ޗާގޯސް މައްސަލައިގައި އުފެދިފައިވާ ހިލާފުތަކާ ގުޅިގެން ރާއްޖެއާ އެކު ހާރިޖީ ގުޅުންތަކެއް މެދުކަނޑާލުމަށް މޮރިޝަސްގެ ސަރުކާރުން ނިންމުމާ ގުޅިގެން ކުރީގެ ރައީސް މުހައްމަދު ނަޝީދު ކަންބޮޑުވުން ފާޅުކުރައްވައިފިއެވެ.

އެ މަނިކުފާނު ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ މޮރިޝަސް އިން ރާއްޖެ އާއި އެކު ހާރިޖީ ގުޅުން ކަނޑާލަން ނިންމުމާ ގުޅިގެން ކަންބޮޑުވާ ކަމަށެވެ. އަދި މި މައްސަލައިގައި ދެ ގައުމުގެ ދެމެދުގައި މަޝްވަރާކުރެވި، މިކަމަށް އަވަސް ހައްލެއް ހޯދަން އެދޭ ކަމުގައި ނަޝީދު ވިދާޅުވިއެވެ.

އިއްޔެ މޮރިޝަސްގެ ވަޒީރުންގެ މަޖިލީހުގައި ބޭއްވި ބައްދަލުވުމުގައި ރާއްޖެއާއި އެކު ސިޔާސީ ގުޅުން މެދުކަނޑާލުމަށް ފާސްކޮށްފައިވާއިރު ޗާގޯސްގެ ޖަޒީރާގެ ރަށްތަކުގެ މައްޗަށް މޮރިޝަސްގެ ސިޔާދަތީ ބާރު އޮތް ކަމަށް ރާއްޖޭން ގަބޫލުކުރަން މިހާރު ދެކޮޅު ހަދާފައިވާކަން ވަނި ފާހަގަކޮށްފައެވެ. އަދި އިނގިރޭސި ސަރުކާރާއެކު އެކުލަވާލަން މަސައްކަތް ކުރާ އެއްބަސްވުމަށް ވެސް ރާއްޖޭން އިއުތިރާޒުކުރާކަން ވަނީ ފާހަގަކޮށްފައެވެ.

ޗާގޯސް އިން މި ނިންމުން ނިންމާފައިވާއިރު މިކަމާ ގުޅިގެން އަދި ސަރުކާރުގެ ރަސްމީ ބަހެއް އަދި ނުލިބެއެވެ. ނަމަވެސް ރައްޔިތުންގެ މަޖިލިސް މިއަހަރަށް ހުޅުވަން ބޭއްވި ޖަލްސާގައި ރައީސް ޑރ. މުހައްމަދު މުއިއްޒު އިއްވެވި ރިޔާސީ ބަޔާނުގައި ވަނީ ޗާގޯސްގެ މައްސަލާގައި ކުރީގެ ރައީސް ސޯލިހް ފޮނުއްވި ސިޓީފުޅާ ގުޅިގެން ރާއްޖޭގެ ސިޔާސަތީ ސަރަހައްދުގެ ރައްކާތެރިކަމަށް ނޭދެވޭ އަސަރުކޮށްފައިވާތީ ބައިނަލްއަގްވާމީ މާހިރުންގެ ލަފާއާއެކު އެ ސިޓީ އަނބުރާ ގެންނަން ދިވެހި ސަރުކާރުން އެދިފައިވާ ކަމަށެވެ.