"ކާކު.." ލަތީފާގެ އަޑު ޟިރާރަށް ދެނެގަންނާކަށް ނޭނގުނެވެ.

"ލަތީފާ... އަހަރެން ބޭނުން ސީމާއާ ބެހޭ ގޮތުން ވާހަކައެއް ދައްކާލަން... އެއްކަލަ ތަނަށް ދާންވީތަ؟... މީ ޝާކިރުގެ ނަންބަރު.. މިނަންބަރަށް ނުގުޅައްޗޭ..." ނިތްކުރިމަތިން ފާޅުވަމުން ދިޔަ ދާތިކިތައް ހެދުމުގެ އަތުކުރިން ފޮހެލަމުން ލަތީފާ ބަލާލީ ޖޯލީގައި އޮތް ސީމާއާ ދިމާއަށެވެ.

"ވަރަށް ބޮޑު ކަމަކުތަ؟.. އަނެއްކާ ކޮންކަމެއް ލައިގަތީ.." ޟިރާރު ބޭނުންވީ ލަތީފާ ދައްކަން ބޭނުންވެގެން އުޅޭ ވާހަކައެއް އޮޅުން ފިލުވާށެވެ.

"ފޯނުން މި ވާހަކަ ދެއްކޭކަށް ނެތް؟... ހިނގާ އެތަނުން ބައްދަލުކުރަން... ކޮން ގަޑިއެއްގަ ދާންވީ.. ޟިރާރަށް ފަސޭހަ ގަޑިއެއް ބުނޭ.. އަހަރެން ހިނގައިދާނަން..." ލަތީފާ ހުރީ ކޮންމެގޮތެއް ހަދައިގެން ވިޔަސް ޟިރާރާ ވާހަކަ ދައްކަން ބޭނުން ވެފައެވެ. އޭނާގެ ހިތުގައި އުފެދިފައިވާ ޝައްކު ޔަގީން ކުރާށެވެ.

"މަޢްރިބް ނަމާދަށްފަހު އާދޭ.. އެގަޑީގަ މީހުން ވެސް މަދުވާނެއްނު... ވަރަށް ރީތިވެގެން އަންނައްޗޭ... އިނގޭ.." ޟީރާރު ހިނިތުންވަމުން ރާގަކަށް ދަމާލާފައި ބުނި ބަހަށް އެއްބަސްވަމުން ލަތީފާ ފޯނު ކަނޑާލީ ގޭތެރެއަށް ވަންނަން ހިނގައިގަންނަމުންނެވެ.

*** *** *** *** *** ***

އިރުއޮއްސި އަނދިރިވާން ފެށުމާ އެކީ ދަނޑުގައި ކުޅެން ފޯރީގައި ތިބި އެންމެންނަށް ގަޑިންވީ ކިހާ އިރެއްކަން ވެސް ނޭނގެއެވެ. ސައިކަލުގައި އައިސް ދަނޑު ކައިރިއަށް މަޑުކޮށްލުމަށްފަހު ފޯނު ނަގާ އޭގެ ސްކްރީނަށް ހޫދު ބަލާލިއެވެ. "އޭ... މިއަދު ކިހާއިރެއް ވަންދެން ކުޅެން ތިއުޅެނީ... ހިނގާ ދާން.. އިރުކޮޅަކުން ބަންގި ގޮވާނެ...." ދަނޑުން ބޭރުވި ބޯޅަ ނަގަން ދަނޑުން ބޭރަށް ނިކުތް ރާއިދުއާ މުޚާތަބުކުރަމުން ހޫދު ވާހަކަ ދެއްކިއެވެ.

"ގަޑިން ކިހާ އިރެއްތަ ވީ؟..." ބޯޅަ ހިފައިގެން އައިސް ކޯޓުވަށާ ފާހަގަކޮށްފައިވާ ރޮނގާ އަރާ ހަމަކުރަމުން ރާއިދު ވާހަކަ ދެއްކީ އެ ބޯޅަ ކޯޓު ތެރެއަށް އެއްލަމުންނެވެ.

