ދިވެހިރާއްޖެ އިން ޑެންމާކަށް ކަނޑައެޅި ނޮން-ރެސިޑެންޓް ސަފީރު ގީލާ އަލީ، ސަފީރުކަމުގެ ފަތްކޮޅު ޑެންމާކްގެ ރަސްގެފާނު ފްރެޑެރިކް ދިހަވަނަ އަށް މިއަދު ހެނދުނު އަރުވައިފިއެވެ.

ފަތްކޮޅު އެރުވުމުގެ ރަސްމިއްޔާތު ބާއްވާފައިވަނީ ކޯޕަންހޭގަންގައި ހުންނަ ކްރިސްޓިއަންސްބޯގް ޕެލަސްގައެވެ.

ފަތްކޮޅުއެރުވުމުގެ ރަސްމިއްޔާތަށްފަހު، ރަސްގެފާނުގެ އަރިހަށް ކުރެއްވި އިހުތިރާމްގެ ޒިޔާރަތުގައި ސަފީރު ގީލާ އަލީ ވަނީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒުގެ ފަރާތްޕުޅުން ޑެންމާކްގެ ރަސްގެފާނަށް ތަހުނިޔާ އާއި ހެޔޮއެދުން އަރިސްކުރައްވާފައެވެ. އަދި ދިވެހިރާއްޖެ އާއި ޑެންމާކާ ދެމެދު އޮތް ގާތް ގުޅުން އިތުރަށް ހަރުދަނާކުރުމަށް މަސައްކަތްކުރަމުން ގެންދާނެ ކަމުގެ ޔަގީންކަން އެރުވިއެވެ.

ފަތްކޮޅު އެރުވުމުގެ ރަސްމިއްޔާތުގައި، ސަފީރު ގީލާގެ އަރިހުގައި ފިރިކަލުން އަބްދުﷲ މުޝްރިފް އަދި ބެލްޖިއަމްގައި ހުންނަ ދިވެހިރާއްޖޭގެ އެމްބަސީގެ ސެކަންޑް ސެކްރެޓަރީ، ހަސަން ނަވާފު ބައިވެރިވެވަޑައިގަތެވެ.