ބްލޫ މިސްކިތް ނުވަތަ އިބްރާހިމް އަޣާގެ މިސްކިތުގެ ނަމުން ވެސް ނަންދެވިފައިވާ އަގްސުންގުރް މިސްކިތަކީ މިސްރުގެ ގާހިރާގައި ހުންނަ ގަދީމީ މިސްކިތެކެވެ. މި މިސްކިތް ހުންނަނީ ދަރުބް އަލް އަހުމަރު ޑިސްޓްރިކްޓްގެ ތައްބާނާ ކުއާޓަރުގައި، ބާބު ޒުވެއިލާ އާއި ގާހިރާގެ ސިޓަޑެލް އާއި ދެމެދުގައެވެ. މި މިސްކިތުގެ ބާނީ ޝަމްސް އައްދީން އަގްސުންގުރާ، އޭނާގެ ދަރިންނާ، ބަހްރީ މަމްލޫކް ސުލްތާން އަން ނާސިރު މުހައްމަދުގެ ދަރިންނާ، އިބްރާހިމް އަޣާ އަލް މުސްތަހްފިޒާންގެ މަހާނަ ހުރީ މި މިސްކިތުގެ ކޮމްޕްލެކްސްގައެވެ.

މި މިސްކިތުގެ މަސައްކަތް ނިންމާފައިވަނީ 1347 ވަނަ އަހަރު މަމްލޫކުގެ ސުލްތާން އަލްމުޒައްފަރު ހަޖީގެ ވެރިކަމުގައި، އަމީރު ޝަމްސްއްދީން އަގްސުންގުރްގެ އަމުރަށެވެ. މި މިސްކިތުގެ މަސައްކަތް ކުރިއަށް ދިޔައިރު އަގްސުންގުރް ވަނީ މުޅި މަޝްރޫއު ސުޕަވައިޒް ކުރެއްވުމުގެ އިތުރުން މިސްކިތުގެ މަސައްކަތުގައި އަމަލީ ގޮތުން ބައިވެރިވެފައެވެ. 15 ވަނަ ގަރުނުގެ ތެރޭގައި ސީރިއާއިން ވަގުފް ގެ ފައިސާ ނުލިބުމާ ގުޅިގެން މި މިސްކިތުގެ ހާލަތު ވަރަށް ބޮޑަށް ދަށްވެގެން ދިޔައެވެ. އަދި ފަހުން މި މިސްކިތް ބޭނުންކުރަމުން އައީ ހަމައެކަނި ބަންދު ދުވަސްތަކާއި ހުކުރު ދުވަހުގެ ހުކުރު ނަމާދަށެވެ.

އަޣާ އަލް މުސްތަހްފިޒާންގެ މަހާނަ

1652 އާއި 1654 އާ ދެމެދު އުސްމާނީ ވެރިކަމުގައި ޖަނީސާރީންގެ ޖެނެރަލެއްގެ ގޮތުގައި ހުންނެވި އަމީރު އިބްރާހިމް އަޣާ އަލް މުސްތަހުފިޒާން ވަނީ މި މިސްކިތުގެ ފުރާޅާއި އާކޭޑްތައް އަލުން އާރާސްތުކޮށް، މިސްކިތުގެ ދެކުނު ނަމާދު ހޯލުގެ ތަނބުތައް އިތުރު ކުރުމުގެ ބޮޑު މަޝްރޫއެއް ފަށާފައެވެ. އަދި މިސްކިތުގެ މުށިތައް ފެހި އަދި ނޫކުލައަށް ބަދަލުކުރުމާ ގުޅިގެން މި މިސްކިތަށް 'ބްލޫ މިސްކިތު' ގެ ނަމުން ނަން ދެވުނެވެ. އޭރު އުސްމާނީ ސަގާފަތާ އެއްގޮތަށް، އަގްސުންގުރް މިސްކިތުގެ ނަން ރަސްމީކޮށް ބަދަލުކުރީ، އެ މިސްކިތް އަލުން އާރާސްތުކުރި ފަރާތުގެ ނަން ކަމުގައިވާ އިބްރާހިމް އަޣާ މިސްކިތު ގެ ނަމަށެވެ. އެހެންނަމަވެސް ފަހުން އެ ނަން ގިނައިން ބޭނުންކޮށްފައެއް ނުވެއެވެ.

1908 ވަނަ އަހަރު 'ކޮމެޓީ ޑި ކޮންޒަވޭޝަން ޑެސް މޮނިއުމަންޓްސް ޑެ ލް އާޓް އަރަބް' އިން އަގްސުންގުރް މިސްކިތް އަލުން އާރާސްތު ކުރިއެވެ. 1992 ވަނަ އަހަރު ގާހިރާގައި އައި ބިންހެލުމުގައި މިސްކިތުގެ ޕޯޓިކޯތަކުގެ އާކްތަކަށް ގެއްލުން ލިބިގެން ދިޔައިރު ފަހުން މިސްރުގެ ސަރުކާރުން ވަނީ މިސްކިތަށް ލިބޭ ގެއްލުން ކުޑަކުރުމަށް ފިޔަވަޅުތަކެއް އަޅާފައެވެ.

އަގްސުންގުރު މިސްކިތް

އަގާ ހާން ޓްރަސްޓް ފޯ ކަލްޗާ (އޭކޭޓީސީ) އިން ވޯލްޑް މޮނިއުމަންޓްސް ފަންޑާ ގުޅިގެން މިސްކިތް އާރާސްތުކުރުމުގެ ބޮޑު މަޝްރޫއެއް 2009 ވަނަ އަހަރު ފެށިއެވެ. ހަ އަހަރު ދުވަހުގެ ބޮޑު މަޝްރޫއަކަށްފަހު، މި މިސްކިތް އާންމުންނަށް ހުޅުވާލީ 2015 ވަނަ އަހަރުގެ މެއި މަހުގެ ތެރޭގައެވެ. މި މިސްކިތް އިފްތިތާހުކޮށްދެއްވީ އެންޓިކިއުޓީސް މިނިސްޓަރު މަމްދޫހް އެލް ދަމަތީ އާއި އަގާ ހާން ޑިވެލޮޕްމަންޓް ނެޓްވޯކްގެ ޗެއާމަން އަގާ ހާން އަދި ގާހިރާގެ ގަވަރުނަރު ގަލާލް ސައީދުގެ ހާޒިރުގައެވެ. މި މިސްކިތް މަރާމާތުކުރުމުގައި އެންމެ ބޮޑަށް ފޯކަސްކޮށްފައިވަނީ ސްޓްރަކްޗަރަލް ސްޓެބިލިޓީ އާއި އެތެރެ ރައްކާތެރިކުރުމާއި ފުރާޅު މަރާމާތުކުރުމަށެވެ.

މިއަދު އަގްސުންގުރް މިސްކިތަކީ މިސްރަށް ޒިޔާރަތްކުރާ ފަތުރުވެރިންގެ ބޮޑު މަންޒިލެކެވެ.