ރާއްޖޭގެ ގިނަ ރަށްތަކެއްގެ މިސްކިތްތަކުގައި ދާއިމީ އިމާމުން ނެތުމުގެ ސަބަބުން ކުރިމަތިވެފައިވާ މައްސަލައަށް އަވަސް ހައްލެއް ހޯދުމަށް އިސްލާމީ ކަންތައްތަކާ ބެހޭ މިނިސްޓްރީން ހާއްސަ މަސައްކަތްތަކެއް ފަށައިފިއެވެ.

އިސްލާމިކް މިނިސްޓަރު، މުހައްމަދު ޝަހީމް އަލީ ސައީދު ވިދާޅުވި ގޮތުގައި މިސްކިތްތަކުގައި ދާއިމީ އިމާމުން ނެތުމުގެ މައްސަލަ ދިމާވަނީ މިސްކިތްތަކުގެ އަދަދު އިތުރުވަމުންދިއުމާއި، ބައެއް ރަށްރަށުގައި އިމާމުކަމުގެ ވަޒީފާ އަދާކުރެވޭ ފެންވަރުގެ މީހުން މަދުވުމުގެ ސަބަބުންނެވެ.

އެކަމަށް ދާއިމީ ހައްލެއް ހޯދުމުގެ ގޮތުން، އޯލެވެލް ނިންމާ ދަރިވަރުންގެ ތެރެއިން އިމާމުކަމުގެ ދާއިރާއަށް ޝައުގުވެރިވާ ކުދިންނަށް ވަޒީފާގެ ފުރުސަތު ފަހިކޮށްދިނުމަށް މިނިސްޓްރީން ވަނި ނިންމާފައެވެ. އަދި މީގެ އިތުރުން، އިމާމުކަމުގެ ރަސްމީ ކޯހެއް ފުރިހަމަކޮށްފައި ނެތް ނަމަވެސް، އެ މަގާމަށް ޝަރުތުހަމަވާ ފަރާތްތަކަށް ފުރުސަތު ދިނުމުގެ ގޮތުން "އިމާމުކަމުގެ އާންމު އިމްތިހާނެއް" ތައާރަފްކުރުމަށް މިނިސްޓްރީން މަޝްވަރާކުރަމުންދާ ކަމަށް ވެސް ޝަހީމް ވިދާޅުވެފައި ވެއެވެ.

މި އިމްތިހާނަކީ މިނިސްޓްރީން ކަނޑައަޅާ ހާއްސަ މުގައްރަރެއްގެ ދަށުން ކޮންމެ އަހަރަކު އެއްފަހަރު ބޭއްވުމަށް ހަމަޖެހިފައިވާ އިމްތިހާނެކެވެ. މި އިމްތިހާނުން ފާސްވާ ފަރާތްތަކަށް އިމާމްކަން ކުރުމުގެ ރަސްމީ ހުއްދައެއް ދޫކުރުމަށްވެސް ރޭވިފައިވާ ކަމަށް ޝަހީމް ވިދާޅުވިއެވެ. މި އިސްލާހީ ބަދަލުތަކާ ގުޅޭގޮތުން ކަމާގުޅުންހުރި އިދާރާތަކާއެކު މިހާރު ދަނީ މަޝްވަރާ ކުރަމުންދާއިރު، މަޝްވަރާތަކަށްފަހު މިކަމުގައި ކުރިއަށްދާނެ އެންމެ ފަހުގެ ގޮތްތައް ވަރަށް އަވަހަށް އިއާލާން ކުރާނެ ކަމަށްވެސް މިނިސްޓަރު ހާމަ ކުރައްވާފައި ވެއެވެ.

" މި މައްސަލަ އަށް ހައްލު ހޯދުމަށްޓަކައި އޯލެވެލް ނިންމާ ދަރިވަރުންގެ ތެރެއިން ދާއިރާއަށް ޝައުގުވެރިވާ ކުދިންނަށް އިތުރަށް ވަޒީފާގެ ފުރުސަތު ފަހި ކުރުމާއި، އިމާމުކަމުގެ ކޯހެއް ނުވަތަ އެއާ ގުޅުން ހުރި ކޯހެއް ނެތް ފަރާތްތަކަށް، މިނިސްޓްރީން ކަނޑާއަޅާ މިންވަރުގެ މގައްރަރެއް ކަނޑައަޅައި އާންމުކޮށް އޭގެ ދަށުން ކޮންމެ އަހަރަކު އިމާމު ކަމާ ގުޅޭ އާންމު އިމްތިހާނެއް ތައާރަފްކޮށް އިމާމްކަންކުރުމުގެ ހުއްދައެއް ތައާރަފް ކުރުމަށް މިނިސްޓްރީން މިދަނީ މަޝްވަރާކުރަމުން."
މިނިސްޓަރު ޝަހީމް

ޝަހީމް ވިދާޅުވި ގޮތުގައި ރާއްޖޭގެ މީހުން ދިރިއުޅޭ ރަށްރަށުގައި ނަމާދުކުރާ 623 މިސްކިތް ހުރި އިރު، އޭގެ ތެރެއިން 69 މިސްކިތެއްގައި އެއްވެސް ދާއިމީ އިމާމަކު ނެތެވެ. މިހާރު ރާއްޖޭގައި ތިބީ ޖުމްލަ 569 ދާއިމީ އިމާމުން ކަމަށްވާއިރު ދާއިމީ އިމާމުން ހަމަޖެހިފައިވަނީ 554 މިސްކިތެއްގައެވެ. މީގެ ތެރެއިން 15 މިސްކިތެއްގައި ދެ އިމާމުން މަސައްކަތް ކުރަމުންދާ ކަމަށް މިނިސްޓަރު ފާހަގަ ކުރެއްވިއެވެ.

އިމާމުންގެ ފެންވަރު ރަނގަޅު ކުރުމުގެ ގޮތުން ހާއްސަ މަޝްރޫއެއް މި ސަރުކާރުން ފަށާފައިވާއިރު އަމާޒަކީ ޖުމްލަ 700 އިމާމުން ތަމްރީނުކޮށް ނިންމުން ކަމަށް އިސްލާމީ ކަންތައްތަކާ ބެހޭ ވުޒާރާއިން މީގެ ކުރިން ބުނެފައި ވެއެވެ.