"ހަ ގަޑި ފަނަރަ.. ދެން ހިނގާ ދާން..." ސައިކަލުގެ ހަރު ޖައްސާލުމަށްފަހު ހޫދު ސައިކަލުން ފޭބީ ހަށިގަނޑު ދަމާލާށެވެ. ކޯޓުތެރޭ ތިބި ޒުވާނުންނާ ދިމާއަށް ރާއިދު ބަލާލިއެވެ. ގަޑިިން ވީ އިރު ބުނުމުން އެންމެންވެސް ކުޅެ ނިންމާލުމަށްފަހު މޫދަށް ދާން ހިނގާށޭ ބުނެލިއެވެ. ރާއިދު ނޫނެކޭ ބުނެ އޭނާ ގެއަށް ދާންޖެހޭ ކަމަށް ބުނެ ހޫދު ކައިރިއަށް އައިސް ހުއްޓުނެވެ.

"ހިނގާ ދާން.... މިގަޑީގަ މޫދަށް ދެވޭތަ؟... ތި އައީ އަހަރެން ބަލާ ދޯ..." ސައިކަލާ ދިމާއަށް ހިނގާފައި އަންނަމުން ރާއިދު ދެއަތް އުފުލާލަމުން ހަށިގަނޑު ދަމާލަމުން ގައިގާ ހުރި މަސްތަކަށް ވާންވާނެހެން ދެއަތަށް އެނބުރިލިއެވެ.

ރާއިދް ގޮވައިގެން ސައިކަލުގައި އައިސް އެގޭ ދޮރުމައްޗަށް މަޑުކޮށްލުމަށްފަހު ހޫދު އެގެއަށް ވަންނާނެ ގޮތަކާ ދޭތެރޭ ވިސްނާލިއެވެ. "ހިނގާ ފެންވަރައިގެން މިސްކިތަށް ދާން... ރާއިދް އަންނަންދެން އަހަރެން މަޑުކުރާނަން..." ހޫދު ބުނި ޖުމްލައިން ގޭތެރެއަށް ވަންނަން ދިޔަ ރާއިދުގެ ފިޔަވަޅު މަޑުކޮށްލިއެވެ.

"ކީއްކުރަން ތިތާ ބޭރުގަ ހުންނަނީކީ.. އާދޭ އެތެރެއަށް..." ރާއިދު ދިނީ ހޫދު ބޭނުންވި ޖަވާބެވެ. އެހެންކަމުން ސައިކަލު ޕާކުކޮށްލުމަށްފަހު އޭނާވެސް އަވަސްވެގަތީ ރާއިދުގެ ފަހަތުން އެގޭތެރެއަށް ވަންނާށެވެ.

ބޭރުން ފެންނަފެނުމަށް އެއީ އާދައިގެ ގޮތަކަށް ހުރި ގެއެއް ނަމަވެސް އެގޭތެރެއިން ފެންނަމުން ދިޔައީ ތަނަވަސް ރީތި ދިރިއުޅުމެކެވެ. ސިޓިންގްރޫމްގައި ހުރި ސޯފާގައި ހޫދު އިށީނުމާއެކު ރާއިދު އެތެރެއަށް ވަދެގެން ދިޔައެވެ. ގޭތެރޭގައިވާ ފަރުނީޗަރުތަކަށާއި ސާމާނުތަކަށް ހޫދު ނަޒަރު ހިންގާލިއެވެ. އެއަށްފަހު ފޯނު ނަގާ އޭގެ ސްކްރީނަށް ބަލާލުމަށްފަހު ފޭސްބުކް ޕޭޖް ހުޅުވާލަމުން އޭގެ ސްކްރީނުން ފެންނަމުން ދިޔަ އެއްޗެހިތައް ބަލަމުން ދިޔައީ ރާއިދު އަންނާނެ ވަގުތެއްގެ އިންތިޒާރުގައި ވަގުތު ގުނަމުންނެވެ.

