ފިތުރު ޒަކާތުގެ ގޮތުގައި ރޯދައިގެ ފުރަތަަމަ 15 ދުވަހު 5.5 މިލިއަން ރުފިޔާ ލިބިފައިވާކަމަށް ޒަކާތު ހައުސްއިން ބުނެފިއެވެ.
ޒަކާތު ހައުސް އިން އާންމުކޮށްފައިވާ ތަފާސްހިސާބުން ހާމަވާގޮތުގައި މި ރޯދަމަހުގެ ފުރަތަމަ 15 ގައި ފިތުރު ޒަކާތުގެ ގޮތުގައި ލިބުނު ޖުމްލަ އަކީ 5،482،171ރ. އެވެ. އަދި މި މުއްދަތުގައި މިދިޔަ އަހަރު ލިިބިފައި ވަނީ 4,460,199ރ. ކަމަށްވެސް ޒަކާތު ހައުސްގެ ތަފާސްހިސާބުން ދައްކައެވެ.
މީގެއިތުރުން 2024 ވަނަ އަހަރު މި މުއްދަތުގައި 2،626،587ރ ލިބިފައިވާއިރު 2023 ވަނަ އަހަރު ލިބފައިވަނީ 2،794،579ރ ކަމަށްވެސް ޒަކާތު ހައުސްއިން ވަނީ ބުނެފައެވެ.
އޮންލައިންކޮށް ޒަކާތް ދެއްކުމަށް ދަތިވާ ފަރާތްތަކަށް ފައިސާއިން ޒަކާތް ދެއްކުމުގެ އިންތިޒާމު ފަހިކޮށްދިނުމަށް ޓަކައި "ފިތުރު ޕޯޓަލް"ގެ ނަމުގައި ހާއްސަ ޑިޖިޓަލް ޕްލެޓްފޯމެއްވެސް މޯލްޑިވްސް ޒަކާތު ހައުސް އިން ވަނީ އިފްތިތާހުކޮށްފައެވެ.
ޒަކާތު ހައުސް އިން ބުނީ، މިފަދަ ޕޯޓަލްއެއް ގާއިމްކުރުމުގެ އެންމެ ބޮޑު އެއް މަގްސަދަކީ ރަށު ކައުންސިލުތަކާއި ޒަކާތު ހައުސް މެދުވެރިކޮށް ނަގުދު ފައިސާއިން ޒަކާތް ބަލައިގަތުމުގެ ނިޒާމު އިތުރަށް ހަރުދަނާކޮށް، އެއް އުސޫލަކުން އެ ކަން ކުރިއަށް ގެންދިއުން ކަމަށެވެ.
ފިތުރު ޕޯޓަލް އަކީ މުޅި ރާއްޖޭގައި ޒަކާތުގެ ހިދުމަތްތައް ފޯރުކޮށް ދިނުމުގައި ލުއި ފަސޭހަ ކަމާއި، ދެފުށް ފެންނަ ގޮތްތަކާއި، ހަރުދަނާ ކަން އިތުރު ކުރުމަށް މޯލްޑިވްސް ޒަކާތު ހައުސް އިން ކުރަމުންދާ މަސައްކަތްތަކުގެ ތެރެއިން އެޅުނު މުހިންމު ފިޔަވަޅެއް ކަމަށް ޒަކާތު ހައުސް އިން ބުނެއެވެ.
