ޕާސްތާއަކީ ދިވެހިންގެ ތެރޭގައި ކުދި ބޮޑު އެންމެންގެ މެދުގައި ވެސް ވަރަށް މަގްބޫލު ކެއުމުގެ ބާވަތެކެވެ. ތަފާތު އެކި ގޮތްގޮތަށް ތައްޔާރުކޮށް ތަފާތާތު ރަހަރަހައާއި ކުލަކުލައަށް ޕާސްތާ ތައްޔާރުކޮށް އުޅެއެވެ. އެގޮތުން މި ފަހަރު 'ދަ ޕްރެސް' ބަދިގެ ސިލްސިލާގައި މި ގެނެސްދެނީ ތަފާތު ގޮތަކަށް ވަރަށް ފަސޭހައިން ޕާސްތާ ތައްޔާރު ކޮށްލެވޭނެ ހާއްސަ ރެސިޕީއެކެވެ.

ގާލިކް ވައިޓް ސޯސް ޕާސްތާ އަކީ ވަރަށް ފަސޭހައިން އަދި ކުޑަ ވަގުތުކޮޅެއްގެ ތެރޭގައި ތައްޔާރުކޮށް ލެވޭނެ މީރު ކެއުމެކެވެ. މިއީ ރޯދާ ވީއްލާއިރުގެ އިތުރުން ތަރާވީހު ގަޑިއަށްފަހުވެސް ކާލަން ރަނގަޅު ކޮއްތަކަށް ވާނެއެވެ.

ބޭނުންވާ ތަކެތި:

  • ޕާސްޓާ (ޕެންނޭ ނުވަތަ ފުސީލީ)
  • 2 ސައިސަމުސާ ބަޓަރު
  • 3-4 ލޮނުމެދު (ހިމުންކޮށް ކޮށާފައި)
  • 2 ސައިސަމުސާ ފުށް
  • 2 ޖޯޑު ކިރު (ފުލް ކްރީމް)
  • ½ ސައިސަމުސާ އަސޭމިރުސް (މުގުރާފައި)
  • ½ ސައިސަމުސާ އޮރެގާނޯ ނުވަތަ މިކްސްޑް ހާބްސް
  • ½ ޖޯޑު ޗީޒް (މޮޒަރެއްލާ ނުވަތަ ޗެޑާ)
  • ރަހަލާވަރަށް ލޮނު
  • ކުޑަ މިރުސްކޮޅެއް (ޗިލީ ފްލޭކްސް - ބޭނުންނަމަ)

ތައްޔާރުކުރާނެ ގޮތް:

އެންމެ ފުރަތަމަ ތަވައެއްގައި ފެން ކައްކަން އުދާށެވެ. ފެންގަނޑު ކެކެން ފެށުމުން އޭގެ ތެރެއަށް ކުޑަ ލޮނުކޮޅަކާއި ތެޔޮކޮޅެއް އެޅުމަށްފަހު ޕާސްޓާ އަޅައިގެން މަޑުވަންދެން ކައްކާށެވެ. ޕާސްޓާ މަޑުވުމުން ފެން ފޭދުމަށްފަހު ބަހައްޓާށެވެ.

ސޯސްގަނޑު ތައްޔާރުކުރުމަށް ތަވައެއް އުދުމަށްފަހު އޭގެ ތެރެއަށް ބަޓަރުކޮޅު އަޅާށެވެ. ބަޓަރުކޮޅު ވިރުމުން އޭގެ ތެރެއަށް ކޮށާފައި ހުރި ލޮނުމެދުކޮޅު އަޅައި، ރަތް ވިޔަނުދީ މީރުކޮށްލާށެވެ. ލޮނުމެދުކޮޅުގެ މީރުވަސް ދުވަން ފެށުމުން އޭގެ ތެރެއަށް ފުށްކޮޅު އަޅާ ގާތްގަނޑަކަށް އެއް މިނެޓު ވަންދެން ހަލުވަމުން ކައްކާށެވެ.

މަޑުމަޑުން ކިރުކޮޅު އަޅަމުން އެއްވެސް ގަނޑެއް ނުހުންނާނޭހެން ރަނގަޅަށް ހަލުވަމުން ގެންދާށެވެ. ސޯސްގަނޑު އޮމާންވެ ކުޑަކޮށް އޮލަވަންދެން ކައްކާށެވެ. ސޯސްގަނޑު އޮލަވާން ފެށުމުން އޭގެ ތެރެއަށް އަސޭމިރުސް، އޮރެގާނޯ، ޗިލީ ފްލޭކްސް އަދި ލޮނު އަޅައި އެއްކޮށްލާށެވެ.

އެއަށްފަހު ޗީޒްކޮޅު އަޅައި ވިރެންދެން މަޑު ގިނީގައި ބަހައްޓާށެވެ. އެއަށްފަހު ތައްޔާރުކުރި ސޯސްގަނޑުގެ ތެރެއަށް ކައްކާފައި ހުރި ޕާސްޓާކޮޅު އަޅާ ރަނގަޅަށް ސޯސްތައް ހޭކޭނޭހެން އެއްކޮށްލާށެވެ.

މިހާރު މިވަނީ މީރު، ހޫނު ގާލިކް ވައިޓް ސޯސް ޕާސްޓާ ތައްޔާރުކޮށް ނިމިފައެވެ. ބޭނުންނަމަ މައްޗަށް ކުޑަ ކޮރިއަންޑާ (ކޮތަންބިރި ފަތް) ކޮޅެއް ބުރުވާލެވިދާނެއެވެ.