ކުއްލިއަކަށް ގޭގެ މައިދޮރުމަތިން ހިޔަންޏެއް އެޅުނުކަމުގެ އިހްސާސްވުމުން ފޯނުން ނަޒަރު ދުރުކޮށްލަމުން ގެއަށް ވަންނަ ދޮރާ ދިމާއަށް ހޫދު ބަލާލިއެވެ. ލިބުނު ހައިރާންކަމާ އެކު ހޫދުގެ ދެލޯ ބޮޑުވެގެން ދިޔައެވެ. ފައިވާން ބަހައްޓާ ހަރުމަތީ ފައިވާން ބަހައްޓަމުން އެތެރެއަށް ވަންނަން ހިނގައިގަތް އަންހެންމީހާ ފެނުމުން އެއީ ކާކުކަން ހޫދަށް އެނގުނެވެ. ސިޓިންގްރޫމަށް ވަންނަން އެ އަންހެންމީހާ އަވަސްވެގަތެވެ. ފައިފުހި ކައިރީ ބަހައްޓާފައިވާ ބޫޓުފެނުމުން އެއަންހެންމީހާ ގޮވާލިއެވެ. "ރާއިދޫ... އަޅެ މިހެން އެއްޗެހި އުކާފަ ނުބަހައްޓަބަލަ..."

މޫނުމަތި ނިވާކޮށްފައިވާ ފޮތިކޮޅު ބޯމަތިން ނަގަމުން އޭނާ ގުދުވެ ކުޅެން ރާއިދު އަރައިގެން ދިޔަ ބޫޓު ނެގުމަށްފަހު ތެދުވެ ހިންދެމިލިއެވެ. އެ އަންހެން މީހާގެ މޫނު ފެނުމާއެކު ހޫދަށް އިސްޖަހާލެވުނެވެ. ދޮންކަމުން ކޯތާފަތަށް ޖަންބުކުލަ އަރާފައިވާ އެމޫނުގައި ލަކުނެއްވެސް ފެންނާކަށް ނެތެވެ.

މީހަކު ސިޓިންގް ރޫމްތެރޭގައި ހުރިހެން ހީވުމުން އެއަންހެން މީހާއަށް ސޯފާއާ ދިމާއަށް ބަލާލެވުނީ ޖެހިލުންވެ ހުރެއެވެ. އިސްޖަހއިގެން ހުރި ހޫދު ފެނުމާ އެކު އޭނާގެ މޫނު ނިވާކުރާ ފޮތިކޮޅު ތިރިކޮށްލީ ނިތައް ރޫގިނަ ކޮށްލަމުންނެވެ.

އެ ސޫރަ ފެނުމާއެކު ހޫދަށް އެއީ ދަންނަ މޫނަކާ ވައްތަރުވިއެވެ. ފެނުނީ ކޮންތާކުންކަން ހަނދާންވާ ގޮތެއް ނުވިއެވެ. ރީތިކަމުން އޭނާގެ މޫނަށް ނުބަލާ ނުހުރެވިގެން ހޫދުު އިސްއުފުލާލަމުން އަނެއްކާވެސް އެއަންހެންމީހާއާ ދިމާއަށް ބަލާލިއެވެ. ދެލޯ ބޮޑުކޮށްގެން ހޫދުއާ ދިމާއަށް އޭނާ ބަލަންހުރި އިރު މިހާރު އޭނާގެ މޫނުވަނީ ނިވާކޮށްފައެވެ. ބަހެއް ނުބުނެ އެ އަންހެންމީހާ ބަލަން ހުރި ގޮތުން ހޫދުގެ ހިތަށް އުނދަގޫވަމުން ދިޔައެވެ. ބުނާނެ އެއްޗަކާ ދޭތެރޭ ވިސްނާލުމަށްފަހު ހޫދު ވާހަކަ ދައްކަމުން ސޯފާއިން ތެދުވިއެވެ. "ރާއިދްއާ އެކީ މިއައީ... ރާއިދް އަންނަން ދެން މަޑުކޮށްގެން މީނީ..."

އެއަންހެންމީހާ އެއްވެސް އެއްޗެކޭ ނުބުނެ ބޯޖަހާލުމަށްފަހު އެތެރެއަށް ވަދެގެން ދިޔައެވެ. އެއީ ކާކުތޯ ބަލަން ބޭނުންވެފައި ހުރި ހޫދު މަޑުމަޑުން ސޯފާގައި އިށީނދެ ހަމަޖެހިލިއެވެ. ހިތުގައި ފުނިޖެހެމުން ދިޔަ ސުވާލުތަކަށް ޖަވާބެއް ލިބޭނީ ރާއިދު ކައިރިން އެއަންހެންމީހާއާ ބެހޭ މައުލޫމާތު އޮޅުންފިލުވައިގެން ކަން ހޫދަށް ވިސްނުނެވެ.

