އދ. ދިގުރަށުގައި ރޭ ހިނގި އަލިފާނުގެ ހާދިސާގައި އަނިޔާވި ދެ މީހަކަށް ވެންޓިލޭޓަރުގައި ފަރުވާދެމުންދާ ކަމަށް އައިޖީއެމްއެޗް ހޮސްޕިޓަލުން ބުނެފިއެވެ.

ރޭ ދަންވަރު 2:00 އެހާއިރު އަލިފާނުގެ ހާދިސާ ހިނގާފައި ވަނީ ދިގުރަށުގައި ބިދޭސީ މަސައްކަތްތެރިން ދިރިއުޅޭ އެކޮމަޑޭޝަންއެއްގައެވެ.

މި ހާދިސާގައި އެ އެކޮމަޑޭޝަން ބްލޮކްގައި ދިރިއުޅޭ ފަސް މީހަކު ނިޔާވެފައިވާއިރު ވަރަށް ބޮޑަށް ފިހިފައިވާ ދެ މީހަކަށް އިތުރު ފަރުވާ ދިނުމަށްޓަކައި މާލެ ވަނީ ގެނެސްފައެވެ. އަދި އިތުރު މީހަކަށް އެ ރަށު ހޮސްޕިޓަލުން ފަރުވާ ދިނުމަށްފަހު ވަނީ ދޫކޮށްލާފައެވެ.

މާލެ ގެނައި ދެ މީހުންގެ މައުލޫމާތު ހިއްސާ ކުރަމުން އައިޖީއެމްއެޗް އިން ބުނީ، އެ ދެ މީހުންނަށްވެސް ފަރުވާދެމުންދަނީ ވެންޓިލޭޓަރުގައި ކަމަށެވެ. ނަމަވެސް އެ މީހުންނަށް ލިބުނު އަނިޔާތަކުގެ ތަފްސީލެއް އެ ހޮސްޕިޓަލުން ހިއްސާކޮށްފައި ނުވެއެވެ.

ގިނަ އަދަދެއްގެ ބިދޭސީން އުޅެމުންދިޔަ އެ އެކޮމޮޑޭޝަން ބްލޮކުގައި އަލިފާނުގެ ހާދިސާގެ މައްސަލަ ހިއުމަން ރައިޓްސް ކޮމިޝަން (އެޗްއާރްސީއެމް)އިން ބަލަމުންދާއިރު އެ ކޮމިޝަނުން ބުނީ، އެ ހާދިސާގައި އަނިޔާވި ފަރާތްތަކުގެ ހާލަތު އަދި އެ ހާދިސާގެ ވަށައިގެންވާ ކަންތައްތަކުގެ ތެރޭގައި އެއްވެސް އިންސާނީ ހައްގެއް ގެއްލި ނުވަތަ ހަނިވާނެ ފަދަ ކަމެއް ހިނގާފައިވޭތޯ ބަލަމުންދާ ކަމަށެވެ.

މީގެ އިތުރުން ވެސް މި މައްސަލަ ތަހުގީގުކުރުމަށް ފުލުހުންގެ ހާއްސަ ޓީމެއް އެ ރަށަށް ގޮސްފައިވާއިރު މިހާދިސާ ހިނގުމަށް މެދުވެރިވި ސަބަބު މިހާތަނަށް ކަމާ ގުޅުންހުރި އިދާރާއަކުން ހިއްސާކޮށްފައި ނުވެއެވެ. ނަމަވެސް މި ނޫހަށް އެނގިފައިވާ ގޮތުގައި އެ ހާދިސާ ހިނގާފައި ވަނީ ކައްކަން އުޅުމުގެ ތެރޭގައި ގޭސް ލީކުވެގެންނެވެ.