ޓޯކިޔޯ ކެމީ (އަރަބި ބަހުން: ޖަމީ) ގެ ނަމުން ވެސް މަޝްހޫރު ޓޯކިޔޯ މިސްކިތަކީ ޖަޕާނުގެ ޓޯކިޔޯގެ ޝިބޫޔާ ވޯޑްގެ އޮޔާމާ-ޗޯ ޑިސްޓްރިކްޓްގައި ހުންނަ މިސްކިތެކެވެ. މިއީ ތުރުކީގެ ސަގާފީ މަރުކަޒާ ޖެހިގެން ހުންނަ މިސްކިތެކެވެ. އަދި މިއީ ޖަޕާނުގެ އެންމެ ބޮޑު މިސްކިތެވެ.

މި މިސްކިތް ބިނާކޮށްފައި ވަނީ 1938 ވަނަ އަހަރު ގައެވެ. އަދި މިހާރު ފެންނަން ހުރި އިމާރާތް ނިމިފައި ވަނީ 2000 ވަނަ އަހަރުއެވެ. މި އިމާރާތް ފަރުމާކޮށްފައި ވަނީ އުސްމާނީ ސްޓައިލަށް، ހިލްމީ ޝެނަލްޕްއެވެ. މި މިސްކިތް އެންމެ ފުރަތަމަ ބިނާކޮށްފައި ވަނީ އޮކްޓޯބަރު އިންގިލާބަށް ފަހު ޖަޕާނަށް ހިޖުރަކުރި ރަޝިޔާގެ ބަޝްކިރު އާއި ތާތާރުންނެވެ.

މި މިސްކިތް، ސްކޫލަކާއެކު ބިނާކޮށްފައި ވަނީ 1938 ވަނަ އަހަރުގެ މެއި މަހުގެ 12 ވަނަ ދުވަހުއެވެ. މި މިސްކިތް އިމާރާތްކޮށްފައިވަ ނީ މިސްކިތުގެ ފުރަތަމަ އިމާމް އަބްދުއްރަޝީދު އިބްރާހީމާއި އަބްދުލްހައި ކުރުބާން އަލީގެ އިރުޝާދުގެ ދަށުންނެވެ. އުމްރާނީ ގޮތުން ބޮޑެތި ގެއްލުންތަކެއް ލިބިފައިވުމާއެކު 1986 ވަނަ އަހަރު މި މިސްކިތްވަނީ ތަޅާލާފައެވެ.

ޓޯކިޔޯ މިސްކިތް

ތުރުކީގެ ޑިރެކްޓަރޭޓް އޮފް ރިލީޖިއަސް އެފެއާޒްގެ އިރުޝާދާ އެއްބާރުލުމާއެކު 1998 ވަނަ އަހަރު މިސްކިތުގެ އާ އިމާރާތެއް އެޅުމުގެ މަސައްކަތް ފެށިގެން ދިޔައެވެ. އެ އިމާރާތުގެ އާކިޓެކްޓަކީ ހިލްމީ ޝެނަލްޕް އެވެ. މި މިސްކިތުގެ ރީތި ޑިޒައިން ބިނާވެފައިވަނީ އުސްމާނީ ސްޓައިލްގެ މައްޗަށެވެ. ތުރުކީގެ 70 ވަރަކަށް ފަންނުވެރިން މި މިސްކިތުގެ ފިނިޝިން މަސައްކަތްތައް ކުރިއަށް ގެންދިޔައިރު، މި މަސައްކަތަށް ތުރުކީން ގިނަ އަދަދެއްގެ މާބަލް އެތެރެކޮށްފައި ވެއެވެ.

މި އިމާރާތް ނިންމާފައިވަނީ 2000 ވަނަ އަހަރުއެވެ. މި މިސްކިތް ބިނާކުރުމަށް 1.5 ބިލިއަން ޔެން ހޭދަކޮށްފައިވާއިރު މިސްކިތް އިފްތިތާހުކޮށްފައިވަނީ 2000 ވަނަ އަހަރުގެ ޖޫން މަހުގެ 30 ވަނަ ދުވަހު އެވެ.

ޓޯކިޔޯ މިސްކިތުގެ އެތެރެ

ޓޯކިޔޯ މިސްކިތުގެ އެތެރެޓޯކިޔޯ މިސްކިތުގެ ބޮޑުމިނަކީ 734 އަކަމީޓަރު (7،900 އަކަފޫޓު)އެވެ. މި މިސްކިތުގައި ބިންގަރާސް އެއް ފްލޯ އާއި ބިމުން މަތީ ތިން ފްލޯ ހުންނައިރު ޖުމްލަ ފްލޯ އޭރިއާ އަކީ 1،477 އަކަމީޓަރު (15،900 އަކަފޫޓް)އެވެ.

މުޅި ޓޯކިޔޯ މިސްކިތުގެ އެތެރެ އާއި ބޭރުގައި ހުދު ކުލައިގެ އިތުރުން ޓާކިޝް ކުލަތައް ވަރަށް ބޮޑަށް ބޭނުންކޮށްފައި ވެއެވެ. މި މިސްކިތަކީ އުސްމާނީ އާކިޓެކްޗާއަށް މޮޑެލް ކުރެވިފައިވާ މިސްކިތެއް ކަމުން މިސްކިތުގައި ބޭނުންކޮށްފައިވާ ކުލަތައްވަނީ އެއްކުލަ އަނެއްކުލަ އާއި ވަރަށް ބޮޑަށް ގުޅުވާލާފައެވެ.