ދިވެހި ފުލުހުންގެ ހިދުމަތުގެ އެންޓި-ސްކޭމް ސެންޓަރުން ބައިވެރިވާ ބައިނަލްއަގުވާމީ އޮޕަރޭޝަން “އޮޕަރޭޝަން ފްރޮންޓިއާ+ III” ރަސްމީކޮށް ފަށައިފިއެވެ.
މިއީ ދުނިޔޭގެ އެކި ގައުމުތަކުގެ ނޭޝަނަލް އެންޓި-ސްކޭމް ސެންޓަރުތައް ގުޅިގެން، ސްކޭމްގެ ވިއުގަތަކަށް އަމާޒުކޮށް ހިންގާ ބައިނަލްއަގުވާމީ ބޮޑު ހަރަކާތެއް ކަމަށް ފުލުހުން ވަނީ ބުނެފައެވެ. މިއީ ބޯޑަރު ހުރަސްކޮށް ހިންގާ ސްކޭމްތަކާއި މާލީ ކުށްތަކާ ދެކޮޅަށް ހިންގޭ ބައިނަލްއަގުވާމީ ފެންވަރުގެ ތިންވަނަ ބޮޑު އޮޕަރޭޝަންކަމަށް ފާހަގަކޮށް ފުލުހުން ބުނީ ފްރޮންޓިއާ+ އެލަޔަންސްގައި 13 ގައުމެއް ހިމެނޭ ކަމަށެވެ.
މިއީ ޓްރާންސްނޭޝަނަލް ސްކޭމްތައް ހުއްޓުވުމަށްޓަކައި، އެކި ގައުމުތަކުގެ އެންޓި-ސްކޭމް ސެންޓަރުތަކާއި ތަންފީޒީ އިދާރާތައް ގުޅިގެން އުފައްދާފައިވާ އެލަޔަންސެކެވެ. މި އެލަޔަންސްގައި ބައިވެރިވާ ގައުމުތަކަކީ، އޮސްޓްރޭލިއާ، ބްރޫނާއީ، ކެނެޑާ، ހޮންގް ކޮންގް، އިންޑޮނޭޝިއާ، ސައުތު އެފްރިކާ، މަކާއޯ، މެލޭޝިއާ، ދިވެހިރާއްޖެ، ދުބާއީ، ސިންގަޕޫރު، ސައުތު ކޮރެއާ އަދި ތައިލޭންޑެވެ.
ފުލުހުން ބުނީ މި އެލަޔަންސްގެ މައިގަނޑު އަމާޒަކީ ރިއަލް-ޓައިމްކޮށް މައުލޫމާތު ހިއްސާކުރުމާ، ސްކޭމް ހިންގާ ވިއުގަތައް ނައްތާލުމަށް ގުޅިގެން އޮޕަރޭޝަންތައް ހިންގުން ކަމަށެވެ. މި އޮޕަރޭޝަން މައިގަނޑު ގޮތެއްގައި ބިނާވެފައިވަނީ ހަތަރު އަސާސެއްގެ މައްޗަށެވެ. އެއީ، ވަގުތުން ފިޔަވަޅު އެޅުމާއި ޝައްކުކުރެވޭ ބެންކު އެކައުންޓްތަކާ މަނީ މިއުލްސް ދެނެގަނެ ފައިސާގެ މުއާމަލާތުތައް ވަގުތުން ހުއްޓުވުމެވެ. އަދި އިންޓެލިޖެންސް ހިއްސާކުރުމާ އަލަށް އުފެދޭ ސްކޭމް އުކުޅުތަކާ ނެޓްވޯކްތަކުގެ މައުލޫމާތު ގައުމުތަކުގެ މެދުގައި ރިއަލް-ޓައިމްކޮށް ބަދަލުކުރުމާ، ޑޭޓާގެ އަލީގައި މަސައްކަތްކުރުމާއި ސްކޭމްތަކުގެ ފަރުމާ ދެނެގަތުމާއި ކުށްވެރިންގެ އުކުޅުތައް ދިރާސާކޮށް ފައިސާ އަނބުރާ ހޯދޭނެ ފުރުސަތުތައް ފަހިކުރުމާ، ބައިނަލްއަގުވާމީ އެއްބާރުލުން އިތުރުކުރުމާއި ބޯޑަރު ހުރަސްކޮށް ހިންގޭ ތަހުގީގުތައް ހަރުދަނާކޮށް ގައުމުތަކުގެ މެދުގައި އޮންނަ ގުޅުން ބަދަހި ކުރުމެވެ.
މި އޮޕަރޭޝަންގެ ދަށުން، އިންވެސްޓްމަންޓް ސްކޭމް، ރޮމޭންސް ސްކޭމް، އީ-ކޮމާސް ސްކޭމް، ޖޮބް ސްކޭމް، ލޯން ސްކޭމް، ފިޝިން އަދި ސަރުކާރުގެ އިދާރާތަކުގެ ނަމުގައި ހިންގާ ސްކޭމްތަކަށް ހާއްސަ ސަމާލުކަމެއް ދެވޭނެއެވެ. ފުލުހުން ބުނީ މާޗު 10 އިން މެއި 7 އަށް މި އޮޕަރޭޝަން ކުރިއަށް ގެންދާއިރު މި މުއްދަތުގައި ހުރިހާ ގައުމަކުން ވެސް ސްކޭމްތަކާ ދެކޮޅަށް ހަރުކަށި ފިޔަވަޅުތައް އަޅަމުންދާނެ ކަމަށެވެ. މި އޮޕަރޭޝަންގެ ނަތީޖާ ހުށަހެޅުމަށް ހަމަޖެހިފައިވަނީ މެއި 13 ވަނަ ދުވަހުއެވެ.
މި އަހަރުގެ އޮޕަރޭޝަންގެ އެންމެ މުހިންމު އެއް ހަރަކާތް ކަމުގައިވާ ބައިނަލްއަގުވާމީ ޕްރެސް ކޮންފަރެންސް ބޭއްވުމަށް ހަމަޖެހިފައިވަނީ މެއި 20 ވަނަ ދުވަހު ރާއްޖޭގައިކަމަށް ފުލުހުން ވަނީ ބުނެފައެވެ. މި ބްރީފިންގައި، އެލަޔަންސްގައި ހިމެނޭ ހުރިހާ ގައުމުތަކުން ހާސިލުކުރި ޖުމުލަ ނަތީޖާތަކާ، ހައްޔަރުކުރެވުނު މީހުންގެ އަދަދާ، ފްރީޒްކުރެވުނު ފައިސާގެ ތަފާސްހިސާބުތައް މުޅި ދުނިޔެއަށް ހާމަކުރެވޭނެއެވެ.
މިދިޔަ އަހަރު ކުރިއަށް ގެންދިޔަ މި އޮޕަރޭޝަންގައި ދިވެހި ފުލުހުންގެ ހިދުމަތުގެ އެންޓި-ސްކޭމް ސެންޓަރުން ވަނީ، ރާއްޖެއިން ގެއްލުނު ފައިސާ އަނބުރާ ހޯދުމުގައި ބައިނަލްއަގުވާމީ ފެންވަރުގައި ފާހަގަކޮށްލެވޭ ކާމިޔާބީއެއް ހާސިލުކޮށްފައެވެ. މި އަހަރުގެ އޮޕަރޭޝަނާއެކު މި މަސައްކަތް އިތުރަށް ވަރުގަދަވެގެންދާނެކަން ފުލުހުން ވަނީ ހާމަކޮށްފައެވެ.
