހާޖީ މޫސާ އަލްހާލިދީ އަލް މުއަޒްޒާމް ސަޔާހްގެ ދަރިކަލުން ޓެންގްކު ސުލްތާން އަބްދުލް އަޒީޒްގެ އަމުރަށެވެ.
މިސްކިތުގެ މަސައްކަތް ނިމުމުގެ ކުރިން އަބްދުލް އަޒީޒް އަވަހާރަވުމުން މިސްކިތުގެ މަސައްކަތާ ދެން ހަވާލުވީ އޭނާގެ ދަރިކަލުން ޓެންގްކު ސުލްތާން މަހްމޫދު ރަހްމަތު ސިޔާހެވެ. ސުލްތާނީ ޒަމާނުގައި މި މިސްކިތް ބޭނުންކުރަމުން އައީ ކޯޓާއި ގަނޑުވަރު މިސްކިތެއްގެ ގޮތުގައެވެ. މި މިސްކިތުގެ މަސައްކަތް ނިމުނީ ޖޫން 13، 1902 ގައެވެ.
މި މިސްކިތް ފަރުމާކޮށްފައިވަނީ ޖަރުމަނުގެ އާކިޓެކްޓެކެވެ. އަޒީޒީ މިސްކިތް ފަރުމާކޮށްފައިވަނީ މެލޭޝިޔާގެ ކެދާގައި ހުންނަ ޒާހިރު މިސްކިތުން ނަމޫނާ ބަލައިގެންނެވެ. އެހެންކަމުން މި ދެ މިސްކިތުގައި ވަރަށް ގިނަ އެއްގޮތް ކަންތައްތަކެއް ހުރެއެވެ. މި މިސްކިތުގެ ކޮންސްޓްރަކްޝަން މަސައްކަތްތެރިންގެ ތެރޭގައި ގިނައީ ލަންކާޓް ރީޖެންސީގައި ދިރިއުޅޭ ޗައިނާ މީހުންނެވެ. މި މިސްކިތް އިމާރާތް ކުރުމަށް ބޭނުންވާ ތަކެތި ގެނެސްފައިވަނީ ބާޓަންގް ސެރަންގަން ކޯރު މެދުވެރިކޮށް ޕެނަންގް އާއި ސިންގަޕޫރުންނެވެ. މި އިމާރާތަކީ މިސްކިތުގެ ވަށައިގެންވާ އެހެން އިމާރާތްތަކާ ތަފާތު އިމާރާތެކެވެ.
އަޒީޒީ މިސްކިތުގައި 1 މީޓަރު އުސްމިނުގެ ދެ ދަގަނޑު ފެންސު ޖަހާފައިވާއިރު، މި ފެންސުން މިސްކިތުގެ މުޅި ގޯތިތެރެ ވަށާލާފައިވެއެވެ. ފުރަތަމަ ފެންސުގެ އުތުރު ފަރާތުގައި މިސްކިތް އިމާރާތަށް ވަދެވޭ ގޮތަށް ދެ ދޮރު ހުރެއެވެ. މި މިސްކިތުގެ މައި ނަމާދު ހޯލަށް ވަނުމަށް އުތުރާ، ދެކުނާ، އިރުމަތީ ފަރާތުގައި މުޣައްލަ ސްޓައިލްގެ ތިން ދޮރު ހަދާފައިވެއެވެ. މި މިސްކިތުން ފެންނަން ހުރީ މެލޭގެ ސަގާފީ ފަހުރެއްގެ ރަމްޒެއް ކަމުގައިވާ ފެހިކުލަ އާއި ރީނދޫކުލަ އެވެ.
މި މިސްކިތުގެ ގޯތިތެރެއަށް ވަންނައިރު އެއްފަރާތުން ފެންނާނީ މަހާނަ ގާތަކެވެ. އަޒީޒީ މިސްކިތް ސަރަހައްދުގައި ހުރި މަހާނަތައް މިހާރުވެސް ފެންނަން ހުރި އިރު މިއީ އާދައިގެ މާހަނަ ގާތަކެއް ނޫނެވެ. މިތަނުގައި ވަޅުލެވިފައިވާ މީހުންނަކީ ލަންކާގެ މެލޭ ސަލްޓަނޭޓްގެ ދަރިކޮޅުގެ މީހުންނެވެ. އެހެންކަމުން މި މަހާނައަކީ އާންމު ރައްޔިތުންނަށް ހާއްސަ މަހާނައެއް ނޫނެވެ. މި މިސްކިތް ކޮމްޕްލެކްސްގެ ތެރެއިން ފެންނަން ހުރީ ލަންގްކަތު ސަލްޓަނޭޓަށް ނިސްބަތްވާ ޝާހީ އާއިލާގެ މީހުންގެ މަހާނަތެކެވެ. މިއިން ކޮންމެ މަހާނަ ގަލެއްގައި މީހާގެ ވަނަވަރު ލިޔެފައިވާއިރު އަދިވެސް މި މަހާނަތަކަށް ޒިޔާރަތްކުރާ މީހުން ގިނަކަން ފާހަގަކުރެވެއެވެ.
1926 ވަނަ އަހަރު މި މިސްކިތަށް މުންނާރެއް އިތުރުކުރެވުނުއިރު 1978-1979، 1980–1981، އަދި 1990-1991 ގައި މި މިސްކިތް އަލުން އާރާސްތުކޮށްފައިވެއެވެ. ފަތުރުވެރިންގެ މެދުގައި މަގުބޫލު މި މިސްކިތަށް އުމުރުން ދުވަސްވީ އެތައް ބަޔަކު ޒިޔާރަތްކުރަނީ މެލޭ ސަލްޓަނޭޓާ ބެހޭ ގޮތުން އެމީހުންގެ ވާހަކަތައް ހަނދާންކޮށް ހިއްސާކުރުމަށެވެ. މި ސަރަހައްދުގެ ގިނަ ބަޔަކު ގަބޫލުކުރާ ގޮތުން އަޒީޒީ މިސްކިތަކީ އޭގެ އަސްލު ރައްކާތެރިކޮށް، ރައްކާތެރިކުރަންޖެހޭ ސަގާފީ ތަރިކައެކެވެ.