*** *** *** *** *** ***

އިރުއޮއްސި ރަށުތެރެއަށް އަނދިރިވުމުގެ ކުލަވަރު އުޑުމަތިން ފާޅުވަމުން ދިޔައެވެ. ރީތިވެގެން ބޭރަށް ނިކުތް ލަތީފާއަށް ޖޯލީގައި އޮތް ސީމާ ފެނުމާއެކީ ގޭތެރެއަށް ވަންނާށޭ ބުނީ އެތާ އެކަނި އެ މަންޖެ ބަހައްޓާފަ ދާން ބޭނުން ނުވާތީއެވެ. ބަސްއަހާ ކުޑަކުއްޖެއް ފަދައިން ލަތީފާ އެދުނުހެން އޭނާ ގޭތެރެއަށް ދާން ފިޔަވަޅު އަވަސްކޮށްލިއެވެ. ހިތްހަމަޖެހުމުގެ ނޭވާއެއް ބޭރުކޮށްލަމުން ލަތީފާ މިސްރާބުޖެހީ ޟީރާރުއާ ބައްދަލުކުރަން ދާށެވެ.

ގޭތެރެއަށް ވަންނަން ފިޔަވަޅުއެޅި ސީމާގެ ކަންފަތުގައި ޖެހުނީ ފިރިހެނެއްގެ އަޑެވެ. މަޑުޖެހުމަށްފަހު އޭނާ ވަށައިގެން ހޯދާ ބަލާލިއެވެ. "ސީމާ.... ސީމާ..."

އެ އަޑު އަންނަ ދިމާއަށް ސީމާ ބަލާލީ ދެބުމަ ގޮށްޖަހާލަމުންނެވެ. އަނދިރިކަން ފެތުރިފައިވާ ގަސްތަކާ ދިމާއަށް ބަލާލީ ޖެހިލުންވެ ހުރެއެވެ. އެއީ ދެންމެ ސީމާ އޮށޯވެގެން އޮތް ޖޯލިފަތީގެ ބިއްދޮށެވެ. އެތާ މިވަގުތު އެހުރީ ކާކު ހެއްޔެވެ. ސީމާއަށް އެތަނުން މީހަކު ނުފެނުމުން މަގާ ދިމާއަށް ބަލާލީ އޭނާގެ މަންމަ އެހިސާބުގައި ފެންނަން ހުރި ތޯއެވެ. އަނެއްކާވެސް ގޭތެރެއަށް ވަންނަން ސީމާ ހިތަށް އެރިއެވެ. އިރުއޮއްސުމަށްފަހު ބޭރަށް ނިކުތުމަށް އޭނާގެ މަންމަ އޮންނަނީ މަނާކޮށްފައެވެ.

އަނެއްކާވެސް އިވުނީ ސީމާގެ ނަމުން މީހަކު ގޮވާލިއަޑެވެ. މިފަހަރު އެ އަޑު އައީ ގަސްތަކާއި ދިމާއަކުން ނޫނެވެ. އެގޭގެ ގިފިއްޔާ ދިމާއިންނެވެ. "ކާކު... ބައްޕަތަ؟..."

ސީމާ ކުރިއަށް ފިޔަވަޅު އަޅާލީ އޭނާއަށް އެއީ ހީވި ހީވުމެއްތޯ ޔަގީން ކުރާށެވެ. ގިފިލީގެ ދޮރު ހުރީ ކުޑަކޮށް ހުޅުވިފައެވެ. މަޑު ފިޔަވަޅުތަކެއްގައި ހިނގަމުން ގޮސް ގިފިލީގެ ދޮރުގައި ސީމާ އަތް ޖައްސާލިއެވެ. މަޑުމަޑުން ދޮރު ހުޅުވުނު އިރު ސީމާ އެތެރެއަށް ބަލާލީ ބިރުން ހުރެއެވެ. "ބައްޕަތަ؟... ކިހިނެއްވީ... މަންމަ ހިނގައްޖެ ބޭރަށް.."

