ހާމިސް މިސްކިތަކީ ބަހްރެއިންގެ ފުރަތަމަ މިސްކިތް ކަމުގައިވާއިރު މިއީ އުމަވީ ހަލީފާ އުމަރު ދެވަނަ ގެ ޒަމާނުގައި ބިނާކުރި މިސްކިތެއް ކަަމަށް ތާރީހީ ފަތްފޮތް ތަކުގައިވެއެވެ. އަލް ވަސަތުގެ ނޫސްވެރިޔާ ކާސިމް ހުސެއިން މަސްދަރުތަކާ ހަވާލާދީ ފާހަގަކޮށްފައިވާ ގޮތުގައި މިއީ އެ ޒަމާނެއްގައި އުޔުނިދުސްގެ ވެރިކަމުގައި އެއް މުންނާރާއެކު ބިނާކުރި ތަނެކެވެ. އަދި ދެވަނަ މުންނާރު ބިނާކޮށްފައިވަނީ އޭގެ ދެ ގަރުނު ފަހުން އުސްފޫރިދުންގެ ވެރިކަމުގައެވެ.

މީލާދީން 692 ވަނަ އަހަރުގެ ކުރީކޮޅު ބިންގާ އަޅާފައިވާ ކަމަށް ބެލެވޭ މި މިސްކިތަކީ މެދުއިރުމަތީގެ އެންމެ ދުވަސްވީ މިސްކިތްތަކުގެ ތެރޭގައި ހިމެނޭ އެއް މިސްކިތެވެ. އެތަނުން ފެންނަ ބައެއް ލިޔުންތަކަށް ބަލާއިރު މިއީ މީލާދީން 11 ވަނަ ގަރުނުގެ ތެރޭގެ ކޮންމެވެސް ދުވަސްވަރެއްގައި ބިނާކުރި މިސްކިތެކެވެ. އޭގެ ފަހުން 14 ވަނަ ގަރުނާއި 15 ވަނަ ގަރުނުގައި ވެސް ދެ ފަހަރެއްގެ މަތިން އަލުން މި މިސްކިތް ބިނާކޮށްފައި ވާއިރު، އެ ދުވަސްވަރު މިސްކިތުގެ މުންނާރުތައް ހަދާފައިވެއެވެ. ހާމިސް މިސްކިތުގެ ބައެއް ތަންތަން ވަނީ ފަހުން ވަރަށް ބޮޑަށް އާރާސްތުކޮށް މަރާމާތުކޮށްފައެވެ.

ހާމިސް މިސްކިތުގެ ބޮޑު ދެ މުންނާރު

މި މިސްކިތުގެ މިހާރު ފެންނަން ހުރި އިމާރާތް ކުރިއަށް ދިޔައީ މައިގަނޑު ދެ ފިޔަވައްސަކަށެވެ. މީލާދީން 14 ވަނަ ގަރުނުގެ ތެރޭގައި ލަކުޑި ތަނބުތަކެއް ޖަހައިގެން، ކުރިން ހަދާފައިވާ ނަމާދު ހޯލެއްގެ މަސައްކަތް ނިންމާފައިވާއިރު ފަހުން ވަނީ މިސްކިތުގެ ފުރާޅުގެ މަސައްކަތްވެސް ކުރިއަށް ގެންގޮސްފައެވެ.

ފަހުން މިސްކިތް އާރާސްތުކުރުމުގެ މަސައްކަތްތަކުގެ ތެރެއިން މިހުރާބުގެ ސިފައިގައި ހުރި ލައިމްސްޓޯން ސްލެބެއް ފެނިފައިވެއެވެ. މިއީ މީލާދީން 12 ވަނަ ގަރުނުގައި ހަދާފައިވާ އެއްޗެއްކަމަށް ބަލެވޭއިރު މީގައި ޤުރުއާނުގެ ދެ އާޔަތެއް ލިޔެފައިވެއެވެ.

ހާމިސް މިސްކިތް

މި މިސްކިތަކީ 1960 ގެ އަހަރުތަކާ ހަމައަށް އަޅުކަން ކުރުމަށް ބޭނުންކުރި މިސްކިތެކެވެ. އޭގެ ފަހުން މި މިސްކިތުގެ އަސްލު ގެއްލިފައިވާ އިރު، މިހާރު މި މިސްކިތް ފެންނަން ހުރީ އެތަނަށް ޒިޔާރަތްކުރާ މީހުންނަށް ތާރީހީ ބިނާއެއް ގޮތުގައެވެ. އުމަވީ ޒަމާނުގެ އާކިޓެކްޗަރަލް މަސައްކަތް ފެނިގެންދާ މި މިސްކިތަކީ ރުކުގެ ފަންތަކާ، ޕްލާސްޓަރާ، ހިލަ ބޭނުންކޮށްގެން ހަދާފައިވާ މިސްކިތެކެވެ. މިހާރު މިތަނުން ފެނަންން ހުރި ތަކެތީގެ ތެރޭގައި އެއް ޒަމާނެއްގައި ވުޟޫ ކުރުމަށް ބޭނުންކުރި ގަދީމީ ފެން ބުރުހައާއި ގަބުރުތަކުގެ މަތީގައި ޖަހާފައިވާ ހިލަތައް ހިމެނެއެވެ.