*** *** *** *** *** ***

މާ ގިނަ އިރެއް ނުވެ ފެންވަރައި ރީތިވެގެން ރާއިދު ބޭރަށް ނިކުތެވެ. ހަމަ އެދަނޑިވަޅުގައި ތަބަކަކަށް ދެ ޖޫސްތަށިލައިގެން އެއަންހެންމީހާ ބޭރަށް ނިކުމެ ސޯފާ ކުރިމަތީ ހުރި ކުޑަ މޭޒުމަތީ އެ ތަބަށް ބެހެއްޓިއެވެ.

ޖޫސްތަށި ނަގާ އޭގެން ޖޫސް ފޮދެއް ބޯލުމަށްފަހު ހޫދު ބަލާލީ ރާއިދާ ދިމާއަށެވެ. އެއްފަހަރުން ޖޫސްތަށި ހުސްކޮށްލުމަށްފަހު ތަބަކުގައި ހުސްތަށި ބަހައްޓަމުން ދާން ހިނގާށޭ ރާއިދު ބުނެލީ ފާރުގައި ހަރުކޮށްފައިވާ ގަޑިއަށް ބަލާލަމުންނެވެ.

އެވަގުތު ގޭތެރެއަށް ވަދެގެން އައި މެދު އުމުރުގެ ފިރިހެންމީހާ ފެނުމާ އެކު އެއީ ރާއިދުގެ ބައްޕަކަން ދެނެގަންނަން ހޫދަށް އެނގުނެވެ. އިސްކޮޅުން ދިގު އެ ފިރިހެން މީހާގެ ފަޅުވާފައިވާ ތުނބުޅީގައި ކޮންމެވެސް ވަރަކަށް ނުރައިގެ އަސަރު ފެންނަން ހުއްޓެވެ. "ދަރިފުޅާ ކޮންތާކަށް؟.. މީ ކޮން ކުއްޖެއް..." ހޫދާ ދިމާއަށް ބަލާލާފަ އެމީހާ ހިނިތުންވެލިއެވެ.

"މީ ރައްޓެހި ކުއްޖެއް... މިރަށަށް ކިޝަން ބޭބެއާ އެކީ ގެސްޓް ހައުސް މަސައްކަތުގައި އައިސް އުޅޭ ކުއްޖެއް... މި ދަނީ ނަމާދަށް ދާން..." ރާއިދު ބޭރަށް ދާން ހިނގައިގަންނަމުން އޭނާގެ ބައްޕައަށް ހޫދު ތައާރަފްކޮށްދިނެވެ. ހޫދުއާ އެމީހާ ސަލާމްކޮށްލަމުން ގޭތެރެއަށް ބަލާލިއެވެ.

"އަފްނާން... ނިކަން ހޫނު ސައިތައްޓެއް ހަދައި ދީބަލަ..." ސޯފާގައި އެ ފިރިހެންމީހާ އިށީންނަމުން ގޮވާލީ އެގޭތެރޭގައި އުޅޭ މީހަކަށެވެ. ފައިވާނަށް އަރަން ހުރި ހޫދަށް ބަލާލެވުނީ އެވަގުތު އެތެރެއިން ނިކުތް އަންހެންމީހާއާ ދިމާއަށެވެ. "އަފްނާން... އަފްނާން..." ހޫދުގެ ސިކުނޑީގައި އެނަން ޖެހުމާއެކު ހުއްޓުން އެރީ ކީއްވެ ހެއްޔެވެ. އެއީ އެ އަންހެންމީހާއަށް ކިޔާ ނަން ހެއްޔެވެ. އެނަން ހޫދުއަށް އިވުނީ ކޮންތާކުންތޯ ހަނދާންކުރަން އެ ހުރި ފިޔަވަޅުމަތީ މަޑުކޮށްލެވުނެވެ.

*** *** *** *** *** ***

މަޢްރިބް ނަމާދަށް ގޮވި އިރު ލަތީފާ ހުރީ އެ ފަޅުގެ ކައިރީގައެވެ. ޖިފުޓިގެ ތެރޭގައި ހުރި ރޯނު އެނދުގައި އިށީނދެގެން އިން އިރު ލަތީފާގެ ހިތް އަވަސްވަމުން ދިޔައެވެ. ޟިރާރު އަންނާނެ ވަގުތެއްގެ އިންތިޒާރުގައި ވަގުތު ގުނަމުން ދިޔައިރު ކޮންމެ ފަސް މިނެޓަކުން ބޭރަށް ބޯދިއްކޮށްލާ ބަލާލެވެއެވެ. ސީމާގެ އުޅުމަށް އަންނަމުން ދިޔަ ބަދަލުތައް ދެނެގަންނަން މަސައްކަތްކުރާ ވަރަކަށް ލަތީފާގެ ހިތް ބިރުގަންނަމުން ދިޔަ ސަބަބެއް އޭނާއަކަށް ނުވިސްނުނެވެ.

ކުއްލިއަކަށް އެ ޖިފުޓިގޭގެ ދޮރު ފޭކޮށްލާފަ އެތެރެއަށް ދެމިގަތް ޟިރާރު ފެނުމާ އެކީ ލަތީފާ ފުންމައިގެން ރޯނު އެނދުމަތިން ތެދުވިއެވެ. އެ ދޮރު ގާތްކޮށްލަން ޟިރާރުގެ ދެއަތް ހަރަކާތްކޮށްލި ގޮތުން ލަތީފާއަށް ހައިރާންކަމެއް ލިބުނެވެ. ޟީރާރުގެ ބަޅުވެފައިވާ އަތުގައި އެއްވެސް އައިބުކަމެއް ނެތެވެ. ސުވާލުން ފުރިގެންވާ ނަޒަރަކުން ޟިރާރާ ދިމާއަށް ލަތީފާ ބަލާލީ އަންތަރީސްވެފައިވާ ހާލުގައެވެ.

"ކީއްވެތަ މިރޭ ފާޑަކަށް ތި ބަލަނީ..." ނުބައި ޒާތަކަށް ހިނިއައިސްހުރެ ލަތީފާ ކައިރިއަށް ދާން ފިޔަވަޅު އަޅާލި ޟިރާރުގެ މޫނުމަތިން ފެންނަމުން ދިޔައީ ޝަހުވާނީ އެދުންވެރިކަމެވެ. ރީއްޗަށް ތިރިކޮށްފައިވާ ޝިރާރުގެ ދެއަތަށް ބަލަން އިން ލަތީފާއަށް ފެންނަމުން ދިޔަ މަންޒަރުން ހުރީ ޖަވާބެއް ވެސް ދޭން ނޭނގިފައެވެ.

ލަތީފާގެ ކުރިމައްޗަށް ހުއްޓެމުން ލަތީފާގެ ކޮނޑުގައި ޟިރާރުގެ ދެއަތުން ހިފަހައްޓާލަމުން އިނގިލިތަކުން ބާރުބާރަށް ލަތީފާ ކޮނޑުމަތީގައި ޖަހާފައިވާ މަސްތަކަށް ބާރުކޮށްލިއެވެ. އޭނާގެ ދެއަތުގައިވެސް އެއްވަރަކަށް ބާރު ހުރުމުން އޭނާގެ އަތަށްވީ ކިހިނެއްތޯ ދެނެގަންނަން ލަތީފާ ބޭނުންވިއެވެ. ނަމަވެސް އެވަގުތު ލަތީފާގެ ސިކުނޑިއަށް ވެރިވީ ސީމާއަށް ވަމުންދާ ކަންތަކެވެ.

"ޟިރާރޫ... އަހަންނަކަށް ހިއެއް ނުވޭ ސީމާ އެއްކޮށް ރަނގަޅުވި ހެނެއް... ސީމާއަށް ކޮންމެވެސް އިތުރު ކަންތައްގަނޑެއް އެބަ ކުރިމަތިވޭ..."

*** *** *** *** *** ***

"ބައްޕާ... ކިހިނެއްވީ..." ގިފިލީގެ ދޮރު ފޭކޮށްލަމުން އެތެރެއަށް ބޯދިއްކޮށްލި ސީމާއަށް ބަލާލެވުނީ ވަޅުދޮށާ ދިމާއަށެވެ. އެއްއަތުން ވަޅުގައި ހިފަހައްޓައިގެން ވަޅުދޮށަށް ގުދުވެގެން އޮތް އިރު އެމީހަކު ހީވަނީ ތަނެއްގައި ރިއްސާތީ އުޅޭ ހެންނެވެ. ބޮކި ނުދިއްލާ ހުރުމުން އެތާ އެއްވެސް އަލިކަމެއް ނެތުމުން ގިފިލިތެރެއަށް ސީމާ ވަނީ އެއްފަރާތެއްގައި ހުރި ސްވިޗް ޖައްސާލުމަށް ފަހުއެވެ. ބޮކި ދިއްލުމާއެކީ ގިފިލިތެރެއަށް ފެތުރިގެންދިޔަ ފަނޑު އޮރެންޖް އަލިކަމުގެ ތެރެއިން ވަޅުދޮށާ ދިމާއަށް ސީމާ ބަލާލީ އޭނާގެ ބައްޕައަށް ގޮވަމުންނެވެ.

ބަނޑުގައި އަތް އަޅައިގެން ހުރެ އެމީހާ އޭރު ވަޅުދޮށަށް ކަކޫ ޖަހާ ތިރިވެއްޖެއެވެ. ސީމާގެ ފިޔަވަޅުތައް އަވަސްކޮށްލީ އޭނާގެ ބައްޕައަށް އެވަމުންދާ ގޮތެއް ބަލާށެވެ. ފައިވާން ބޭލުމަށްފަހު ފެންވަރާ ދިމާއަށް ސީމާ ވަންނަން ފައި އުފުލާލި ވަގުތު ބަންލާފައި އަޑެއް އިވުމުން ފަހަތަށް ބަލާލެވުނެވެ. ގިފިލީގެ ދޮރު ބާރުބާރަށް ޖެހުނު އަޑުކަން އެނގުނެވެ. ދޮރު އެހާ ބާރަށް އެޖެހުނު ސަބަބެއް ސީމާއަކަށް ނަގައެއް ނުގަނެވުނެވެ. ދޮރާ ދިމާއަށް ސީމާ ބަލަން ހުއްޓާ ގިފިއްޔަށް އަލިވާ ގޮތަށް ހުރި ބޮކީގެ އަލި ނިވި ދިއްލެއް ފެށިއެވެ. ގިފިލީގެ ދޮރާ ދިމާލުން އިވެން ފެށި އަޑާއެކީ ދެބުމަ ގޮށްޖަހާލީ ދަތް ހީލި ކަރުވާތީއެވެ. ގިފިލީގެ ތަންޑު މަޑުމަޑުން ކޭއްތެމުން ގޮސް އެޅުވުނެވެ.

"ބައްޕާ... މިވަނީ ކިހިނެއް...."

ސީމާ ވަޅުދޮށަށް އެނބުރިލީ އޭނާގެ ބައްޕައާ ސުވާލު ކުރަމުންނެވެ. ނަމަވެސް އޭރު އެތާކު އޭނާގެ ބައްޕައެއް ނެތެވެ. ވަށައިގެން ނަޒަރު ހިންގާލުމަށްފަހު ވަޅާ ދިމާއަށް ސީމާއަށް ބަލާލެވުނެވެ. ވަޅުގެ އެތެރެ ފެންނަ ވަރެއް ނޫނެވެ. ނިވި ދިއްލެމުން ދިޔަ ބޮކީގެ އަލިން ފަނޑު އަލިކަމެއް ވަޅުގެ ތެރެއަށް އެޅިފައި އަނދިރިވާތީ އެއްޗެއް ފެންނަ ވަރެއް ނޫނެވެ. ވަޅުގެ ކައިރިފަށުގައި ދެއަތް ވިއްދާލަމުން ވަޅުތެރެއަށް ސީމާ ބޯ ދިއްކޮށްލިއެވެ.

"ބައްޕާ..." ސީމާ މަޑުމަޑުން ގޮވާލިއެވެ. ސީމާ އޭނާގެ ބައްޕައަށް ގޮވާލި އަޑު ތަކުރާރުވަމުން އެނބުރި އައިސް ސީމާގެ ކަންފަތުގައި އޭނާގެ އަޑު ޖެހުނެވެ. އަނެއްކާވެސް އޭނާގެ ބައްޕައަށް ގޮވާލިއެވެ. މިފަހަރު ސީމާއާ ހަމައަށް އެނބުރި އައީ ސީމާގެ އަޑެއް ނޫނެވެ.

"ސީމާ...."

(ނުނިމޭ)